ޕާލިމެންޓް އިންކުއަރީ

އިންކުއަރީ އަށް އިލިޔާސް ލަބީބް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކްއަރީ އަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ހާޒިރުކޮށްފި އެވެ.

އިލިޔާސް އަވަސް އަށް މިއަދު ވިދާޅުވީ އޭނާ ހާޒިރުކޮށް ސުވާލުކުރީ މިއަދު ހެނދުނު 10:00 ޖެހިއިރު އޮތް 241 ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެފަދަ ހަމަލާއެއް ދޭން އުޅޭ ކަން އިލްޔާސް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސަމާލުކަމަށް ގެންނަވާފަ އެވެ. އަދި ފަހުން އެކަމާ ގުޅޭ ބަޔާނެއް 241 ކޮމެޓީއަށް ދީފައިވާ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.

ކުރިން 241 ކޮމިޓީގައި ވެސް އިންނެވި އިލްޔާސް ވަނީ މިދިޔަ ހަފްތާގައި އެ ކޮމެޓީން ވަކިވެވަޑައިގެންފަ އެވެ.

މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި އެމްއެމްއޭގެ އިސްވެރިން މީގެ ކުރިން ވަނީ ހާޒިރުކޮށްފަ އެވެ.

އެ އިންކުއަރީ މި ހަފްތާ ތެރޭގައި ނިންމައި ރިޕޯޓް އެކުލަވާލެވޭނެ ކަމަށް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.