ހަބަރު

ލަންކާ ފުލުހުން ލޯ ބޮޑުކޮށްލުމުން ދިވެހިންނަށް ބިރުވެރިކަން؟

Nov 16, 2015
5

ސްރީލަންކާގައި ދިވެހިން މިހާތަނަށް އުޅެމުން އައީ ބޭނުން ގޮތަކަށެވެ. މިނިވަންކަމާ އެކުގަ އެވެ. ބައެއް މީހުންގެ ލަންކާ މީހުންނަށް ވުރެ އެ ގައުމަށް ގަދަ އެވެ. ނަމަވެސް ހ. ހަންޑްރެޑް ފްލާވާ ހުސެއިން ރަޒީން (ރަބަރޭ) ސްރީލަންކާގައި މަރާލުމާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު ލަންކާގެ ގޮނޑުދޮށަށް ލައްވެ، އެ ގައުމުގައި ހުރި ދިވެއްސަކު ހައްޔަރުކޮށް އެ ގައުމުގެ ސްނައިޕަރަކު މާލެއިން ހައްޔަރު ކުރުމަ ގުޅިގެން އެ ގައުމުގެ ފުލުހުންވަނީ ދިވެހިންގެ ބޯކޮޅު ބަލަން ނިންމާފަ އެވެ. މިއާއެކު ލަންކާގައި ތިބި ދިވެހި އާއިލާތަކުން ހާސްކަންވަނީ އިތުރުވެފަ އެވެ.

"ވަރަށް ހާސްވެފައި މީހުން ތިބީ. ކްރިމިނަލް ބައެއްގެ ސަބަބުން އަހަރެމެން ކަމާނުބެހޭ މީހުންނަށް މި ލިބެނީ ބޮޑު ދެރައަކާ ބިރުވެރި ކަމެއް،: ސްރީލަންކާގެ ކޮލަމްބޯގައި ދިރިއުޅޭ އަންހެނަކު ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި ދިވެހި އުޅޭ ބައެއް ގޭގެއަށް ސްރީލަންކާ ފުލުހުން ވަންނަމުން ދާކަމަށް ބައެއް ދިވެހިން ބުނެ އެވެ. އަދި އެ އަޑުތައް ދިވެހި ކޮމިއުނިޓީގެ ތެރޭގައި އޮތީ ވަރަށް ބޮޑު ބިރުވެރި ކަމެއްގެ ގޮތުގައި ފެތުރިގެންފަ އެވެ.

"މިކޮޅުގައި އުޅޭ ދިވެހިން ޖަމާވެ ވާހަކަ ދައްކާ ތަންތަނުގައި ތިބޭ ބައެއް މީހުން ބުނޭ މިހާރު ލަންކާ ފުލުހުން ގޭގެއަށް ގޮސްފައިވާކަމަށް. ވައިބާ ގްރޫޕްތަކުގައިވެސް އެގޮތައް އެބަ ވާހަކަ ދައްކާ. އެހެންވެ ވަރަށް ބިރުން މިތިބީ،" ކޮލަމްބޯގެ ދެކުނުން އޮންނަ ޕިލިޔަންދަލާގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ސްރީލަންކާގައި ރާއްޖޭގެ 12،000 ދިވެހިން ދިރިއުޅެ އެވެ. އަދި ލަންކާއަކީ ދިވެހިން އެންމެ ގިނައިން ޗުއްޓީއަށް ދާ ގައުމެވެ. އަދި ބޮޑު ހަރަދެއް ދިވެހިން ލަންކާގައި ކުރެ އެވެ.

ސްރީލަންކާގެ "ސަންޑޭ ޓައިމްސް" ގައިވާ ގޮތުން ލަންކާ ފުލުހުން ބަލަން ނިންމާފައިވަނީ ދިވެހިން ގިނަ އަދަދަދަކަށް ދިރިއުޅެމުންދާ ނެދިމަލާ އާއި ދެހިވަލަ އަދި ކަޑުވެލަ ފަދަ ހިސާބުތަކުގެ ގެ ތަކެވެ.

ސްރީލަންކާ ފުލުހުންގެ އިންސްޕެކްޓާ ސޮމަރަތްނާ ވިޖޭމުނީ ވިދާޅުވީ ގިނަ ދިވެހިން ވަޒީފާ އަދާ ނުކުރިނަމަވެސް ގިނަ އަދަދަކަށް ފައިސާ ގެންގުޅެ އެވެ.

"ބަލަން އެބަޖެހޭ މަސްތުވާތަކެއްޗާއި ސްމަގްލިންއާ މީހުން ގުޅުމެއް ވޭތޯ،" ސޮމަރަތްނާ ވިދާޅުވި އެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ގިނަ އާއިލާތައް ތިބީ ބިރުންނެވެ.

"މިހާ ދުވަހު މި އުޅުނީ ވަރަށް ރީތިކޮށް. އެކަމަކު މިހާރު އެކަން ގެއްލިއްޖެ. ކުއްވެރިންގެ ސަބަބުން ވަރަށް ދެރަގޮތެއް މިވަނީ،" އެ ގައުމުގައި ހަތަރު ކުދިން ގޮވައިގެން ދިިރިއުޅެމުން އަންނަ މީހަކު ބުންޏެވެ.

ކޮންމެއަކަސް ދިވެހިންނަށް ލަންކާގައި މިހާރު މިވަނީ ތަފާތު ކަމެއް ތަޖުރިބާ ކުރަން ޖެހިފަ އެވެ. އެކަމުގެ ހާސްކަން އާއިލާތަކުގެ މެދުގައި ބޮޑެވެ.