ޔަންމާ އޮރިޖިނަލް ސްޕެއާއާ ޑުޕްލިކޭޓް ސްޕެއާއަށް އޮޑިވެރިން އަހުލުވެރިކުރުމަށް އެމްޓީސީސީ އިން "ޔަންމާ ޖެނުއިން ސްޕެއާ ކެމްޕެއިން 2015" ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.
މި ކެމްޕޭނަކީ ޔަންމާ އޮރިޖިނަލް ސްޕެއާގެ ބަދަލުގައި އިންޖިންތަކުގައި ޑުޕްލިކޭޓް ސްޕެއާ ބޭނުންކުރުމުން އިންޖީނަށް ލިބޭ ގެއްލުންތައް ގިނަވެ އެކަމުގެ ޝަކުވާ އިތުރުވަމުންދާތީ ފޭކާއި އޮރިޖިނަލްގެ ފަރަގު އޮޑިވެރިންނަށް ކިޔައިދޭން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ އެސިސްޓެންޓް ޕްރޮޑަކްޓް އޮފިސާ އަހްސަން ޝެހެނާޒް ވިދާޅުވީ، ޔަންމާ އިންޖީނަކީ އިންޖީނުގައި އަސްލު ބޭނުންކުރަންވާ އޮރިޖިނަލް ސްޕެއާ ބޭނުންކޮށްފި ނަމަ މިހާރު ދިވެހިންނަށް އިންޖީންތައް ގެންގުޅެވޭ އުމުރަށްވުރެ ގިނަ ދުވަހު އިންޖިން ހަލާކުނުވެ ހުންނާނެ މޮޅު ބްރޭންޑެއް ކަމަށެވެ.
ފޭކު ނުވަތަ ޑުޕްލިކޭޓް ސްޕެއާ ބޭނުންކުރުމުން އިންޖިން ގެންގުޅެވޭ މުއްދަތު ކުރުވާ ކަމަށާއި ގިނަ ފަހަރަށް ސްޕެއާ ގަންނަ އިރު އޮރިޖިނަލް އާ ފޭކް އޮޑިވެރިންނަށް ވެސް ވަކިކުރަން ނޭނގޭ ކަމަށެވެ.
އޭނާ ވިދާޅުވީ ކެމްޕޭނުގެ ދަށުން އެމްޓީސީސީގެ އޮފިޝަލުން އަތޮޅުތެރޭގައި ވެސް މައުލޫމާތު ދިނުން ކުރިއަށް ގެންދާނެ ކަމަށެވެ.
ޔަންމާ ޖެނުއިން ސްޕެއާ ކެމްޕެއިނުގެ ދަށުން އެމްޓީސީސީގެ އޮފިޝަލުން މިއަދު ވަނީ މާލޭގެ ނޯތު ހާބަރު ސަރަހައްދުގައި އަޅާފައިވާ ބޯޓުފަހަރުތަކަށް ޒިޔާރަތްކޮށް، އިންޖިންތަކަށް ދިމާވެފައިވާ ކުދި ކުދި މައްސަލަތައް ހައްލުކޮށްދީ، ސްޕެއާ ޕާޓް ތަކާ ބެހޭ މައުލޫމާތު ބޯޓުތަކުގެ ވެރިންނާ ހިއްސާކޮށްފަ އެވެ.
ސްޕެއާ ޕާޓްތަކާ ބެހޭ މައުލޫމާތު މިމަހުގެ ނިޔަލަށް އެމްޓީސީސީ ކަށަވަރު ޝޯރޫމުންވެސް ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.