މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެޑިއުކޭޝަނުން އަނެއްކާ ވެސް ޓެބްލެޓް ހޯދަނީ

Jun 27, 2021
4

އެޑިއުކޭޝަން މިނިސްޓްރީން "ސެޓަލައިޓް ސްކޫލް" ގެ ނަމުގައި ޕްރޮގްރާމެއް ފަށަން، އަނެއްކާ ވެސް ޓެބްލެޓް ތަކެއް ހޯދަން އިއުލާނު ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސެޓަލައިޓް ސްކޫލް ގާއިމް ކުރަން 72 ޓެބްލެޓް ގަންނަން ބޭނުންވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

ސެޓަލައިޓް ސްކޫލިން އަކީ ރާއްޖޭގެ ދަރިވަރުންގެ އާބާދީ ކުޑަ ސްކޫލްތަކާއި ކުދިން މަދު ރަށްރަށުގައި ކިޔައިދޭން ގާއިމް ކުރާ ނިޒާމެކެވެ. މި ނިޒާމު މެދުވެރިކޮށް ކިޔައިދޭނީ ޓެބްލެޓް ބޭނުން ކޮށްގެނެވެ. މި މަސައްކަތް ފެށުމުގެ ގޮތުން ޓެބްލެޓް ހޯދަން ކުރިން ވެސް ތިން ފަހަރެއްގެ މަތިން އިއުލާނު ކުރި އެވެ. ނަމަވެސް އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައެއް ނުވެ އެވެ.

ސްކޫލުތަކުގައި ކިޔައިދޭން މީގެ ކުރިންވެސް ބަޖެޓުން ހަރަދު ކޮށްގެން ޓެބްލެޓު ހޯދާފައި ވެއެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސްކޫލުތައް ޑިޖިޓަލައިޒް ކުރަން 70،000 ޓެބްލެޓް ގެނެސް ދަރިވަރުންނަށް ދިން ނަމަވެސް އޭގެ ބޭނުމެއް ނުކުރެ އެވެ. ނަމަވެސް ސްކޫލްތަކުގެ ފޮތްތައް ޑިޖިޓަލައިޒްކޮށް ޓެބްލެޓްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތެއްގައި ކުރެވޭނެ ގޮތް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިދިޔަ އަހަރު ވިދާޅުވެފައިވެ އެވެ.

ޓެބްލެޓުތައް ގެނައި ކުންފުންޏަށް އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން ދައްކަން ޖެހޭއިރު އެ ފައިސާ ވެސް އަދައެއް ނުކުރެ އެވެ.