ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ބޫޓާން ރަސްގެފާނު ދެއްކެވި ނަމޫނާ

ބޭސްބޯޅަ ތޮތްޕެއް ތުރު ކުރައްވައިގެން ކަކުލާ ހަމަޔަށްދާ ސަގާފީ ހެދުންކޮޅުގައި ބުރަކަށީގައި ބެކްޕެކް އަޅުއްވައިގެން ބޫޓާންގެ ރަސްގެފާނު އެ ގައުމުގެ ޖަންގަލިތަކާއި ފަރުބަދަތަކަށް އަރައިވަޑައިގެން އެމަނިކުފާނުގެ ގައުމުގެ ރައްޔިތުންގެ ހާލު ބައްލަވައި ކޮރޯނާވައިރަހަށް ރައްޔިތުން ހޭލުންތެރި ކުރެއްވުމުގެ މަސައްކަތްޕުޅު ކުރެއްވި އެވެ. މަދިރިއާއި ހަރުފަ އަދި އެނޫން ވެސް ގައިން ލޭބޯ އެތަކެއް ސޫފާސޫތްޕާއި ޖަނަވާރާ އެމަނިކުފާނަށް ޖަންގަލިން ދިމާވި އެވެ. އަދި މި އެއްޗެތީގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުންތައް ވެސް ލިބެމުން ދިޔަ އެވެ. އުސް ފަރުބަދަތަކަށް އަރުއްވައި އެތަންތަނުގައި އުޅޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ވަރުބަލިފުޅުކަމެއް ނެތި އެވެ.

މިއިން ކޮންމެ ދަތުރުފުޅަކުން އެނބުރި ވަޑައިގެން ވެރިރަށުގައި ހުންނަ ހޮޓަލެއްގައި ދެ ހަފުތާ ކަރަންޓީނުވެ ވަޑައިގެން ހުންނަވާފައި ނޫނީ އަމިއްލަ އާއިލާ އާ ބައްދަލެއް ނުކުރައްވަ އެވެ.

ކާރުގަ އާއި އަހުގައި އަދި ހިންގަވާފައި ރަސްގެފާނު ޖިގްމޭ ނަމްގިޔޭ ވަންޗުކް މިގޮތަށް ރައްޔިތުން ކައިރިއަށް ޒިޔާރަތް ކުރެއްވުމުގައި އުޅުއްވާތާ 14 މަސް ދުވަސް ވެއްޖެ އެވެ.

އެމަނިކުފާނުގެ 700،000 އާބާދީގެ ކުޑަ ގައުމުގެ ރައްޔިތުން ކޮރޯނާވައިރަހުން ސަލާމަތްކުރަން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރެވޭތޯ ބެއްލެވުމަށެވެ. މި ދަތި ދަނޑިވަޅުގައި ރައްޔިތުންނަށް ބޭނުންވަނީ ކޮންކޮން ކަންތައްތަކެއްތޯ ބެއްލެވުމަށެވެ. ރައްޔިތުންގެ ހާލު އޮޅުން ފިލުއްވުމަށެވެ. އެ ގައުމުގެ އެންމެ ގާތުގައި އޮތީ އަވަށްޓެރި އިންޑިޔާ އެވެ. އިންޑިޔާގައި ކޮވިޑް-19ގެ ވަބާ އިންތިހާއަށް ގޮސްފައިވާއިރު އެ ގައުމުން ވަރަށް ފަސޭހައިން ބޫޓާނަށް ބަލި އައުމުގެ ފުރުސަތު އޮތެވެ. ނަމަވެސް މިކަމަށް ރަސްގެފާނު ހުންނެވވީ ދުރާލާ ތައްޔާރުވެ ވަޑައިގެން އެކަށީގެންވާ ފިޔަވަޅުތައް އަޅުވައިގެންނެވެ.

އުމުރުފުޅުން 41 އަހަރުގެ ރަސްގެފާނު އަމިއްލަ ފުޅަށް ކުރެއްވި މި މަސައްކަތްޕުޅުގެ އަސަރު ހަގީގަތުގައި ވެސް ދުނިޔޭގެ ލޯމައްޗަށް ފެންނަން އެބައޮތެވެ. އެއްފަރާތުން އިންޑިއާ، އަނެއް ފަރާތުން ޗައިނާ އޮތްއިރު އަދި އެ ގައުމުތަކުގައި ބަލި އިންތިހާއަށް އޮތްއިރު އެމަނިކުފާނުގެ ގައުމުން ބަލި ޖެހުނީ އެންމެ 2000 ވަރަކަށް މީހުންނަށެވެ. އަދި މިބަލީގައި މިހާތަނަށް މަރުވެފައި ވަނީ އެންމެ މީހެކެވެ.

"ރަސްގެފާނު އެތައް މޭލަކަށް ދަތުރު ކުރައްވައި ދުރު ހިސާބުތަކުގައި ހުންނަ ގޭގޭގެ ދޮރުގައި ޓަކި ޖައްސަވައި މީހުންނަށް ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ މައުލޫމާތު އަމިއްލަފުޅަށް ދެއްވައި ބަލީގެ ނުރައްކަލާއި ސަމާލުވެގެން އުޅޭނެ ގޮތް މަޑުމައިތިރިކަމާއި ހިތްޕުޅު ހެޔޮކަމާއެކު ވިދާޅުވެ ދެއްވުމުން އެ ގައުމުގެ ރައްޔިތުން އެ ވާހަކަފުޅުތައް ސީރިއަސް ކަމާއެކު ކަނުލާ އަޑުއަހައި ވިދާޅުވި ގޮތަށް އަމަލު ކުރަން އެ ބަޔަކަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރޭ،" ބޫޓާނުގެ ބޮޑުވަޒީރު ލޯޓޭ ޓީޝާރިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަސްގެފާނު ރައްޔިތުން އަރިހަށް ވަޑައިގަތުން ގައިޑްލައިނަކަށް ވުރެ މާ ރަނގަޅަށް މީހުންނަށް ގަބޫލުކުރަން ފަސޭހަ އެވެ. އެމަނިކުފާނު ރައްޔިތުންނާ ބައްދަލު ކުރެއްވުމުން މި ބަލިމަޑުކަމުގައި އެމީހުން ތިބީ އެކަނި ނޫންކަމާއި ރަސްގެފާނު ވަރަށް ގާތުން އެމީހުންގެ ހާލު ބައްލަވާ ކަން އެމީހުންނަށް ވެސް ގަބޫލު ކުރެވެ އެވެ.

ބޮޑުވަޒީރު ޓީޝަރިން އަކީ ވެސް ޔޫރޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑޮކްޓަރެކެވެ. އޮކްސްފޯޑް ޔުނިވަސިޓީން ތައުލީމު ހާސިލުކުރައްވާފައިވާ ރަސްގެފާނުގެ ދަތުރުފުޅުތަކުގައި އެމަނިކުފާނާއެކު ބޮޑުވަޒީރު ވެސް ވަޑައިގަންނަވަ އެވެ.

މީގެ ނަތީޖާ ބޫޓާނުން ވަރަށް ރަނގަޅަށް ފެނިފައި ވެއެވެ. އެމެރިކާ އާއި އިންޑިއާ ފަދަ އާބާދީ ބޮޑު ގައުމުތަކުގެ އެތައް ބަޔަކު މި ބައްޔާ ހަނގުރާމަކުރަން ޖެހި އެތައް ބަޔަކު ބަލީގައި މަރުވެ ގޮސްފައިވާއިރު 700،000 މީހުންގެ އާބާދީގެ ބޫޓާންގައި ކޮވިޑް-19 ޖެހުނީ އެންމެ 2،000 ވަރަކަށް މީހުންނަށެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން ވެސް މަރުވީ އެންމެ މީހެކެވެ. މީގެ އަސްލަކީ އެ ގައުމުގެ ރައްޔިތުން މި ވަބާއިން ސަލާމަތްކުރަން ރަސްގެފާނު ކުރެއްވި ޚާއްސަ މަސައްކަތްޕުޅެވެ. ކޮވިޑް-19 އެންމެ ކުޑަކޮށް ފެތުރިފައިވާ އެއް ގައުމަކަށް ބޫޓާން ވީ ސަބަބަކީ މިއީ އެވެ.