ބޮލީވުޑް

މީހުން މަލާމާތް ކުރިޔަސް އަރްޖުން އަށް މަލާއިކާ ވަރެއް ނެތް

މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރުގެ ލޯބީގެ ވާހަކަ އަކީ މީހުންނަށް އެހާ ބަލައިގަންނަން ފަސޭހަ ވާހަކައެއް ނޫނެވެ. މިދިޔަ ހަފުތާގައި ފާހަގަކުރި އަރްޖުންގެ އުފަން ދުވަހު މަލައިކާ އޭނާގެ "ސަންޝައިން" އަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔުމުން ވެސް ގިނަ ބަޔަކު އޭނާ އަށް މަލާމާތްކުރީ އެ ގުޅުން ބަލައި ނުގަނެވިގެނެވެ.

މީހުން ހިތްހަމަ ނުޖެހުނަސް އަރްޖުން އަށް ހަމަ މަލައިކާ ވަރެއް ނެތެވެ. އޭނާއަށް ވުރެ މަލައިކާ 12 އަހަރު ދޮށިވުމަކީ އަރްޖުންގެ ނަޒަރުގައި މައްސަލަ އެއް ނޫނެވެ. އަދި 18 އަހަރު ފުރިފައިވާ ދަރިއަކު މަލައިކާގެ ހުރުމަކީ ވެސް އަރްޖުން ކަންބޮޑުވާ ކަމެއް ނޫނެވެ. ނަމަވެސް މަލައިކާ އާއި އަރްޖުންގެ ފޮޓޯތަކަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު މަލާމާތް ރައްދު ކުރާކަން ޚުދް އޭނާއަށް ވެސް އެނގެ އެވެ.

އަރްޖުން ބުނި ގޮތުގައި މަލައިކާ އާއި އޭނާގެ ލޯބީގެ ވަހަކަ ދައްކަން އެހާ ހިތްހަމައެއް ނުޖެހެ އެވެ. ސަބަބަކީ މަލައިކާގެ މާޒީއެއް އޮތީމަ އެވާހަކަ ދައްކަން ފަސޭހަ ނުވާނެތީ އެވެ. އަރްޖުން މި ބުނަނީ މަލައިކާގެ ދަރިއެއް ހުރީމަ މަލައިކާގެ ލޯބީގެ މާ ގިނަ ވާހަކަތައް ދެއްކުމަކީ ދަރިއަށް ނޭދެވޭ އަސަރުތައް ކުރާ ކަމަކަށް ވެދާނެތީ އެވެ.

މަލައިކާ އާއި އޭނާ ކައިވެނި ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބު ދެމުން އަރްޖުން ބުނީ އަދި އެކަމާ ނުވިސްނާ ކަމަށެވެ.

މީހުން މަލާމާތް ކުރިޔަސް އަރްޖުންގެ މައްސަލައެއް ނެތްކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ދަނީ މިކަން އަމަލުން ވެސް ސާބިތު ކުރަމުންނެވެ. ދެ މީހުން އާންމު ތަންތަނުގައި ވެސް ވަރަށް ލޯބިން އުޅޭތަން ވަރަށް ގިނައިން ފެނެ އެވެ.

އަރްޖުން ބުނި ގޮތުގައި މަލައިކާ އަކީ ވަރަށް މިނިވަން އަންހެނެކެވެ. ދުވަހަކުވެސް އޭނާ އެއްވެސް ކަމަކާ ޝަކުވާކޮށެއް ނޫޅެ އެވެ. މަލައިކާގެ ހުރި އޭނާއަށް އެންމެ ރަނގަޅު އެއް ސިފައަކީ މިއީ އެވެ.