ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓްރީ (ޕީއެސް) ގެ މަގާމަށް އަބްދުﷲ ޝިމާޒް އައްޔަން ކުރައްވައިފި އެވެ.
ޝިމާޒް އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެ އެވެ.
ޓްރާންސްޕޯޓްގެ ޕީއެސްގެ މަގާމު ހުސްވެފައި އޮތީ އެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒު މިދިޔަ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ. އޭނާ އިސްތިއުފާ ދެއްވީ އެ މަގާމުން އިސްތިއުފާ ދެއްވަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަންގެވުމުން އެ މަގާމުގެ ޒިންމާ އަދާ ކުރާނެ މާހައުލެއް ނެތް ކަމަށް ވިދާޅުވުމަށް ފަހު އެވެ. އޭގެ ކުރިން ފަޔާޒުގެ މައްސަލަ ސީއެސްސީން ވެސް ބެލި އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތެއް ނުވެ އެވެ.
ފަޔާޒްގެ އިސްތިއުފާއަށް ފަހު ޕީއެސްގެ މަގާމަށް ސާމީ އަގީލް އައްޔަނު ކުރަން ދެ ފަހަރެއްގެ މަތިން މިނިސްޓްރީން ކޮމިޝަނަށް ފޮނުވި އެވެ. ނަމަވެސް ކޮމިޝަނުން އެދުނީ އެހެން ބޭފުޅެއް އެ މަގާމަށް އައްޔަނު ކުރުމަ ށެވެ.
އަލަން އައްޔަން ކުރި ޝިމާޒް ވަނީ އެކި އިދާރާތަކުގައި ވަޒީފާ އަދާ ކުރައްވާފައެވެ. އެގޮތުން އެމްޓީސީސީގެ ޕަބްލިކް ލިމިޓެޑް މެނޭޖަރެއްގެ މަގާމު ވެސް ފުރުއްވާފައިވާއިރު ދިރާގާއި އިކޮނިމިކް މިނިސްޓްރީގެ މަގާމުތައް ވެސް ފުރުއްވެވި އެވެ.