ނިދާކޮޓަރީގެ ތެރެއިން ހަމައެކަނި އިވިއިވި ހުރީ އޭސީއިން އިވޭ "ޒޫން" އަޑެވެ. ފިނިކަމުން މީހަކު ގަނޑުވެދާހާ އެ ކޮޓަރި ފިންޏެވެ. ގަދަ ނޫކުލައާއި އަޅިކުލައިގެ ފާރުތައް، ކޮޓަރިއަށް ފެތުރިފައި އޮތް ފަނޑުއަލިކަމުގައި ވަކިން އަނދިރި ކަމަށް ދައްކައެވެ. ކޮންމެ ދިމާލަކުން ފެންނަނީ ތަނަވަސް ކަމެވެ. ކޮޓަރީގެ މެދަށްވާނޭހެން އެއް ބިތުގައި ކިންގްސައިޒު އެނދު ޖައްސާފައި ހުއްޓެވެ. އާދައިގެ އެނދުތަކަށްވުރެ އުސްކޮށް ހަދާފައި ހުރި އެނދެކެވެ. އެނދުގައި ވަނީ ހަމައެކަނި ގޮދަޑި އެކަންޏެއް ނޫނެވެ. އެތައް ފަށަލައެއް ވެއެވެ. އެ އަގުބޮޑު މަޑު ތަންމަތީގައި ނިދާފައި އޮތް ޒުވާނާ ރަޖާގެ ތެރެއިން ފުރޮޅިލި އެވެ. މަޑުމަޑުން ހިއްލާލި ކަނާއަތްތިލަ ގެނެސް ލޯމަތީ އުނގުޅާލި އެވެ. ނިދީގެ ވަރުބަލިކަމުގެ ތެރެއިން އެ ދެ ލޯ ކިރިޔާ ހުޅުވާލި އެވެ. އޭނާ ތެދުވި އެވެ. ސޮހިގެން ދިޔަފަދަ ހަރަކާތެއް ފަދައިން އެނދުން އެ ޒުވާނާގެ ފައިކޮޅު ތިރިއަށް ބޭލި އެވެ. ފައިދަށުގައި އޮތް ރަގުގައި ފައި ޖެހުމުން އިރުކޮޅަކު އެނދުގެ އަރިމަތީ އިށީނދެލައިގެން އިނެވެ. އޭރު ވެސް އުނަގަނޑާ ހަމައިން އޭނާއާއެކު އެނދުގެ ތިރިއަށް ފައިބާފައި ރަޖާގަނޑު އޮތެވެ. އެ ނަގަން ހިފާލި ނަމަވެސް ބަރުކަމުންނާއި ބޮޑުކަމުން "ކުއިލްޓް" އަތަށް އަންނަ ގޮތެއް ނުވި އެވެ. ރަޖާގަނޑުގައި ހިފައި އެނދުމައްޗަށް އެއްލީ ދެނެވެ. ތެދުވި ގޮތަށް އެނދުގެ ފައިލާކޮޅުގައި ހުރި ދިގު ގޮނޑި ކައިރިއަށް އައެވެ. އަޅިކުލައިގެ ދޫ ހަރުވާޅުގައި ހުރި އެ ޒުވާނާ ގުދުވެލައި ގޮނޑިމަތީގައި އޮތް "ތްރޯ ބްލޭންކެޓް" ނެގި އެވެ. އެ ހިފައިގެން ކޮޓަރިން ނުކުތް އިރު ދޮރު ހުރީ ތަންމިނަށް ހުޅުވާލާފަ އެވެ. އަތުގައި އޮތް ބްލޭންކެޓް ތިރިއަށް އެލިފައި އޮތް އިރު އޭނާއާ އެއްވަރަށް އޭތި ތަޅުމުގައި ކޭތެމުން އައެވެ. ފިޔަވަޅު މަޑުޖައްސާލުމާއެކު ކައިރީގަ ހުރި ކޮޓަރީގެ ދޮރުގައި ހިފާލި އެވެ. ތަޅުނުލާ ހުރުމުން އެ ދޮރު ވެސް ހުޅުވާލި ގޮތަށް އެތެރެއަށް ވަނެވެ. އަދިވެސް އޭނާ އެ ހުރީ ނިދާފައި ކަހަލަ އެވެ. އެނދުގައި މީހަކު ނިދާފައި އޮތްކަން އެނގޭއިރު ވެސް އެ އެނދަށް އޭނާ އެރިއެވެ. އަތުގައި އޮތް ބްލޭންކެޓުން ގައި ނިވާކޮށްލަމުން ނިދީގެ ފުންކަމުގެ ތެރެއަށް އޭނާ ގެނބުނީ އެވެ. އެ ތަންމަތީ ނިދާފައި ދެން އޮތް ޒުވާނާއަށް ކުޑަވެސް ސަމާލުކަމެއް ނުދީ އެވެ.
* * * * *
"ލަމް!... ލަމް!..." ލޯ ހުޅުވާލުމެއްނެތި ނިދިބަރުކަމާއެކު ސުޖާއު ގޮވިއެވެ.
އޮތް ގޮތަށް އޮވެ ގައިދަށަށް ވާހެން އޮތް ވައަތް ސުޖާއު ދަމާލީ އަނބިމީހާގެ ގައިގާ ޖެހޭތޯ އެވެ. ކުއްލިއަކަށް ފޯނުން އަޅަންފެށި އެލާމުގެ އަޑުން މުޅި ކޮޓަރި ވެސް ސިހި ފާރުތައް ތެޅިގަތް ކަހަލައެވެ. އޭނާގެ ބޮލުގައި އެއްޗަކުން ޖެހީހެން ހީވިއެވެ. ނިތްކުރީގައި ރިހެން ފެށި އެވެ. އެނދުމަތިން އަނބިމީހާގެ ގައިގާ އަތް ނުޖެހުމުން ސުޖާއު ބޯ ހިއްލާލިއެވެ. ފަނޑު އަލިކަމުގެ ތެރެއިން ކޮޓަރި ތެރެއަށް އޭނާގެ ނަޒަރު ހިންގާލެވުނެވެ. އެނދު އަރިމަތީ އޮތް ފޯނު ނަގަން ބަނޑުވަތަށް ދެމިގަތެވެ. އެވަގުތު ފާހާނާއާ ދިމާއިން ސުޖާއުގެ ނޭފަތުގައި ޖެހުނީ އަނބިމީހާ ފެންވަރައިގެން ނުކުތުމުން ދުވާ ހިތްގައިމު މީރު ވަހެވެ. އެ ދިމާއަށް އޭނާގެ ނަޒަރު ދަތުރު ކޮށްލި އެވެ.
"ސޮރީ!... ހަނދާން ނެތުނީ އެލާމް ކަނޑާލަން." ފާހާނާއިން ނުކުތް ލަމްހާ ބުނެލި އެވެ. އޭނާ އައީ އަވަހަށް ފޯނުގެ އެލާމް ކަނޑާލާށެވެ. ނަމަވެސް އެނދު ހުރަހަށް ވާހެން، ކުރުއަތް މައްޗަށް ތެދުވެ ފޯނު އަތަށް ލައިގެން ސުޖާއު ބަލަން އޮތް ގޮތް ލަމްހާއަށް ފެނުނީ އެވެ.
"ނަމާދަށް ދާންވީ ދޯ." ފޯނު ބާއްވާފައި ހަށިގަނޑު ތަންމައްޗަށް ދޫކޮށްލަމުން ސުޖާއު އަހާލި އެވެ.
"އެގޮތް ރަނގަޅީ." ރީތިވާ މޭޒުގެ ގޮނޑީގައި އިށީންނަމުން ލަމްހާ ބުންޏެވެ. ހަތަރެސްފައިގަ "ބޮޑީބަޓާ" އުނގުޅާލުމަށް ފަހު ކަނދުރާ ފޮރުވޭވަރުގެ ކުރު އިސްތަށިގަނޑު އޮމާންކުރަން ފެށި އެވެ. ގަދަ ޗޮކުލެޓު ކުލަ ޖައްސާފައި އޮތް އެ އިސްތަށިގަނޑަށް އަނދިރިކަން އެޅިފައި ހުންނައިރު ހީވަނީ ގުދުރަތީ ކަޅުކަމެއް ލިބިފައިވާ އިސްތަށިގަނޑެއް ހެންނެވެ. ބޮލުން ފާޅުވާ ނުރަ އިސްތަށިތައް ފޮރުވާލުމުގެ ގަސްދުގައި ކުރި ކަމެއް ނޫނެވެ. ލަމްހާއަކީ ރީތިކަމާއި ޒުވާން ކަމަށް ލޯބިކުރާ އަންހެނެކެވެ. ވައަތް ފަރާތަށް މަގު ފަޅާލައި އިސްތަށިގަނޑު ބައި ކޮށްލި އެވެ. އެއީ ލަމްހާގެ އާންމު ފުނާއެޅުމުގެ ވައްޓަފާޅި އެވެ. ފައިކުރި ފުޅާ ހަރުވާޅަކާއެކު އަތް ދިގު ޓީޝާޓެއް ލައިގެން ލަމްހާ ނުކުތީ ނަމާދު ކުރާ ބަޔަށެވެ. އޭރު ވެސް ސުޖާއު ކަންނެތްވެފައި އޮތެވެ.
ލަމްހާ އެތައް ފަހަރަކު ގޮވުމުން ވެސް ސުޖާއުގެ ކަންނެތްކަން ބޮޑުވެ އިރުއަރަން ވާއިރަށް ފަތިސް ނަމާދު ކުރެވުނީ ކިރިޔާ އެވެ. އަނބިމީހާ ކޮޓަރިން ނުކުތުމުން އޭނާ އަނެއްކާ ވެސް އެނދުގައި އޮށޯތީ އެވެ. ނުވައެއް ޖަހާއިރު ގޮވާށޭ ބުނެފައެވެ. ކޮޓަރިން ނުކުމެގެން އައި ލަމްހާގެ ލޮލުގައި ހުޅުވާލާފައި ހުރި ދެ ކޮޓަރި ފެނުނެވެ.
"އީހާން..." ހިތާ ހިތުން ލަމްހާއަށް ކިޔާލެވުނެވެ. ކަންތައްވީގޮތް ލަމްހާއަށް އެނގުނީ އެވެ. އެ މަންޒަރަކީ އޭނާއަށް އާ ކަމަކަށް ނުވެއެވެ. މަޑު ހިނގުމުގައި އައިސް އޭނާ އެތަނުން އެއް ކޮޓަރީގެ ދޮރުމަތީ މަޑުކޮށްލި އެވެ. އެނދުގައި އޮތް ދެ ޒުވާނުން ފެނުނެވެ. ލަމްހާ އެތެރެއަށް ވަދެގެން އައިސް އެނދު ކައިރީ މަޑުކޮށްލި އެވެ. އެނދުގެ ބިއްދޮށަށް އެނބުރި އޮތް އަންހެން ކުއްޖާއަށް ބަލާލާފައި މަގަތުގައި އޮތް ފިރިހެން ކުއްޖާގެ މޫނަށް ލަމްހާގެ ނަޒަރު ހުއްޓާލި އެވެ.
* * * * *
"ރަނގަޅު މަންޒަރެއް ފެންނަނީތަ؟" ވިލްދާން އަހާލި އެވެ. އޭނާ އައިސް ހުއްޓުނު ގޮތަށް އެކުވެރިޔާގެ ކޮނޑުގައި ޖަހާލިއެވެ. ލާންޗު އަތުވެއްޖެކަމުގެ ޚަބަރު ވިލްދާނަށް އޭނާ ދިނެވެ. އެއާއެކު ދެން ތިބި މީހުންގެ ކައިރިއަށް އެ ދެ ޒުވާނުން އެކުގައި ހިނގައިގަތެވެ.
ރިސޯޓު މިއުޒިކު ކުޅޭ އެ ބޭންޑަކީ ދާއިރާއަށް ޅަ މޫނުތަކެއް ހިމެނޭ ބޭންޑެކެވެ. ޖުމްލަ ހަތަރު މެންބަރުންގެ މައްޗަށް ހިމެނޭ އެ ބޭންޑުގައި ކޮންމެ މީހަކީ ވެސް މިއުޒިކު ކުޅުމުގެ އިތުރުން ވަޒީފާތަކަށް ނުކުންނަ މީހުންނެވެ. ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަން ބޭނުން ވިޔަސް އެކަމަށް އޮތް ހުރަހަކަށް ވަޒީފާ ވެއެވެ. ކިތަންމެ މިނިވަންކަމާއެކު އެ އުފަލަށް އިޖާބަދޭން ބޭނުން ވިޔަސް އާއިލާގެ ނުފޫޒުން އެތަނުން ބައެއް މެންބަރުންނަށް ސަލާމަތެއް ނުވެވުނެވެ. އެ އާއިލާތަކަށް އޮފީހެއްގައި މަސައްކަތް ނުކުރަންޏާ ވަޒީފާއެއް އަދާ ކުރާކަމަށް ނުވަނީއެވެ.
މިއުޒިކު ކުޅޭ ސަމާނުތަކާއެކު އެންމެން ލާންޗަށް އެރިއެވެ. މާލޭގެ މަލަމަތި ފެނުނުއިރު އާ ދުވަހަކަށް ދުނިޔެމަތި އަލި ކުރަން ފަށައިފި އެވެ. ރޭގައި ރިސޯޓުގައި ހާއްސަ ހަފުލާއެއް އޮތްއިރު އެކަން ނިމުމަކަށް އައީ ފަތިހު ހަތަރެއް ޖަހާ ދިޔަ ފަހުންނެވެ. ނިންޖަށްވުރެ އެންމެންގެ ސަކަރާތް ބޮޑުވެފައި ތިބިއިރު އެކަކުވެސް އަރާމުކޮށްލަން ހަމަޖެހިފައި ހުރި ކޮޓަރިއަށް ނުދިޔަ އެވެ. ނިދައިފިނަމަ ހޭނުލެވުމުގެ ފުރުސަތު ވެސް އޮތީމައެވެ. ޔަގީނުން ވެސް އެތަނުން އެކަކު ފިޔަވައި ދެން ތިބި އެކަކަށް ވެސް މާލެ އެރުމަށްފަހު ނިދާނޭ ވަގުތެއް ވާނީ ވަޒީފާ ނިންމާފައި ގެއަށް އާދެވުނު އިރަކުންނެވެ.
"ލައިޒަލް." ވިލްދާން ގޮވާލި އެވެ.
ލާންޗުގެ ދުވެލީގެ ސަބަބުން ލޮނުގަނޑަށް އަންނަ ބަދަލުތަކަށް ގެއްލިފައި އިން ޒުވާނާ އިސް އުފުލާ ބަލާލީ ދެނެވެ. ވިލްދާން އިންތަނުން ތެދުވެގެން އައިސް ލައިޒަލްގެ ގާތުގައި އިށީނެވެ. އެމީހުންގެ ދަތުރުތައް އަޅައިދޭ ލާންޗަކީ ލައިޒަލް ހަމަޖައްސައިދީފައި އޮންނަ ފަސޭހައެކެވެ. އޭނާއަކީ ގުރޫޕުގެ ލީޑް ގިޓަރިސްޓެވެ.
"ސަޔަށް އަރާނެތަ؟" ވިލްދާނު އަހާލި އެވެ. އާދަކޮށް ރިސޯޓުން ހެނދުނު މާލެ އަންނަ ދުވަހެއްނަމަ ގުރޫޕު އެންމެން އެއްކޮށް ސައިބޯން އެރުމަކީ އާދައެކެވެ.
"މިއަދަކު ނޫން." ދުވަހުގެ ތަވާލު އޮތް ގޮތް އެނގޭތީ ލައިޒަލް ބުނެލި އެވެ.
މާލެއަށް ފޭބުމާއެކު ރިޝްވާނުގެ ސައިކަލު ފަހަތުގައި އަދުހަމް ދިޔަ އެވެ. އެއްއަތުން ގިޓާފޮށި ހިފަހައްޓާލައިގެން ލައިޒަލް ތަންކޮޅެއް ދުރަށް ހިނގަން ޖެހުނެވެ. އޭނާއާއެކު ވިލްދާނު އައެވެ. ވިލްދާނަކީ ބޭންޑުގެ ޑްރަމަރެވެ. އެ ބޭންޑާއި ލައިޒަލް ގުޅުނީ ވެސް ވިލްދާނު ކުރުނުކޮށްގެންނެވެ. ދުރުގައި ޕާކުކޮށްފައި އޮތް ކާރަށް ލައިޒަލް އެރިއެވެ. އަނެއްފަރާތުން ކުރީ ސީޓަށް ވިލްދާނު އެރިއެވެ. ގެއާ ދިމާއަށް ލައިޒަލް އައީ އެކުވެރިޔާގެ ގޭ ދޮށަށް ފުރަތަމަ މަޑުކޮށްފައެވެ.
"ލައިޒަލް." ގޭތެރެއަށް ވަދެގެން އައި ކާފަ ދަރިފުޅު ފެނުމާއެކު ފިރާގު ގޮވާލި އެވެ. އެ މޫނުން ލުއި ހިނިތުންވުމެއް ފާޅުވާން ހުއްޓެވެ. އެ ދަރިފުޅަކީ އޭނާގެ ލޮލުގެ ފިނި ކަމެވެ.
"މިއަދު ދާންޖެހޭކަން ދަރިފުޅު ހަނދާން އެބަހުރިތަ؟ ހަމްދާނު އަންނާނެ ލައިޒަލް ގޮވައިގެން ދާން. ސައި ބޮއެގެންނު ދާނީ." ލައިޒަލް މަޑުކޮށްލުމުން ފިރާގު ވާހަކަ ދެއްކި އެވެ.
"ހަނދާން އެބަހުރި، ސައި ތައްޔާރުވީމަ ރަޝިއްތަ ކައިރީ ބުނޭ ގޮވާލާށޭ." ލައިޒަލް މިހެން ބުނެ އެތެރެއަށް ވަދެގެން ދިޔަ އެވެ.
* * * * *
"އެލާވް ޔޯސެލްފް ޓު ހޯޕް، ޓު ޑްރީމް، ޓު ޓްރަސްޓް އަގެއިން. ޑޯންޓް ލެޓް އަ ފިއު ބޭޑް މެމޮރީޒް ސްޓޮޕް ޔޫ ފްރޮމް ހެވިން އަ ގުޑް ލައިފް. ގިވް ޔޯ ލަވް ޓު އަ ގިވާ ލައިކް ޔޫ. ސީ ޔޫ ސޫން ބިގް ބޭބީ." ފޯނުގައި ލިޔަމުން ދިޔަ ވަރަކަށް ހިތާހިތުން ބަސްތައް ކިޔަމުން ދިޔައެވެ. ކޮނޑުގައި މީހަކު މަޑުމަޑުން ޖަހާލުމުން ކާކުތޯ ބަލާލި އެވެ. ފޯނު އަތްދަބަހުގެ ތެރެއަށް ލުމާއެކު ކައިރީގަ ހެވިފައި ހުރި އަންހެންކުއްޖާއާ އެފަދަ ފުޅާ ހިނިތުންވުމެއް އޭނާ ބަދަލު ކޮށްލި އެވެ.
"ކާކު؟" ދެއަތުގެ އިޝާރާތުން އެ އަންހެންކުއްޖާ އަހާލިއެވެ. އެއާއެކު ހަމައެފަދައިން، އަތުގެ އިޝާރާތުން އޭނާ ޖަވާބުދިނީ ހިނި އައިސްފަ ހުރެއެވެ.
"މިއަދު ހިނގާބަލަ އަހަރެމެންނާއެކު. ޝަފީ މެޑަމް ވެސް ބައިވެރިވާނެ... ކުރިއަށް މިއޮއް އަންނަނީ ނުލާހިކު ބޮޑު ދުވަހެއް. އެންމެން ވެސް ދައްކާ ނީރާ އަހަރެމެން ތެރޭގަ ބާއްވާ ކަންކަމުގައި ބައިވެރިނުވާ ވާހަކަ. އަސްލު ބުނެބަލަ!... ކީއްވެތަ އެހާ އަވަހަށް ގެއަށްދަނީ؟ މަންމައެއް ނޫންކަން އެނގޭ ޔޫއަށް ގުޅަނީ. ބޯއިފްރެންޑް ދޯ! ނުފެނި ގިނައިރުވާތީ ކެތް ނުވަނީތަ!" ދާލިޔާ އަތުގެ ހަރަކާތުން އެތައް ވާހަކައެއް ދައްކާލަމުން ހީނގަތެވެ. އެ ވާހަކަތަކުގައި ދިމާކުރުންވާކަން ނީރާ ދެނެގަތެވެ.
އެހެން މީހުންގެ ކަންފަތްތަކަށް ހިމޭންވެފައިވާ އަޑަކުން އެ ދެ އަންހެންކުދީން ވާހަކަ ދައްކަމުން އިދާރީ ބައިން ނުކުތެވެ. އެ ދެ މީހުންނަކީ ވެސް ދެ ޓީޗަރުންނެވެ. އަޑުއިވުމުންނާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ ކުދީންނަށް ކިޔައިވައިދޭ ހާއްސަ ޓީޗަރުންނެވެ. ރާއްޖޭގައި އެފަދަ ކުދީންނަށް ކިޔަވައިދޭ ތަންތަން ނިސްބަތުން މަދެވެ. އެ އެސޯސިއޭޝަންއަކީ ހަމައެކަނި ހާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް ޓަކައި ބަޔަކު ހުޅުވާލި ރަނުގެ ފުރުސަތެވެ. އެފަދަ އެއްވެސް ކުއްޖަކީ ތަޢުލީމާއި މުޖުތަމައުން ފުރުސަތު ނުލިބިފައި ހުންނަން ޖެހޭނެ ކުއްޖެއް ނޫންކަން އެމީހުން ސާބިތު ކޮށްދެ އެވެ. ޒުވާން ވިޔަފާރިވެރީން ތަކެއްގެ ހިއްސާގައި ކުރިއަށްދާ އެ އެސޯސިއޭޝަންއަށް އަމިއްލަ ފަރާތްތަކުގެ ބޮޑު ތަރުހީބަކާއި ތަފާތު އެހީތައް ލިބެމުންދެއެވެ.
"ހެދުން ފަހަން މިހާރު އުޅެގެން އެހާތަނަށް ފައިނަލް ވާނީ. ޝަފީ މެޑަމް ބުނި އެންމެން އެއްތަނުން ގަތީމައޭ ކުލަ ދިމާވާނީ." ދާލިޔާ ދެއްކި ވާހަކައަށް ނީރާ ވަކި އެއްޗެއް ނުބުނުމުން އޭނާ ދެން ފެށީ އެހެން ވާހަކައެކެވެ.
ދެ އަންހެން ކުދީން ނުކުތީ މެންދުރު ލިބުނު ހުސްވަގުތުގައި ކައިރީގަ ހުރީ ރެސްޓޯރެންޓަށް ދިއުމަށެވެ. ހޫނުގަދަ ދުވަހެއްކަމުން ފިނިއެއްޗެއް ބޯލަން އެމީހުން ތިބީ ބޭނުންވެފަ އެވެ. ދާލިޔާގެ ވާހަކަ ގިނައެވެ. އެކަކުއަނެކަކަށް ނަޒަރު ސީދާނުކޮށް ވާހަކަދެއްކުން އުނދަގުލެވެ. ހަރަކާތަށް ނުބަލާ އެބުނާ އެއްޗެއް ފަހުމް ކުރުން ދަތިވީމައެވެ.
ގޭޓުން ވަދެގެން އައި ކާކުކަމެއް ދެ އަންހެން ކުދީންނަށް ވެސް ނޭނގެއެވެ. ލޮލުގައި އަޅައިގަތީ ހަލުވިކޮށް އައި އެ މީހާ ކައިރިވެފައި ވަނިކޮށެވެ. ދެ އަންހެންކުދީން ޖެހުނީ ދެފަރާތަށެވެ. އެމީހާ ވެސް ނެގި ފިޔަވަޅާއެކު އެއްފަރާތަށް ޖެހުމުން ނީރާއާ މުޑި އެރިއެވެ. ނީރާ ވެއްޓެން ދިއުމުގެ ކުރީން އޭނާގެ ކޮނޑަށްވުރެ ތިރީން ދެއަތުގައި ހިފަހައްޓަމުން އެ ޒުވާނާ ބަލާލިއެވެ. ތިރިއަށް ވެއްޓިފައި އޮތް އެ ޒުވާނާގެ ފޯނު ނީރާއަށް ފެނުނެވެ. އޭނާ ވެސް އެ އައީ ކަމަކަށް ގެއްލި ހުރެކަން ލަފާކުރަން ނީރާއަށް އެނގުނީ އެހެންވެއެވެ.
"ސޮރީ..." އެ ޒުވާނާ ބުންޏެވެ. ވެއްޓުނު ފޯނަށް ގެއްލުމެއް ލިބިދާނޭތީ އޭނާ ކަންބޮޑުނުވާ ކަހަލައެވެ. ހައިރާންކަމާއެކު ކަޅިވެސް ޖަހާނުލައި ނީރާގެ ލޯ އަމާޒުވެފައި ހުރީ އެ ޒުވާނާގެ ދެ ލޮލަށެވެ. ޔަގީނުން ވެސް އެއީ ރާއްޖެއިން މިހާތަނަށް އެހާ ކައިރިން ނީރާ ދުށް އެންމެ ރީތި ދެ ކަޅިއެވެ. ނުލާއި ފެހިކުލަ ފާޅުވާން ހުރިއިރު ބަލާ ފޫހިނުވާފަދަ ޖާދުވީ އަޖައިބެއް ފަދައެވެ. އެހެންވިޔަސް އެ ދެ ލޮލުން ނުރައްކާތެރިކަމެއްގެ އިންޒާރު ނީރާއަށް ކުރެވުނެވެ. ހިންދިރުވާލެވުނީ ބަޔާންކުރާން ދަތިވީ ފަދަ ބީރައްޓެހި އިހްސާސެއްގެ އަސަރު ހިތަށް ވެރިވީތީއެވެ. އަވަހަށް ދުރަށް ފިޔަވަޅެއް އޭނާ އަޅާލިއެވެ. އެއާއެކު އެ ޒުވާނާ ވެސް ނިކަން އަވަހަށް އޭނާގެ ގައިން ދޫކޮށްލައިފިއެވެ. އެމީހުންގެ އަނެއްފަރާތުގައި ހުރި ދާލިޔާ އިޝާރާތް ކުރީ ލާނެތްކަން އެކުލެވޭ ބަސްތަކަކުންނެވެ. ދެ ލޯ ބޮޑުކޮށްލަމުން އެ މޭރުމުން ނީރާ ޖަވާބުދިނެވެ. އަދި އަވަހަށް އެ ޒުވާނާއާ ދުރަށް ހިނގައިގަތެވެ. ނަމަވެސް ފިޔަވަޅު ނަގާފައި ނީރާ ހުއްޓުނެވެ. ފަސްއެނބުރި ޒުވާނާއަށް ބަލާލިއިރު އޭނާ ވެއްޓުނު ފޯނު ނެގީއެވެ. ދެ އަންހެން ކުދީން މަޑުކޮށްގެން ތިބިކަން އެނގި އެ ޒުވާނާ ބަލާލުމުން ނީރާ އަތުގެ އިޝާރާތުން "ސޮރީ"އޭ ބުނެލި އެވެ. އެއްޗެކޭ ނުބުނެ އެ ޒުވާނާ އެނބުރިލި ގޮތް ފެނި އެ ދެ އަންހެން ކުދީން ގޭޓުން ނުކުންނަން އަވަސް ވެލި އެވެ. ނަމަވެސް ފަސްއެނބުރި އަނެއްކާވެސް ނީރާއަށް ބަލާލެވުނެވެ. އެ ޒުވާނާ ހުއްޓި ބަލަން ހުރިކަން ފާހަގަވީ ދެނެވެ. ދާލިޔާގެ އަތަށް ދަމާލަމުން އެ އަތުގައި ހިފައިގެން ނީރާ ހިނގުން ބާރުކޮށްލީއެވެ. އެ ޒުވާނާގެ ކުރިމަތިން ގެއްލެން ބޭނުންވެފައި ހުރިވަރުންނެވެ. (ނުނިމޭ)