އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނާއިބު ރައީސް އިސްމާއީލް ހަބީބް އަބްދުއްރަހީމް ޖިންސީ ގޯނާ ކުރި ކަމަށް ކުރާ ތުހުމަތުތަކުގެ މައްސަލަ ކޮމިޝަނުގެ އެންޓި ހެރަސްމަންޓް ކޮމިޓީއިން ބެލުމަށް ފަހު މަޖިލީހަށް އަލުން ފޮނުވައިފި އެވެ.
މީގެ ކުރިން އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމެޓީ ވެސް ބެލި އެވެ. އެ ކޮމެޓީން އޭރު ނިންމީ އެ މައްސަލަ އީސީގެ އެންޓި ހެރަސްމަންޓް ކޮމިޓީން ފުރަތަމަ ބެލުމަށް އަންގާށެވެ. އަދި އެއަށްފަހު މަޖިލީހަށް ހުށަހެޅުމުން އެކަމާމެދު ގޮތެއް ނިންމާށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އީސީގެ ކޮމެޓީން އެ މައްސަލަ ނިންމުމަށް ފަހު މަޖިލީހަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފޮނުވާފައިވާ ކަމަށެވެ.
"އަދި އެ މައްސަލަ އެޖެންޑާއެއް ނުކުރޭ. އެޖެންޑާ ކުރީމަ ދެން އެކަމާމެދު ގޮތެއް ނިންމާނީ" ރޮޒައިނާ ވިދާޅުވި އެވެ.
ހަބީބް ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނާ މައްސަލައެއް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކުރިން އޮތީ ހުށަހަޅައިފަ އެވެ.
ހަބީބްގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއް ކުރެވުނު އިރު އީސީގެ ނާއިބު ރައީސްކަމުގައި ކުރިން ހުންނެވި އަހުމަދު އަކްރަމްގެ ވެސް އެފަދަ މައްސަލައެއް މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ބަލައި އަކްރަމް ވަކި ކުރަން ނިންމި އެވެ. އަކްރަމް ފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އީސީގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް ވެސް ދާދި ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.