ހަބަރު

އީސީގެ ބަސް ނުހޯދައި ވާހަކަ ނުފަތުރަން ގޮވާލައިފި

Nov 21, 2020
4

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަހެއް ނުހޯދައި، އެ ކޮމިޝަނާ ގުޅޭ ވާހަކަ ފަތުރައި އެ ކޮމިޝަންގެ އަގުވައްޓާލަން މަސައްކަތް ކުރުން ހުއްޓާލުމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އާދަމް ގޮވާލައްވައިފި އެވެ.

އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމަށް އަމާޒު ވެފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއި ގުޅިގެން އޭނާ އީސީގެ މެންބަރު ކަމުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ. މި ނިންމުމާއެކު އަކްރަމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކުރީގެ އިސް މެމްބަރެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައާ ހެދި އެތަނުގެ މުވައްޒަފަކު އަމިއްލައަށް މަރުވާން އުޅުނު ކަމަށް، ކޮމިޝަނުގެ މެމްބަރަކާ ހަވާލާދެއްވައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރަކު ވިދާޅުވިކަމަށް ނޫހެއްގައި ޝާއިއުކުރި ހަބަރަކާ ގުޅިގެން ޝަރީފް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރައްވައިފަ އެވެ.

މިގޮތުން، އެ ކޮމިޝަންގެ ކަންކަން މިހާރު އިސްލާހު ކުރެވިފައިވާކަން މަޖިލީހުގެ ކޮމިޓީން ބުނެފައިވާއިރު، އެ މެންބަރު އެވާހަކަ ވިދާޅުނުވީ ކީއްވެތޯ ޝަރީފް ވަނީ ސުވާލުކުރައްވައިފަ އެވެ.

"ސިއްރުކޮށްގެން ބޭއްވުނު ކޮމިޓީއެއްގައި ދެއްކުނު ވާހަކައެއް، އެއީ ހަގީގަތަކަށް ހަދައިގެން އެ ކޮމިޓީގެ މެންބަރަކު ކޮމިޓީގެ ނަމުގައި ދެއްކިދާނެބާ؟" އޭނާ އިތުރަށް ސުވާލު އުފެއްދެވި އެވެ.

އަދި އީސީގެ ބަހެއް ނުހޯދައި، ހަގީގަތާ ހިލާފު ވާހަކަ ފަތުރައިގެން އެ ކޮމިޝަންގެ އަގުވައްޓާލަން މަސައްކަތް ކުރުން ހުއްޓާލުމަށް އޭނާ ވަނީ މީޑިއާތަކަށް ގޮވާލައްވައިފަ އެވެ.

މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ އަކްރަމް ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކާއި ގުޅިގެން އޭނާ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި މަގާމުން އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގައި ދެމި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭތީ ކަމަަށެވެ.

"ނަމަވެސް އަޅުގަނޑުގެ މައްޗަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށައަޅާފައިވާ މައްސަލައެއް ކަމަށާ އެ މައްސަލާގައި ތުހުމަތު ކޮށްފައިވާ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން ހިނގާފައިނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. އަދި އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލް މައުުލޫމާތު ހެއްކާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހިއްސާކޮށްފައިވާނެއެވެ،" އަކްރަމްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.