އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމް އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ އަކްރަމް މިއަދު ވަނީ ރައީސް ސޯލިހަށް އިސްތިއުފާގެ ސިޓީ ފޮނުވާފައެވެ. އެ ސިޓީގައި އަކްރަމް ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކާއި ގުޅިގެން އޭނާ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގައި ދެމި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭތީ ކަމަަށެވެ.
"ނަމަވެސް އަޅުގަނޑުގެ މައްޗަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށައަޅާފައިވާ މައްސަލައެއް ކަމަށާ އެ މައްސަލާގައި ތުހުމަތު ކޮށްފައިވާ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން ހިނގާފައިނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. އަދި އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލް މައުުލޫމާތު ހެއްކާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހިއްސާކޮށްފައިވާނެއެވެ،" އަކްރަމްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އަކްރަމް މެންބަރު ކަމުން ވަކިކުރަން މަޖިލީހުގެ ކޮމެޓީޏް ނިންމީ އޭނާގެ މައްޗަށް ކުރެވިފައިވާ ޖިންސީ ގޯނާގެ ތުހުމަތުތައް ބެލުމަށްފަހު އެވެ. އެ މައްސަލައާ ގުޅިގެން އެ ކޮމެޓީއަށް އަކްރަމްވެސް ހާޒިރުކުރިއެވެ. އަދި އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނާ އަންހެން މުވައްޒިފުންވެސް ވަނީ އެ ކޮމެޓީއަށް ހާޒިރުކޮށްފައެވެ.
ސިއްރުން ކުރިއަށް ގެންދިޔަ އެ ބައްދަލްވުންތަކުގައި މެންބަރުން ވަނީ ގިނަ ސުވާލުތަކެއް ކޮށްފައެވެ. އެ ކޮމެޓީގެ މެންބަރަކު ރޭ ވިދާޅުވީ ދެ ފަރާތުގެ ވާހަކަތަކަށް ފަހު ކޮމެޓީން ނިންމީ އަކްރަމް މަގާމުން ވަކިކުރަން ފެންނަ ކަމަށެވެ. އެ ގޮތަށް ހަތް މެންބަރަކު ވޯޓް ދެއްވިއެވެ.
އައު ދައުރަކަށް ދާދި ފަހުން އައްޔަން ކުރެއްވި އަކްރަމް އަކީ މަޖިލީހުގެ 77 މެންބަރުންގެ ވޯޓާއެކު ދެ ވަނަ ދައުރެއް ހޯއްދެވި މެންބަރެކެވެ.