ޖިންސީ ގޯނާ

ގެވެށި އަނިޔާއަށް ފަރުވާދޭ ތިން މަރުކަޒެއް ގާއިމުކުރަނީ

ގެވެށި އަނިޔާގެ ޝިކާރައަށް ވާ މީހުން ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް ތިން މަރުކަޒެއް ގާއިމު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރިޔާސީ ބަޔާން އިއްވަވާ ރައީސް ސޯލިހް މިއަދު ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަށް ވާ މީހުން ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން އެފަދަ މީހުންނަށް ހާއްސަކޮށްގެން ތިން މަރުކަޒެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ މަރުކަޒުތައް ގާއިމު ކުރަން ނިންމާފައިވަނީ ރ. އުނގޫފާރާއި ހުޅުމާލެ އަދި ސ. ހިތަދޫ މަރުކަޒުގައެވެ.

މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގާ ތިބޭ ކުދިންގެ ރައްކާތެރިކަމާ ދެވޭ ހިދުމަތް ހަރުދަނާކޮށް އާއިލީ ވެށީގެ ބައްޓަން އެކުދިންނާ ކައިރި ކޮށްދޭން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ދައުލަތުގެ ބެލުމުގެ ދަށުގާ ކުދިން ބޭތިއްބުމުގެ ހުރިހާ އިންތިޒާމެއްވެސް އަލުން މުރާޖާކޮށް ހަރުދަނާ ކުރަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

"ތިބޭ ތަނާ އެ މާހައުލާ ހިނގާފާނެ ކަމެއްގެ މައްޗަށް ތިންވަނަ ލޮލެއް ބޭނުންވޭ. ވިލިމާލެ ކުޑަކުދިންގެ ހިޔާ އާ ހުޅުމާލެ ފިޔަވަތިން އަތޮޅުތަކަށް ބަދަލުކުރެވުނު ކުދިންނަށް އިޖްތިމާއީ އާއިލީ ވެއްޓެއް ހޯދާދިނުގެ ފިޔަވަޅުތަކެއް ސަރުކާރުން މި ދަނީ އަޅަމުން. ކުރިންތިބި ގޮތަށްވުރެ ހިތްހަމަޖެހޭ ރަނގަޅު ރައްކާތެރި ގޮތްތަށް އެކުދިންނަށް މި ގެންދަނީ ހޯދާދެމުން،" ރައީސް ވިދާޅުވިއެވެ.