އިލެކްޝަންސް ކޮމިޝަން

އީސީގެ ނާއިބް ރައީސް އަކުރަމް ވަކިކުރަން ކޮމެޓީން ނިންމައިފި

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމް އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

އަކްރަމް މެންބަރު ކަމުން ވަކިކުރަން ނިންމާފައިވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ޖިންސީ ގޯނާގެ ތުހުމަތަކާއި ގުޅިގެންނެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެ މައްސަލަ ބަލާފައެވެ. އެ މައްސަލައާ ގުޅިގެން އެ ކޮމެޓީއަށް އަކްރަމްވެސް ހާޒިރުކުރިއެވެ. އަދި އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނާ އަންހެން މުވައްޒިފުންވެސް ވަނީ އެ ކޮމެޓީއަށް ހާޒިރުކޮށްފައެވެ.

ސިއްރުން ކުރިއަށް ގެންދިޔަ އެ ބައްދަލްވުންތަކުގައި މެންބަރުން ވަނީ ގިނަ ސުވާލުތަކެއް ކޮށްފައެވެ. އެ ކޮމެޓީގެ މެންބަރަކު މިރޭ ވިދާޅުވީ ދެ ފަރާތުގެ ވާހަކަތަކަށް ފަހު ކޮމެޓީން ނިންމީ އަކްރަމް މަގާމުން ވަކިކުރަން ފެންނަ ކަމަށެވެ. އެ ގޮތަށް ހަތް މެންބަރަކު ވޯޓް ދެއްވިއެވެ.

އައު ދައުރަކަށް ދާދި ފަހުން އައްޔަން ކުރެއްވި އަކްރަމް އަކީ މަޖިލީހުގެ 77 މެންބަރުންގެ ވޯޓާއެކު ދެ ވަނަ ދައުރެއް ހޯއްދެވި މެންބަރެކެވެ.