ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަރުވާދޭން ބޭރުގެ ސްޕެޝަލިސްޓުން ގެންނަނީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ފަރުވާ ދިނުމަށް ބޭރުގެ ހަ ސްޕެޝަލިސްޓަކު ގެނެސް އައިޖީއެއެޗްގައި ހިދުމަތް ދޭގޮތަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ލޯއެންޑް ޖެންޑާ އިން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ އައިޖީއެމްއެޗްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ތެރަޕީގެ އިންތިޒާމު ހަމަޖައްސަވާ ދިނުމަށް އެމިނިސްޓްރީ އާއި މިނިސްޓްރީ އޮފް ހެލްތް ގުޅިގެން މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެކަމަށް ހާއްސަ ފަރުވާ ދެވޭނެ ބޭރުގައުމެއްގެ ހަ ސްޕެޝަލިސްޓުން ގެންނާނެ ކަމަށެވެ.

އެ މިނިސްޓްރީ އިން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގެ ގޮތުން ހިންގާ މިމަޝްރޫއުގެ ދަށުން މިހާތަނަށް ހަމަޖެހިފައިވަނީ ތިން އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ތިން ސްޕީޗު ތެރަޕިސްޓުން ގެންނަން ކަމަށާއި އަދި އެހިދުމަތްތަށް އާސަންދާ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިނުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

މިމަޝްރޫއު ހިނގުމަށް ކުރަންޖެހޭ މަސައްކަތްތަށް ކޮށް މިއަހަރު ނިމުމުގެ ކުރިން މި ސްޕެޝަލިސްޓުންގެ ހިދުމަތް ދޭން ފަށާނެ ކަމަށާއި އަދި މިހިދުމަތް އިތުރަށް ފުޅާކޮށް ވިލިންގިލީގައާއި ހުޅުމާލޭގައި މި ހިދުމަތްތަށް ދެވޭނެ ގޮތްތަކާއި މެދު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ލޯ އެންޑް ޖެންޑާ މިނިސްޓްރީ އިން ބުނެ އެވެ.