ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ބީއެމްއެލް އިން މިއަދު އިތުރު 12 ރަށަކަށް ތައާރަފް ކޮށްފި އެވެ.
ހިދުމަތްދޭ އެހެން ރަށްތަކެކޭ އެއްގޮތަށް އަލަށް ހިދުމަތް ދޭން ފެށި ރަށްތަކުގައިވެސް ބީއެމްއެލް ކަސްޓަމަރުންނަށް އެޖެންޓުން މެދުވެރިކޮށް ދުވާލަކު 10،000 ރުފިޔާ މިހާރު ޖަމާކުރެވޭނެ އެވެ.
މީގެއިތުރުން ލޯނާއި ކްރެޑިޓް ކާޑަށް ފައިސާ ދެއްކޭނެ ގޮތް ވެސް މިހާރު ވަނީ އެރަށްތަކުގައި ހަމަޖެހިފަ އެވެ. ކޭޝް އެޖެންޓުން މެދުވެރިކޮށް، 2،000 ރުފިޔާ އަށް ވުރެ ބޮޑު ނުވާ ނަމަ އިތުރު ފީއަކާ ނުލައި ކޮންމެ ދުވަހަކު ވެސް ފައިސާ ނެގޭނެ ގޮތް ވެސް އަލަށް ހިދުމަތް ދޭން ފެށި ރަށްތަކުގައި ވަނީ ހަމަޖައްސާފަ އެވެ.
ބީއެމްއެލްގެ ކޭޝް އެޖެންޓުގެ ހިދުމަތް ތައާރަފް ކުރި ރަށްތައް
- ހއ. މާރަންދޫ
- ހދ. ކުމުންދޫ
- ހދ. ނެއްލައިދޫ
- ހދ. ފިނޭ
- ށ. ނަރުދޫ
- ށ. ނަރުދޫ
- ށ. ފޭދޫ
- ށ. މަރޮށި
- ނ. ޅޮހި
- ނ. މާޅެންދޫ
- ރ. އިންނަމާދޫ
- ބ. ފުޅަދޫ
- މ. ކޮޅުފުށި
ބީއެމްއެލް އިން ބުނީ ރާއްޖޭގެ ތަފާތު ސަރަހައްދު ތަކުގައި 62 ކޭޝް އޭޖެންޓުން ފައިސާ ޖަމާކޮށްދިނުމުގެ ހިދުމަތާއި 200 އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ. އެޖެންޓުން ދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް އެއްވެސް ފީއަކާ ނުލައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ކޭޝް އެޖެންޓުންގެ ހިދުމަތް ބީއެމްއެލް އިން ތައާރަފް ކޮށްފައިވަނީ 2014 ގައެވެ. މި ހިދުމަތަކީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމެއް ނެތް ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކަކުން ދޭ އަސާސީ ހިދުމަތް ދިނުމުގެ މަގުސަދުގައި ތައާރަފުކުރި ހިދުމަތެކެވެ.