މިނިސްޓްރީ އޮފް އެޑިއުކޭޝަން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން އާރްސީސީ އަށް

Jun 27, 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީ ސްކޫލެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)އާ ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު އެެވެ. އާރްސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އެވެ.

މި އެއްބަސްވުމުގެ ދަށުން ސްކޫލު ޑިޒައިން ކުރަން ހަވާލުކޮށްފައިވަނީ ވެސް އާރްސީސީ އަށެވެ.

އެކުންފުނިން މި ސްކޫލުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މި މަޝްރޫއަށް 243 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ.

މިމަޝްރޫއަށް ކޮންޓްރެކްޓަރު ހަރަދުކުރާ ފައިސާ ފަސް އަހަރުގެ ތެރޭގައި ސަރުކާރުން ދައްކަންޖެހެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލުގެ ނަމަކީ ސަލާހުއްދީން ސްކޫލެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު މި ސްކޫލު އަޅަން ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަނަށެވެ. ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ހަދަން ނިންމާފައިވާ ސަލާހުއްދީން ސްކޫލުގެ މަސައްކަތް ނިންމަންޖެހެނީ އަންނަ އަހަރުގެ މާޗުގެ ނިޔަލަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އެޅުމަށް ނިންމާފައިވާއިރު އެކަމަށް ބޭނުންވާ ބިން މިހާރު ވަނީ އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.