ވާހަކަ

ވީމޭ ކަލާޔާނުލާ

އުޑުމަތީގައި ފެތުރިފައިވާ ހުދު ވިލާތައް، ކަޅުބޯ ވިލާތަކުން ބައްދައިލައިފިއެވެ. ޖެހެމުން ދިޔަ މަޑުމަޑު ފިނި ރޯޅިތަކަށް ހަލަބޮލިކަން އަންނަން ފެށިއެވެ. އުޑުމަތީގައި ރަނިކަން ކުރަމުން ދިޔަ ހަނދާއި، އެ ހަނދު ވަށައިގެން ވިދާ ބަބުޅަމުން ދިޔަ ތަރިތައް އެކު އެކީގައި ގެއްލިއްޖެއެވެ. މާ ލަސްތަކެ ނުވެ، ހިމަ ފޮދު ވާރޭގެ ތިކިތަކުން ބިންގަނޑު ތެތްމައިލިއެވެ.

"މަޑުން ދޭ ބަލަ! އަހަރެން ވަރުބަލި ވެއްޖެ." ހުޅުމާލޭގެ އަތިރިމަތީގައި ސާލެއްހެން ފެތުރިފައި އޮތް، ހުދު ދޮންވެލިގަނޑު މަތިން ފިޔަވަޅު ނަގަމުން ދިޔަ ލިވިޔާ ބަލައިލީ، އޭނާގެ ލޯބިވެރިޔާ ޝަހުރަށެވެ.

"ދުވޭ! ބާރަށް ދުވޭ! އެހެން ނޫނީ ލިވީ ތެމޭނެ." ފަހަތަށް އެނބުރި ލިވިޔާއަށް ބަލައިލަމުން، ޝަހުރު އެހެން ބުނެލީ ތަންކޮޅެއް އަޑަށް ބާރެއް ދެމުންނެވެ.

"ލިވީ.." ދޮންވެލިގަނޑު މައްޗަށް ލިވިޔާ ވެއްޓުމާ އެކު، ޝަހުރުގެ ދެލޯ ބޮޑުވެގެން ދިޔެއެވެ. ޖެހިލުންވެ ހުރެ، އަނެއްކާ ވެސް "ލިވީ"އަށް ގޮވައިލަމުން ޝަހުރު ދުވެފައި ގޮސް އިށީންނީ ލިވިޔާގެ ގާތުގައެވެ. ލިވިޔާގެ ދެލޯ ވަނީ މެރިފައެވެ. ޝަހުރު އިތުރަށް ބިރުގަންނަ ގޮތްވިއެވެ. ލިވިޔާގެ ކޮލުގައި މަޑުމަޑުން ޖަހައިލުމަށްފަހު، ޝަހުރު އޭނާގެ މޫނު ދިމާކޮށްލީ ލިވިޔާގެ މޫނާ ދިމާލަށެވެ.

"ހައްހައްހާ! ކޮބާ ހީވޭ ކަމެއްހެން. ރަނގަޅަށް ނުތެމި ދެވިއްޖެއްނު؟" ޝަހުރުގެ ގައިގައި ބައްދައިލަމުން، ލިވިޔާ ފެށީ ހޭންށެވެ. އެތަނަށް ވެރިވެފައިވާ އަނދިރިކަމުން އެދެމީހުން މިހާރު ހީވަނީ ދެ ހިޔަނި ހެންނެވެ. ވެހެމުން ދިޔަ ވާރެއާ އެކުގައި، އެ ދެހަށިގަނޑަށް ކުރުވާފައި ވަނީ ފިނި ކަމުގެ އިޙްސާސެކެވެ. ލިވިޔާގެ ގައިމަތީގައި އޮތް ޝަހުރުގެ ކަޅި އަމާޒު ވެފައި ވަނީ ލިވިޔާގެ ސީދާ ދެލޮލަށެވެ. ދެމީހުންގެ ނަޒަރުން ކިޔައި ދެނީ އެއް ވާހަކައެވެ. އެދެނީ އެއް ބޭނުމެކެވެ. އެ ފިނި ވަގުތުގައި، ތެތްފިނި ދޮންވެލިގަނޑުގެ ވެސް އާދޭސް ކުރަމުން ދިޔައީ ކުޑަ ހޫނުކޮޅަކަށެވެ. މަޑުމަޑުން ލިވިޔާއާ އިތުރަށް ގާތްވެލަން ޝަހުރު މަސައްކަތް ކޮށްލުމާ އެކު، ޝަހުރުގެ މޭމަތީގައި އަތް އަޅައި ލިވިޔާ ވަރަށް ލޯބިން ކޮށްޕައިލިއެވެ. އަދި ކޮޅަށް ތެދުވެ، ރަކި ހިނި ޖަހަމުން ލިވިޔާ އެއްގަމާ ދިމާލަށް ދުއްވައިގަތެވެ. ލިވިޔާގެ ފަހަތުން ޝަހުރު ވެސް ހެމުން، ދުވަމުން ދިޔައެވެ.

***

"މަންސޫރު. ދޭބަލަ ނިކަން ބެލްކަނީގެ ދޮރު ޖަހާފަތޯ ބަލާލަން! މިވަރަށް ވާރޭ ވެހޭ އިރު ފެން ވިއްސާނެ ކަންނޭނގެ." ތުންފަތުގައި ލިޕްސްޓިކް ޖައްސަން ހުރި ހުސްނާ ބަލައިލީ، އެނދުގައި އޮތް އޭނާގެ ފިރިމާހާ މަންސޫރަށެވެ.

"ބަލަ ކީއްތަވީ ހުސްނާ ދިޔައިއްޔާ؟ އަހަރެން މިތާ އަރާމުގަ އޮތް މީހާ ވިއްޔާ ތި ތެދު ކުރުވީ.. ޕިސް ޕިސް.." ކުދި ކިޔަމުން، މަންސޫރު ކޮޓަރިން ނުކުތެވެ.

"ދަރިފުޅާ ޝީލާ! ވާރޭ ވެހެނީއެއްނު؟ ގޮސް ދޮރު ލައްޕާލާ!" ސިިޓިންގރޫމްގައި ޓީވީ ބަލަން އިން މަންސޫރުގެ ދޮށީ ދަރިއާ މުޙާތަބު ކޮށްލަމުން އޭނާ ބުންޏެވެ. ޝީލާ ވަރަށް އަވަސްކޮށް ގޮސް ދޮރު ލައްޕައިލުމަށްފަހު، އަނެއްކާ ވެސް ޓީވީ ބަލަން ފެށިއެވެ. މަންސޫރު ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ޓީވީއަށް ކަޅި ހުއްޓިފައިވާ ޝީލާގެ ކަޅީގައި ވަނީ މަޑު މުށި ކުލައެކެވެ. ހަމުގެ ކުލަ އަލި ޝީލާ އަކީ ފަލަ ވިޔަސް، ބަލައިލަން ރީތި އަންހެނެކެވެ. އުމުރުން 28 އަހަރުގެ ޝީލާ ވަނީ މިހާތަނަށް 2 ކައިވެންޏެއް ކޮށްފައެވެ. ނަމަވެސް އެ ދެ ކައިވެނި ވެސް، އެކި ސަބަބުތަކާ ހުރެ ވަނީ ރޫޅިފައެވެ. އެހެންކަމުން، ދިރިއުޅުމުގައި ޝީލާ ކުރާކަށް މާ ގިނަ ކަންތައް ތަކެއް މިހާރަކު ނޯއްވެއެވެ. ގިނަ ވަގުތު ހޭދަ ކުރަނީ ޓީވީއަށް ކަޅި ދީގެން އިނުމަށެވެ.

"ސާބަހޭ ހުސްނާ! ރޭގަނޑުގަ ކޮންހާ މޭކަޕެއްތަ ތިކުރަނީ؟" އެނދުގައި ބުރަކަށި ދަމައިލަމުން، މަންސޫރު ބަލައިލީ ލޯގަނޑު ކުރިމަތީގައި ހުރި އޭނާގެ އަންހެނުންނަށެވެ. އުމުރުން 46 އަހަރު ވީއިރު ވެސް ހުސްނާ އަކީ އަބަދުވެސް ރީތި ކަމަށް ލޯބި ކުރާ އަންހެނެކެވެ. އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމާއި، ފޭޝަލް ހެދުން ފަދަ ކަންކަމަކީ ހުސްނާ ވަރަށް ބޮޑަށް ގަޔާވެގެން ކުރާ ކަންތަކެވެ.

"ހޫނ! މި އުޅެނީ ރާދާމެންގެ ވައިބަރ ގުރޫޕަށް ރާދާގެ ރީތިރީތި ފޮޓޯ އެއް ލައިގެން. އަހަރެން ގާތުގަ ވެސް ބުނެފި، ނިކަން ރީތި ފޮޓޯއެއް ލާށޯ. އެހެންވެ އެކަމާ މިއުޅެނީ.." މޫނުގައި ފައުންޑޭޝަން ކޮޅެއް އުނގުޅައިލަމުން ހުސްނާ ބުނެލިއެވެ. ރާދާ އަކީ ހުސްނާގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ.

ލިވިޔާ އާއި ޝަހުރު ހުރީ އިމާރާތެއްގެ ނިވަލެއްގައި މަޑުކޮށްލައިގެންނެވެ. ލިވިޔާގެ ތުންފަތުން ލާނެއް ހިނިތުންވުމެއް ދުވަމުން ދިޔައެވެ.

"މިހާރު ކޮން ނުބައި ޕްލޭނެއް ތި ރާވަނީ؟ ހެޔޮނުވާނެ! މިތަނަށް ފެއިންޓް ނުވާތި!" ޝަހުރު އޭނާގެ ފޯނާ ކުޅެމުން، ކޮށްލީ ސަމާސާއެކެވެ.

"ތި ފޯނު ހުޅުވެއްޖެތަ؟ ފެން ވަނީ ދޯ؟" ޝަހުރުގެ އަތުގައި އޮތް ފޯނަށް ބަލައިލަމުން ލިވިޔާ ސުވާލުކޮށްލިއެވެ.

"އަދި ނުހުޅުވޭ. އެކަމު އޯކޭ ވާނެ. މަންމަމެން ގުޅާފާނެތީ އަސްލުގަ މި ހުޅުވަން މިއުޅެނީ ވެސް." ޝަހުރު މަސައްކަތް ކުރަމުން ދިޔައީ އެކި ގޮތްގޮތުން އޭނާގެ ފޯނު ހުޅުވޭތޯއެވެ.

"ގައިމު މަންމައަށް އަހަރެން އިންޓްރޮޑިޔުސް ކޮށްދީފަ އޮތް ނަމަ، އަހަންނަށް ގުޅޭނެ ދޯ؟ މި ވާހަކަ ވެސް ދެއްކުނު އަދަދެއް ނޭނގެ މިހާރު.." މޫނު އަނބުރައިލަމުން، ލިވިޔާ ބުނެލިއެވެ.

"ލިވީ.." ޝަހުރުގެ ކަނާ އަތުން ލިވިޔާގެ މޫނު ސީދާ ކޮށްލީ ޝަހުރާ ދިމާލަށެވެ. ލިވިޔާގެ އެސްފިޔަތަކުގެ ތެރެއިން، އޭނާގެ ކަޅި އަމާޒު ވެގެން ދިޔައީ ޝަހުރުގެ މޫނަށެވެ. ލިވިޔާގެ މޫނުމަތިން ޝަހުރަށް ފެނުނީ ސީރިއަސް ކަމެވެ. ލަކުނެތް ނެތް، އެ ދޮން މޫނަށް ބަލާބަލާ ޝަހުރު ދުވަހަކު ވެސް ފޫހި ނުވެއެވެ. އިސްތަށިގަނޑު ވެސް އެހާމެ ފުރިހަމައެވެ. މާ ބުޅި އިސްތަށިގަނޑެއް ނޫން ނަމަވެސް، ލިވިޔާގެ އިސްތަށިގަނޑުގައި ރާޅުކަމެއް ހުރެއެވެ. އިސްކޮޅާއި ބައްޓަން ހަމަ ބުނެ ވޭނީ "ޕާރފެކްޓު" ކަމަށެވެ. ލިވިޔާއަށް 20 އަހަރު ވީއިރު، ޝަހުރުގެ އުމުރަކީ 23 އަހަރެވެ.

"ލިވީ ރުޅި އައީތަ؟ މާ ލޯބި ލިވީ ސީރިއަސް ވީމަ.." މިއީ ޝަހުރުގެ އާދައެވެ. އަބަދުވެސް ލިވިޔާއަށް ތަޢުރީފް ކުރާނެއެވެ. ލިވިޔާ ފެންނަ ކޮންމެ ފަހަރަކު ޝަހުރަށް ހީވަނީ މުޅިން އަލަށް ހޫރުޕަރީއެއް ފެންނަނީ ހެންނެވެ. މިއީ ލިވިޔާއަށް ވެސް ޝަހުރުގެ ފަރާތުން ފެންނަ، އޭނާ ވަރަށް ގަޔާވާ ސިފައެކެވެ.

"އަސްލުކޮށޭ! މިހާރު މިހެން ރައްޓެހިގެން ތިބޭތާ 2 އަހަރު ވަނީ. އަދިވެސް ޝަހުރުގެ ފެމިލީއަށް އަހަރެން ނޭނގޭ. އެކަމު، އަހަރެންގެ މަންމައާ ބައްޕައަށް ޝަހުރު އެނގޭނެ." ލިވިޔާ އޭނާގެ ހިތުގައި އަބަދުމެވާ ޝަކުވާގެ ވާހަކަ ފެށިއެވެ.

"އަހަރެން ތިކަމާ ބެހޭ ގޮތުން މާދަން މީޓު ކޮށްފަ ވާހަކަދައްކާނަމޭ. ޕްރޮމިސް މިކުރީ މިފަހަރު. ދެރަ ނުވައްޗޭ! އަވަހަށް ސްމައިލް." ލިވިޔާގެ ތުންފަތުން ދުވެލީ ލުއި ހިނިތުންވުމެކެވެ. ޝަހުރު ވަރަށް ލޯބިން ލިވިޔާގެ ގައިގައި ބައްދައިގަތެވެ.

"އައި ލަވް ޔޫ." ޝަހުރުގެ މޭގެ ތެރޭގައި ބޯ އަޅައިލައިގެން އޮވެ، ލިވިޔާ ބުނެލިއެވެ. "ލަވް ޔޫ ޓޫ"އޭ ބުނެ އިތުރަށް ބާރަށް ލިވިޔާގެ ގައިގައި ޝަހުރު އޮޅުލައިގަތެވެ.

ގަޑިން އެރޭ 12 ޖަހަން ވެފައި ވަނިކޮށް، ތެމިފޯވެގެން ޝަހުރު ގެއަށް އައިސް ވަނެވެ. އެވަގުތު ސިޓިންގރޫމްގައި އޭނާގެ މަންމަ އާއި ބައްޕަ ވެސް އިނެވެ.

"ދަރިފުޅާ! ހާދަ ލަސްކޮށްފަ؟ ކޮންތާކުން؟" ދެލޯ ބޮޑުކޮށްލަމުން ހުސްނާ އެހެން އަހައިލީ، ސޯފާއިން ތެދުވެ ޝަހުރާ ދިމާލަށް ހިނގައިގަންނަމުންނެވެ.

"އާނ! ރައްޓެހިން ތަކެއް ލަޑު ދިނީ. މިދަނީ ފެންވަރާލަން އިނގޭ މަންމާ." ބޯ ކަހައިލަމުން، ޝަހުރު ހީނލިއެވެ.

"ފެން ނުވަރާތި މިގަޑީ! ބަލި ވެދާނެ ތިހާ ފިނިކޮށް ހުއްޓާ ފެންވެރީމަ. އެއްޗެހި ބަދަލުކޮށްލީމަ ރަނގަޅު ވާނެ." ޝަހުރުގެ އަތުގައި ފިރުމަމުން ހުސްނާ ވާހަކަދައްކަމުން ދިޔައެވެ.

"ދެންމެ ގުޅި ޒަކްވާން ކޮއްކޮ. ކިޔަވާ ނިމިގެން މިއަހަރު އަންނާނަމޯ. ދޮންބެއަށް ވަރަށް ސަލާން ބުނި." ހުސްނާ ހުއްޓައި ނުލައި ގެންދިޔައީ ވާހަކަދައްކަމުންނެވެ.

"އަހަރެންގެ ސަލާން ވެސް ބުނަންޗޭ ދެން ގުޅާ ފަހަރަކުން. އަހަރެން ވެސް ގުޅާނަން މިހެން އުޅެމުން ކޮއްކޮއަށް." އެހެން ބުނެ، ޝަހުރު ކުރިއަށް ފިޔަވަޅެއް ނެގީ އޭނާގެ ކޮޓަރިއަށް ދިޔުމަށެވެ. ނަމަވެސް ހުސްނާ ހިފައިލީ ޝަހުރުގެ އަތުގައެވެ.

"ކީކޭ މަންމާ؟" ޝަހުރު ބަލައިލީ އޭނާގެ މަންމަގެ މޫނަށެވެ.

"މަންމަ ބުނީ، އެއްކަލަ ކަންތަކާ އެބަ ވިސްނަންތަ؟ ޔޫހާ ގެ.. އަދިވެސް ދަރިފުޅު ވަކި އެއްޗެއް ނުބުނާތީ، މަންމަ ޖެހިލުން ވަނީ. އެކަމު، މަންމައަށް އެނގޭ، މަންމަގެ ނިންމުމަކަށް ދަރިފުޅު ދެކޮޅު ނުހަދާނެކަން." ހުސްނާ އަނެއްކާ ވެސް ޝަހުރުގެ އަތުގައި ފިރުމަން ފެށިއެވެ. ގަދަކަމުން ހިނިތުންވެލަމުން، ޝަހުރު މިސްރާބު ޖެހީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ޝަހުރުގެ ހިނިތުން ވުމަކީ ހުސްނާގެ ހިތަށް ލިބުނު ހިތްހަމަޖެހުމަކަށް ވިއެވެ. ހުސްނާ ދެކުނީ އެއީ ޖަވާބު ކަމަށެވެ. އެހެން ނޫނަސް، ޝަހުރާ މެދު ހުސްނާގެ ޔަޤީންކަން ވަރަށް ބޮޑެވެ. ޝަހުރަކީ ވަރަށް މަޑުމައިތިރި، ބަސް މަދު ކުއްޖަކަށް ވީމައެވެ. މައިންބަފައިންނަށް ޤަދަރު ކުރާ، ކިޔަމަންތެރި ދަރިއެއްގެ ގޮތުގައި އަބަދުވެސް އޭނާ ފެންނާތީއެވެ.

ގަމީހުގެ ގޮށްތައް ނައްޓައިލުމަށްފަހު، ޝަހުރު ގޮސް ހުއްޓުނީ ލޯގަނޑުގެ ކުރިމަތީގައެވެ. ޝަހުރުގެ ބަނޑުމަތީގައި ފެތުރިފައިވާ ގޮޅިތަކާއި، މޭމަތީގެ ތަނަވަސްކަން ލޯގަނޑުން ދިޔައީ ކުރެހެމުންނެވެ. ރީތި ފިރިހެންވަންތަ ތުނބުޅި އާއި، ރީތި ވަރަކަށް ކޮށާލައިފާ އިސްތަށިގަނޑުން ސިފަ ކޮށްދެނީ ޝަހުރުގެ "ހޭންޑްސަމް" ކަމެވެ. ނަމަވެސް ލޯގަނޑުން އެ ފެންނަމުންދާ ޝަހުރުގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް މިހާރަކު ފެންނާކަށް ނެތެވެ. ޝަހުރުގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. ކުރިމަތިލާން މި ޖެހެނީ ކޮންފަދަ ބޮޑު ތޫފާނަކާ ބާއޭ، ހިތަށް ގެންނަން ވިޔަސް ޝަހުރަށް ދަތިވެއެވެ. ދެލޯ މަރައިލަމުން އޭނާ ހިންދިރުވައިލިއެވެ. ޝަހުރުގެ އެއްކޮޅުގައި ހުރީ އޭނާ އުފަން ކުރި މަންމައެވެ. އަނެއްކޮޅުގައި އެހުރީ އެ މީހަކާ ނުލައި ދިރިއުޅެން ޝަހުރަށް ދަތިވެފައިވާ، އޭނާގެ ލޯބިވެރިޔާ ލިވިޔާއެވެ. (ނުނިމޭ)