އިމްތިޔާޒު ފަހުމީ

އަނެއްކާވެސް އިންތި 241 ކޮމިޓީގައި ހިމަނައިފި

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި އަނެއްކާވެސް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހިމަނައިފި އެވެ.

މިއަދު މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އެ ކޮމިޓީއަށް އިމްތިޔާޒް އައްޔަން ކުރެއްވިކަން އިއުލާން ކުރައްވާފަ އެވެ. މިއީ އިމްތިޔާޒް އެ ކޮމިޓީގައި ހިމެނި ދެވަނަ ފަހަރެވެ.

އީވާ ވިދާޅުވީ އިމްތިޔާޒް އެ ކޮމެޓީއަށް އައްޔަނުކުރީ ކޮމެޓީގައި ކުރިން އިންނެވި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް މިދިޔަ ބުރާސްފަތި ދުވަހު ކޮމެޓީން ވަކިވެވަޑައިގެންނެވުމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އިންކުއަރީއެއް ހިންގަމުންދާ އިރު މީގެ ކުރިން އިމްތިޔާޒް ވަނީ އެ ކޮމެޓީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން އެ އިންކުއަރީއަށް ހުރަސް އަޅާ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގެންދަވަނީ އެ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.

ކޮމެޓީގެ މުގައްރިރު އަސްލަމް މީގެ ކުރިން ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗުވި ގޮތާ ގުޅޭގޮތުން ކުރިއަށް ގެންދާ އިންކުއަރީ މިމަހުގެ ނިޔަލަށް ނިންމާނެ ކަމަށެވެ.