ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ސައީދު ކުރިއަށް ގެންދަވާ ގޮތާއިމެދު ހިތްހަމަޖެހިވަޑައިނުގެންނެވި ނަމަވެސް ފަނޑިޔާރު ބަދަލު ކުރަން އެދި ވަޑައި ނުގަންނަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިއަދު އޯޑިއޯ ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވީ ކްރިމިނަލް ކޯޓުން އެ މައްސަލަ ކުރިއަށް ގެންދަނީ ގާނޫނާ ހިލާފަށް ނަމަވެސް އެކަމާ ހިތްހަމަނުޖެހިގެން ފަނޑިޔާރު ބަދަލު ކުރުމަކީ އޭނާ އެދިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށެވެ. އުނދަގޫ މައްސަލައެއް ލިބޭއިރަށް ފަނޑިޔާރުން ބަދަލު ކުރުމަކީ ހަސްމުންނަށް ކުރެވޭ ތުރާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ދައުލަތުން ބޭނުންވަނީ މިހާރު މައްސަލަ ކުރިއަށް ދާ ގޮތަށް ގާނޫނީ ގޮތުން ރަނގަޅު ހައްލެއް ނެރޭށެވެ.
"ހަސްމަކު ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ފަނޑިޔާރު ބަދަލު ކުރުމަކީ މާ ހަމަޖެހޭ ކަމަކަށް ނުވާނެ. މީގެން ދެ ނަތީޖާއެއް ނުކުމޭ. އެއް ނަތީޖާއަކީ ހަސްމުން ބޭނުން ވެގެން ފަނޑިޔާރުން އައްޔަނުކުރުން ނުވަތަ ބަދަލު ކުރުން. އަނެއް ކަމަކީ ފަނޑިޔާރު އަމިއްލަފުޅަށް އެ މައްސަލަ ދޫކޮށްލަން ބޭނުމިއްޔާ މިސާލަކަށް މާ އުނދަގޫ މައްސަލައަކަށް ވާނަމަ ވަރަށް ބޮޑަށް އެއް ފަރާތަށް ދަތިކޮށްގެން އެމީހާ އެދިގެން ބަދަލު ވެވޭނެ ގޮތެއް ހޯދުން. މިއިން އެއްވެސް ގޮތެއް އަޅުގަނޑުމެން ބޭނުމެއް ނުން." ޝަމީމް ވިދާޅުވި އެވެ.
އަލީގެ މައްސަލަ ބައްލަވާ ފަނޑިޔާރު ހަސަން ސައީދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުން ޕީޖީ އޮފީހުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އަލީ ޝަރީއަތަށް ހާޒިރުވީ ކޮން ތަނެއްގައި ހުރެގެން ކަން ނޭނގޭ ކަމަށާއި އޭނާ ހުރީ ރާއްޖޭގެ އިހްތިސޯސުން ބޭރުގައި ކަމުން، އެކަމާ ދެކޮޅު ހަދައި އެކަން ހިނގާފައިވާ ގޮތާއި މެދު ދައުލަތުން ވަނީ އެންމެ ފަހުން ބޭއްވި އަލީގެ ޝަރީއަތުގައި ސުވާލު އުފައްދާފަ އެވެ. ގާޒީ ހަސަން ސައީދު އެދުވަހު ވިދާޅުވެފައި ވަނީ އެ ކަމުގައި މިހާރު ގޮތެއް ކަނޑައެޅިފައިވާ ކަމަށާއި ދެން އެކަމާ ބަހުސް ނުކުރެވޭނެ ކަމަށެވެ.
ޝަމީމް މިއަދު ވިދާޅުވީ ހައިކޯޓުގެ ރަޖިސްޓްރާ މައްސަލަ ބަލައިގަތުމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އަލީގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދުނު އަމުރަށް ކްރިމިނަލް ކޯޓުން ވެސް ވަކިގޮތެއް ނުނިންމާ ކަމަށެވެ.
އެންމެ ފުރަތަމަ އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ބާތިލުކުރީ ގާޒީ ހަސަން ސައީދެވެ. އެ މައްސަލަ ޖޭއެސްސީން މިހާރު ބަލަމުން އަންނައިރު އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެެ. އަދި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާ މެދު އަމަލު ކުރާ ގޮތާއި ތަފާތު ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ.