މި ސުރުހީއެއް އަދި ފޮޓޯގަނޑެއް ފެނުނީމަ ވެސް ބައެއް މީހުން ހިތްހަމަނުޖެހިގެން ތުންގަނޑު ދަމާލައިގެން އެނބުރިގެން ހިނގައިދާނެކަން އެނގެ އެވެ. އަދި ތިޔައީ ހެދުން އަޅަން ޖެހޭ ގޮތެއް ނޫން ކަމަށް ބުނެ ހެއްދެވި ނެހެއްދެވި އަށް ގޮވާނެ މީހުންނާއި ބަދުކުރާކުރާނެ މީހުންނާއި ނަސޭހަތް ދޭނެ މީހުން ވެސް ތިބޭނެކަން އެނގެ އެވެ.
އެކަމަކު ދިވެހި ޒުވާން އަންހެން ކުދިންގެ މެދުގައި މިހާރު މަގްބޫލުކަން ހޯދާފައިވާ ހައި ވެއިސްޓް ޖީންސްގެ ވާހަކައަކީ ނުދައްކައި ދޫކޮށްލާ ވަރަށް ވުރެ "ބާރު" ޖީންސެކެވެ. މި ދުވަސްކޮޅު މި ޖީންސަކާއި ދިވެހި އަންހެން ކުދިންނާ ދެމެދު އޮތީ ހަމަ އަސްލަށް "ހިތާއި ހިތުގެ ގުޅުމެކެކެވެ."
ބަޔަކު މީހުން ކިތަންމެ ނުރުހުނަސް އަދި މިއީ "ހަރާމް ޖީންސެއް" ކަމުގައި އަނެއް ބަޔަކު ކަނޑައެޅިޔަސް ފަހުގެ ފެޝަންތަކަށް ފަސޭހައިން ދީލާލައި ދިވެހި އަންހެން ކުދިންނަށް މި ވަނީ ޖީންސެއް ދެކެ ލޯބިވެވިފަ އެވެ. އަންހެން ކުދިންގެ ވަނާތަކުގައި ތައްވެގެން އޮތް މި ޖީންސެއް ވެސް ބުނަމުން ދަނީ ދިވެހި އަންހެން ކުދިން ދޫކޮށްފައި ދިއުމެއް ދެން ނެތް ކަމަށެވެ.
އެހެންވީމަ ހައި ވެއިސްޓް ޖީންސްތަކުގައި ފަރި ދައްކަމުން ފޫއަނބުރަމުން ގެންދާ ޒުވާން އަންހެން ކުދިންނަށް މި ޖީންސެއް މާ ކަމުގޮސްގެން އުޅޭ ސަބަބަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެ ސަބަބެއް ހޯދަން "އަވަސް" އިން މިފަދަ ޖީންސުތަކަށް ހިތްދޫކޮށްލައިގެން އުޅޭ ނުވަތަ އޭގެ ޖީންސެއް ލައިގެން ނޫންގޮތަކަށް ގެއިން ބޭރަށް ވެސް ނުނިކުމެވޭ ބައެއް އަންހެން ކުދިންނާ ވާހަކަ ދައްކައި އެމީހުންގެ ހިޔާލު ހޯދާލީމެވެ.
ޖީންސް ރީތީ ގަޔަށް ބާރިއްޔާ އެވެ!
ވަޅި ރީތީ ތޫނިއްޔާ އެވެ. އަނބި ރީތީ ހެވިއްޔާ އެވެ. މި މަޝްހޫރު މުސްކުޅި ބަހަށް މި ޒަމާނުގެ އަންހެން ކުދިން އިތުރުކުރާ ބޮޅަކީ މިއީ އެވެ. ޖިންސު ރީތީ ގަޔަށް ބާއްރިއްޔާ އެވެ.
މި މުސްކުޅި ބަހުގެ މާނަ އަށް ބަލައިލާއިރު "ޖިންސު ރީތީ ގަޔަށް ބާރިއްޔާ" އޭ ބުނާ ބަހުގައި ފޮރުވިފައިވާ މާނަ އަކީ ކޮބައިކަން ވަރަށް ރީއްޗަށް އެނގިގެން ދެ އެވެ.
ކޮންމެ އެއްޗެއް ވެސް ރަނގަޅުވުމަކީ އެ އެއްޗަކުން ހިފެންވާ ބޭނުން ރަނގަޅަށް ހިފުމެވެ. އެހެންވީމަ ފިހާރައަކަށް ވަދެ ހައި ވެއިސްޓް ޖީންސެއް އިހްތިޔާރުކުރާ އަންހެން ކުއްޖާގެ އެދުމަކީ ނުވަތަ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ނުވަތަ އެ ހައި ވެއިސްޓް ޖީންސުން ހިފަން ބޭނުންވާ ބޭނުމަކީ ކޮބައި ހެއްޔެވެ؟
"މި ޖީންސަކީ ގަޔަށް ނިކަން ރީއްޗަށް އޮންނަ ޖީންސެއް. ފިގާ ވަރަށް ރީތިކޮށްލަދޭ ޖީންސެއް މިއީ އޭގެ ޒާތުގައި. ގައިގައި ނުވަތަ ބަނޑުގައި މަސްޖަހައިފައި ހުންނަ އަންހެން ކުއްޖާ ވެސް މީގެ ޖީންސަކަށް އެރި ހުންނައިރު އޭނާގެ ފިގާ ނިއާ ޕާފެކްޓްވާނެ،" ހައި ވެއިސްޓް ޖީންސެއް ލައިގެން ހުރި ޒުވާން އަންހެން ކުއްޖަކު ނަން ނުޖެހުމަށް އެދި ކިޔައިދިނެވެ.
"މި ޖީންސް ލައިގެން އަންހެން ކުދިންގެ ފިގާ ރީތިވުން އެއީ އެންމެ ބޮޑު ސަބަބަކީ މި ވައްތަރުގެ ޖީންސް ކަމުދާ. އަނެއްކޮޅުން އާދައިގެ ޖީންސްތަކާ އަޅާބަލާއިރު މިއީ ގަޔަށް ވެސް ފަސޭހަ ޖީންސެއް."
އެހެންވީމަ ޖީންސް ރީތި މި ވަނީ ގަޔަށް ބާރުވިވަރަކުންކަން އެބަ އެނގެއެއް ނޫން ހެއްޔެވެ؟ މީގެ އިތުރުން ހައި ވެއިސްޓް ޖީންސްވެފައި މި ވަނީ ޗަކަ ބަނޑުލީ އަންހެން ކުދިންގެ އެ ސިފަ ވެސް ފިރިހެނުންގެ ލޯތަކަށް ފޮރުވައިދޭ ޖީންސަކަށް ނޫން ހެއްޔެވެ؟
މި ޖީންސަކަށް ހިތްކިޔައިގެން އެއިން ދެ ފައި ދޫކޮށްނުލެވިގެން އުޅޭ އަންހެން ކުދިންގެ ނިޔަތް އެހެންވީމަ ވަރަށް ވެސް ސާފެވެ. އެމީހުންގެ ހަށިގަނޑުގެ ރީތިކަން ނުވަތަ ވަނާތަކުގެ ރީތިކަން ހާމަކުރުމެވެ.
މި ޖީންސެއްގެ އަގު އެނގޭތަ؟
ހައި ވެއިސްޓް ޖީންސަށް ހިތްކިޔާ ނަމަ އަދި އަތުގައި 500 ރުފިޔާ އޮވެއްޖެ ނަމަ މީގެ ޖީންސެއްގެ މިލްކުވެރިޔަކަށް ވުމަކީ އެއްވެސް ކަމެއް ނޫނެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ގިނަ އަންހެން ކުދިންނަށް އަގުބޮޑެތި ތަކެއްޗަށާއި ލަގްޒަރީ ދިރިއުޅުމަށް ނުވަތަ ޕޯޝް ލައިފްސްޓައިލަށް ފަސޭހައިން ހިތް ދަމައިގެންދާ ކުދިންނެވެ.
"އަހަންނަށް ހަމަ ކަމުދަނީ ސީ ސްޕޯޓްސްގައި ކަހަލަ ތަނެއްގައި ހުންނަ އެއްޗެއް،" އަންހެން ކުދިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ އަދި ބްރޭންޑެޑް އެއްޗެހި ބޮޑެތި އަގުތަކުގައި ވިއްކަން މަޝްހޫރު ފިހާރައެއްގެ ނަން ފާހަގަކުރަމުން އެހެން އަންހެން ކުއްޖަކު ބުންޏެވެ.
ވާހަކަ ދައްކާލެވުނު އަންހެން ކުދިންނަށް ބަލާއިރު ހައި ވެއިސްޓް ޖީންސް ހޯދަން އެމީހުން އެންމެ އާންމުކޮށް ދަނީ ސީ ސްޕޯޓްސް އާއި ޖިޕްސީ އަދި ޓްރައި ޕްލަސް ފަދަ މާލޭގެ ފިހާރަތަކަށެވެ. އެކަމަކު ހަމަ އެންމެ އާދައިގެ ހެދުން ފިހާރަތަކުން ވެސް ހައި ވެއިސްޓް ޖީންސް ލިބެން އެބަހުއްޓެވެ.
އެންމެ އާދައިގެ އަގަކީ 295ރ. އެވެ. ނުވަތަ 340 ރުފިޔާ އަށް މީގެ ޖީންސެއް ގަނެލެވިދާނެ އެވެ. އަގުބޮޑުވެގެން ގޮސް މި ޖީންސްގެ އަގު މާލޭގައި އެންމެ މައްޗަށް އަރައިގެން ދަނީ 400-600 ރުފިޔާއާ ދެމެދުގެ އަގުތަކަށެވެ.
މި ޖީންސެއްގެ އަވާގައި ޖެހިފައިވަނީ ކޮން އުމުރުފުރާއެއް؟
މަންމަމެންނަކަށް މި ވައްތަރުގެ ޖީންސެއް ކަމަކުނުދާ އެވެ. މި ޖީންސެއްގެ އަވާގައި އެންމެ ބޮޑަށް ޖެހިފައި ވަނީ ޒުވާން އަންހެން ކުދިންނެވެ. ޒުވާން މަންމައިންނަކަށް ވެސް އެހާ ކަމުދާ ޖީންސަކަށް ހައި ވެއިސްޓް ޖީންސެއް ނުވެ އެވެ.
އެހެންވީމަ އެންމެ ރަނގަޅުވާނީ މި ޖީންސެއްގެ އަވާގައި ޖެހިފައި ވަނީ ފުރާވަރުގެ އަންހެން ކުދިންނޭ ބުނިއްޔާ އެވެ. މި ޖީންސް އެންމެ މަގްބޫލީ 15 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންގެ މެދުގަ އެވެ.
މި ކުދިންނަށް އެންމެ ކަމުދާ ކުލައަކަށް ބަލާއިރު ނުވަތަ މި އުމުރުފުރާގެ ތެރޭގަައި އެންމެ ހިނގާ ކުލައަކަށް ބަލާއިރު އެ ކުލައަކީ "އައިސް ބްލޫ" އެވެ.
ހައި ވެއިސްޓް ޖީންސްގެ މަގްބޫލު ވައްތަރުތަކަށް ބަލާއިރު އެންމެ ހިނގަނީ "ފަސް ގޮށް ލީ ޖީންސް" އެވެ. އެއީ ފޫޅާ ދިމާލުން ތިރިއަށް ފަސް ގޮށް ފެންނަ ގޮތަށް ހަރުކޮށްފައި ހުންނާނީ ދިވެހި އަންހެން ކުދިން މި ވައްތަރުގެ ޖީންސަށް ކިޔައިގެން އުޅޭ އަމިއްލަ ނަމެކެވެ.
ފަސް ގޮށް ލީ ޖީންސަށް ފަހު ހައި ވެއިސްޓް ޖީންސްތަކުގެ ތެރެއިން ރިޕްޑް ޖީންސާއި ނުވަތަ ތަންތަންކޮޅުން އިރާލާފައި ހުންނަ ވައްތަރުގެ ޖީންސްތަކާއި ޕްލޭން ގަދަ އަލިތަކުގެ ކުލަތައް ވެސް މަގްބޫލެވެ.