ޑރ. ހުސައިން ރަޝީދު ހަސަން

ޑރ. ހުސެއިންއަށް މަޖިލީހުން ރުހުން ދީފި

ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވި ޑރ. ހުސައިން ރަޝީދު ހަސަނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ކުރިން އެންވަޔަރަންމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސައިން، ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި ހުސެއިން އެ މަގާމަށް އައްޔަން ކުރަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މި މަހުގެ 11 ވަނަ ދުވަހު އޮތީ ފާސް ކޮށްފަ އެވެ.

ކޮމެޓީގެ ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ހުސެއިނަށް ރުހުން ދޭން 55 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ހުސައިންގެ ހިއްސާއެއް ކުންފުންޏެއްގައި އޮތުމުން އޭނާގެ ހުވައާ މެދު ސުވާލު އުފައްދާ އޭނާއަށް ރުހުން ދިނުމުގައި ވަކި ގޮތެއް ނުނިމި ދުވަސްކޮޅެއް ދިޔަ އެވެ. ނަމަވެސް ހުސެއިންގެ އޮތީ އާމްދަނީއެއް ލިބޭނެ ފަދަ ހިއްސާއެއް ނޫން ކަމަށާއި މިނިސްޓަރުގެ މަގާމަށް ޝަރުތު ހަމަވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ލަފާ ދިނުމާއެކު އަދި އެ ހިއްސާ ވެސް ހުސައިން ދޫކޮށްލެއްވުމުން ކޮމިޓީން ފަހުން ވަނީ ހުސެއިން މަގާމަށް އައްޔަނު ކުރަން ފާސް ކޮށްފަ އެވެ.