އެމްބާޕޭގެ ޕެނަލްޓީ މަތަކޮށް ސްވިޒްލެންޑުން ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ރޮއްވާލައި މުބާރާތުން ކަޓުވާލައިފި އެވެ.
ނޮކްއައުޓް ސްޓޭޖުގައި މިރޭ ފްރާންސާއި ވާދަކުރި މެޗުން ސްވިޒްލެންޑް މޮޅުވީ 3-3 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެންނެވެ. ފްރާންސް މުބާރާތުން ކެޓީ އެންމެ ފަހުން އެމްބާޕޭ ޖެހި ޕެނަލްޓީ ސްވިޒްލެންޑުގެ ކީޕަރު ދިފާއު ކުރުމުންނެވެ.
ރޫމޭނިއާގެ ނޭޝަނަލް އެރީނާ ސްޓޭޑިއަމްގައި ފްރާންސާއި ސްވިޒްލެންޑް ބައްދަލު ކުރި މެޗު ފެށުނުތާ މާ ގިނައިރު ތަކެއް ނުވަނީސް ސްވިޒްލެންޑުން ވަނީ ލީޑު ނަގާފަ އެވެ. މެޗުގެ 15 ވަނަ މިނެޓުގައި މި ލަނޑު ސްވިޒްލެންޑަށް ކާމިޔާބު ކޮށްދިނީ ޒޫބާ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސެފެރޮވިޗް އެވެ. ފްރާންސުން ގޯލު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކުރި ނަމަވެސް އެންމެ ބޯޅައެއް ވެސް ގޯލާއި އަމާޒު ނުވެ އެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ސްވިޒްލެންޑް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށުނުތަނާ ސްވިޒްލެންޑުގެ ޒޫބާއަށް ފްރާންސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޕަވާޑް ފައުލް ކުރުމުން ސްވިޒްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ރޮޑްރިގެޒް ފޮނުވާލި ބޯޅަ ފްރާންސްގެ ކީޕަރު ލޮރިސް ވަނީ ދިފާއު ކޮށްފަ އެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން ފްރާންސުން ވަނީ ދެ ލަނޑު ޖަހައި މެޗުގެ އޮއެވަރު ބަދަލު ކޮށްލާފަ އެވެ. ފްރާންސަށް މި ދެގޯލު ކާމިޔާބު ކޮށްދިނީ ރިއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ ވަނީ ފްރާންސަށް ލީޑު ފުޅާ ކޮށްދީފަ އެވެ. ޕެނަލްޓީ އޭރިއާގެ ބޭރުން ޕޮގްބާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.
ނަމަވެސް ސްވިޒްލެންޑުން ވަނީ އެންމެން ސިއްސުވައިލާ ފަހު ވަގުތު ދެ ގޯލު ޖަހާފަ އެވެ. މި ދެ ގޯލަކީ ވެސް އަރިމަތިން ހުރަސް ނަގައިގެން ސްވިޒްލެންޑް ކުޅުންތެރިން ބޮލުން ޖަހައި ވައްދާލި ދެ ގޯލެވެ. ފުރަތަމަ ލަނޑު ސެފެރޮވިޗް ކާމިޔާބު ކުރިއިރު 90 ވަނަ މިނެޓުގައި ދެވަނަ ލަނޑު ކާމިޔާބު ކުރީ މާރިއޯ ގަވްރަނޮވިޗް އެވެ. މިރޭގެ މެޗުގައި ސްވިޒްލެންޑުން މަސައްކަތް ކުރީ ދެފަޅިން ހުރަސް ނަގައިގެން ފްރާންސް ގޯލަށް ނުރައްކާ ކުރުމަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. އިތުރު ވަގުތުގެ ދެހާފުގައި ގޯލު ޖަހަން ދެޓީމަށް ވެސް ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. ނަމަވެސް އެއްވެސް ޓީމަކަށް އޭގެ ބޭނުން ހިފޭގޮތެއް ނުވި އެވެ. ފަހު 10 މިނެޓުގައި ސްވިޒްލެންޑުން ވިސްނީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ މެޗު ލަސް ކުރުމަށެވެ. އަދި އެމީހުންގެ ކުޅުމުން ފެނުނީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ ޕެނަލްޓީއަށް ދާން މަސައްކަތް ކުރި ތަނެވެ. މިއީ ޔޫރޯ 2020 ގައި ޕެނަލްޓީއަށް ދިޔަ ފުރަތަމަ މެޗެވެ.
ޕެނަލްޓީ ޖަހަން ދިޔައިރު ދެޓީމުގެ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ ނުތަނަވަސް ކަމާއި ހާސް ކަމެވެ. ޓީމުގެ ކުރިމަގު އޮތީ އެމީހުންގެ އަތްމަތީގައި ކަމަށް ވާތީ ޔަގީންކަމާއި އެކު ޕެނަލްޓީ ޖަހާލާނެ ހަމަ އެންމެ ކުޅުންތެރިއެއް ވެސް ނެތެވެ. ފްރާންސް މުބާރާތުން ކެޓީ ޓީމުގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ޖެހި ޓީމުގެ ފަސްވަނަ ޕެނަލްޓީ ސްވިޒްލެންޑުގެ ކީޕަރު ދިފާއު ކުރުމުންނެވެ. ސްވިޒްލެންޑުން ވަނީ އެމީހުންގެ ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ.