އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވިކްޓަރީ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މާޒިޔާ ޓޭބަލުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.
ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށް ފަހު ވިކްޓަރީ މެޗުގެ ނަތީޖާ އަނބުރާލީ 51 ވަނަ މިނިޓްގައި ލިބުނު ހިލޭޖެހުމަކުންނެވެ. ޕެނަލްޓީ އޭރިޔާގެ ބޭރުން މުހައްމަދު ތަސްމީން (ތައްތި) ފޮނުވާލި ބޯޅަ ގޯލަށް ވަނީ މި މެޗުގައި މާޒިޔާގެ ގޯލު ބެލެހެއްޓި މުހައްމަދު ނިޝާހު ހިފަން އުޅެނިކޮށް އަތުގައި ޖެހިފަ އެވެ. ނިޝާހު މި މެޗުގައި ކުޅެން ނެރުނީ މާޒިޔާގެ އެއްވަނަ ކީޕަރު ކިރިގިސްތާނުގެ ޕަވެލް މަޓިއަސް ގައުމީ ޓީމުގެ މެޗުތައް ކުޅެން ގައުމަށް ދިއުމަށް އަދި މާލެ ނާދެވިފައިވާތީ އެވެ.
މެޗުގެ ނަތީޖާ މާޒިޔާއިން އެއްވަރުކުރީ ވިކްޓަރީ ލަނޑު ޖެހިތާ މިނިޓެއް ފަހުން އަހުމަދު ނާޝިދު (ނާއްޓޭ) އެވެ. އޭގެ ފަހުން މާޒިޔާގެ ފަހު ދެ ލަނޑު ޖެހީ ކެޕްޓަން އަސަދުﷲ އަބުދުﷲ އެވެ. އޭގެ ފުރަތަމަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މި ޕެނަލްޓީ ލިބުނީ ވިކްޓަރީގެ ކީޕަރު ތޮލާލް ހަސަން ކުރި ފައުލަކުންނެވެ.
ނަމަވެސް މެޗަށް ފަހު ވާހަކަ ދައްކަމުން ވިކްޓަރީގެ ކޯޗު އަހުމަދު ނާޝިދު ބުނީ ކީޕަރާއި އެހެން ކުޅުންތެރިން ވެސް ރަނގަޅަށް ކުޅުނު ކަމަށާއި މެޗު ގެއްލުނީ ކުދިކުދި މިސްޓޭކް ހެދިގެން ކަމަށެވެ.
"ކުދިކުދި މިސްޓޭކް ހެދިގެން ބަލިވީ. ކުޅުންތެރިން މަސައްކަތް ކުރި ހިތްހަމަޖެހޭ ވަރަށް. މާޒިޔާ އަތުން މޮޅުވުމަކީ ވެސް ފަސޭހަކަމެއްނޫން،" 13 ޕޮއިންޓާއެކު ޓޭބަލުގެ ހަތަރު ވަނާގައި އޮތް ޓީމުގެ ކޯޗު ނާދު ބުންޏެވެ.
މި މެޗުން މޮޅުވުމުން މާޒިޔާ އަށް ތިން ވަނަ ލިބެނީ 15 ޕޮއިންޓާއެކުގަ އެވެ. އަދި މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވުމަށްފަހު މާޒިޔާ މޮޅުވި ފުރަތަމަ މެޗެވެ. ކޯޗު އަލީ ސުޒޭން މިއަދުގެ މެޗަށް ފަހު ބުނީ ޓާގެޓަކީ މޮޅުވުން ކަމަށެވެ.
"ޓާގެޓް ހާސިލްކުރެވިއްޖެ. އެއީ ޕޮއިންޓެއް ހޯދުން. ތިން މަހެއްހާ ދުވަސް ވެއްޖެ ލީގުގައި ޕޮއިންޓެއް ނުލިބި މާޒިޔާ އޮންނަތާ. އެހެންވީމަ އެކަން ކުރެވުނީމަ އެއީ ހިތްހަމަޖެހުމެއް. މިކަން ކުރެވުނީ ކުޅުންތެރިން ބުރަ މަސައްކަތުން،" ސުޒޭން ބުންޏެވެ.
ނަމަވެސް އޭނާ ބުނީ ގިނަ ކުޅުންތެރިންތަކެއް އަނިޔާގައިތިބުމާއި ލިބޭ ފުރުސަތު ނިންމާނުލެވުމަކީ މާޒިޔާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
ލީގުގައި މިރޭ ކުޅޭނީ ފަސް ވަނާގައިވާ އީގަލްސް އާއި ހަތް ވަނާގައިވާ ބީޖީ އެވެ.