މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

އެޗްސީއެފްސީ ހުއްޓާލި ގައުމަށް ރާއްޖެ

Jun 29, 2021

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އޯޒޯން ފަށަލައަށް ގެއްލުން ދޭ ކެމިކަލް މާއްދާއެއް ކަމުގައިވާ ހައިޑްރޯކްލޯރޯފްލޯރޯކާބަން (އެޗްސީއެފްސީ) ބޭނުން ކުރުން ހުއްޓާލި ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

މިއީ ފޭސް-އައުޓް މެނޭޖްމެންޓް ޕަލޭންގެ ދަށުން ރާއްޖެއިން އެޗްސީއެފްސީ ނައްތާލުމުގެ ގޮތުން 2010 ގައި ފެށި 10 އަހަރުގެ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގާފައި ވަނީ މަލްޓިލެޓަރަލް ފަންޑްގެ ހިލޭ އެހީ މެދުވެރިކޮށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި 2010 ވަނަ އަހަރު 67 މެޓްރިކް ޓަނުގެ އެޗްސީއެފްސީ ގޭސް ރާއްޖެއަށް އެތެރެ ކޮށްފައިވާއިރު، 10 އަހަރުގެ މުއްދަތެއް ތެރޭގައި ރާއްޖެއިން އެޗްސީއެފްސީ ގޭސް އެއްކޮށް ފޭސް އައުޓް ކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއު ރަސްމީކޮށް ނިންމާލާފައި ވަނީ އިއްޔެ އެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ތިމާވެށި މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެފައި ވަނީ ޓެކްނޮލޮޖީގެ ގޮތުންނާއި ފައިސާގެ ގޮތުން ލިބެންޖެހޭ ސަޕޯޓް ލިބިއްޖެނަމަ، އަމާޒަކީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުން ކަމަށެވެ.