ބޭންކް އޮފް މޯލްޑިވްސް

"ސިޓީ ބައިކް" ގެ ބްރޭންޑިން ކޮންސެޕްޓް ހަދާނެ ބަޔަކު ހޯދަނީ

Jun 29, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ތައާރަފުކުރާ "ސިޓީ ބައިކް" މަޝްރޫއުގެ ބްރޭންޑިން ކޮންސެޕްޓް ހަދާނެ ބަޔަކު ހޯދަން ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ ސިޓީ ބައިކްގެ ބްރޭންޑިން ހަދަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، 15 ގައި ބިޑް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެޗްޑީސީއާ ގުޅިގެން ބީއެމްއެލް އިން ހިންގާ "ސިޓީ ބައިކް" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި ކުޑަ ކުއްޔެއްގައި އާންމުންނަށް ލިބޭނެ ގޮތަށް 300 ބައިސްކަލު ތައާރަފު ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އެ ބައިސްކަލްތައް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ބޭނުން ކުރެވޭނެ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ހުޅުމާލޭގައި ހާއްސަ ކުރާ އެކި ސަރަހައްދުތަކުގައި ޑޮކިން ސްޓޭޝަން ގާއިމްކޮށް، ބައިސްކަލު ޕާކް ކުރަން ޖާގަ ހަދާނެ އެވެ. އަދި ބައިސްކަލު ކުއްޔަށް ދޫކުރާނެ ސިސްޓަމަކީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިން ހިދުމަތް ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ ނިޒާމެކެވެ.

ސިޓީ ބައިކްއަކީ ދުނިޔޭގައި މަޝްހޫރު ކޮންސެޕްޓެކެވެ. އަދި މިފަދަ ބައިކްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ބޭރުގެ ސިޓީތަކުގައި ޓްރެފިކްގެ މައްސަލަތައް ވެސް ކުޑަ އެވެ.