ރާއްޖެ ކުޅިވަރު

ނޭޕާލްގެ އެފްއޭގެ ރައީސް 10 އަހަރަށް ސަސްޕެންޑްކޮށްފި

ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ގަނޭޝް ތާޕާ 10 އަހަރަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފި އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން އޭނާ ސަސްޕެންޑްމިކުރީ ރިޝްވަތު ދިނުމުގެ ކުށުގަ އެވެ. ފީފާގެ އޮފިޝަލުންނާ ހަވާދީފައިވާ މީޑިޔާ ރިޕޯޓް ބުނާގޮތުން ނޭޕާލުގެ ފުޓްބޯޅަ އަށް ފީފާއިން ދެމުން އަންނަ ބޮޑެތި ފައިސާގެ އެހީތަކަށް ތާޕާ މަކަރު ހަދަމުން އަންނަތާ ގިނަ އަހަރުތަކެއްވެއްޖެ އެވެ.

ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ ސާފްގެ ކުރީގެ ރައީސް ތާޕާ އަކީ އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ އެއް ނާއިބް ރައީސެވެ. މި ސަސްޕެންޝަނާ ބެހޭ ގޮތުން އޭނާ ބީބީސީ އަށް ބުނެފައިވަނީ ފީފާގެ މި ފިޔަވަޅާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަރެން އެއްބާރުލުންދިނިން އެމީހުންގެ ތަހުގީގަށް މިދިޔަ ހަތަރު އަހަރުވެސް. އަހަރެން މިހާރު މިކަން ކޯޓް އޮފް އާބިޓްރޭޝަނުގައި އިސްތިއުނާފުކުރާނަން،" ނޭޕާލްގެ ޕާލަމެންޓްގެ މިނިސްޓަރެއްގެ ގޮތުގައި ވެސ ހުންނެވި ތާޕާ ވިދާޅުވި އެވެ.

ތާޕާ ސަސްޕެންޑް މިކުރީ ނޭޕާލްގެ ސީނިއާ ހަތަރު ކުޅުންތެރިއަކު ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވި އެމީހުން ސަސްޕެންޑްކޮށް ތަހުގީގު ހިންގަމުންދަނިކޮށެވެ. އަދި ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާގެ ރައީސް ސެޕް ބެލްޓާ އާއި ޔޫއޭފާގެ ރައީސް އަދި ފީފާގެ އެއް ނާއިބް ރައީސް މިޝޭލް ޕްލެޓިނީ ވެސް ވަގުތީގޮތުން ސަސްޕެންޑްކޮށްފައިވަނިކޮށެވެ.