(27 ޖޫން 2021 އާ ގުޅޭ)
ދާލިޔާގެ އަތަށް ދަމާލަމުން އެ އަތުގައި ހިފައިގެން ނީރާ ހިނގުން ބާރު ކޮށްލީ އެވެ. އެ ޒުވާނާގެ ކުރިމަތިން ގެއްލެން ބޭނުންވެފައި ހުރިވަރުންނެވެ.
ކަނާއަތް ފަރާތުން ފެންނަން ހުރި މައި އިމާރާތުގެ ދޮރުން ލައިޒަލް ވަނެވެ. ހަރަކާތްތެރިވަމުން ދިޔަ އެއްވެސް މުވައްޒަފަކަށް ސަމާލުކަމެއް އޭނާ ނުދެ އެވެ. އެތަނަށް ވަންއިރު އޭނާ ދާންވީ މިސްރާބު އޮތީ އޮޅުން ފިލާފަ އެވެ. މަންޒިލް ވަރަށް ސާފެވެ. މީހެއްގެ އެހީތެރި ކަމެއް ހޯދުމުގެ ވިސްނުން ނެތީ އެހެން ވެއެވެ. ސިޑީގެ ހަރުފަތްތައް ގިރާކޮށް ތިންވަނަ ފަންގިފިލާއަށް ލައިޒަލް އެރި އެވެ. އެތަނުގައި ހުރި ބައްދަލުވުން ބާއްވާ ކޮޓަރީއަށް ވަނެވެ.
"ދުރުވޭ..." މޭޒުމަތީ ކޮންމެ ގޮނޑިއަކާ ދިމާވާނޭހެން ފެންފުޅިއަކާއި ފައިލެއް ބަހައްޓަމުން ދިޔަ ޒުވާން އަންހެންކުއްޖާގެ ހަރަކާތްތައް މަޑުޖައްސާލައި ބުނެލި އެވެ.
"އަދި ނާދޭތަ އެކަކުވެސް؟" ދޮރުމަތީ މަޑުކޮށްލައިގެން ހުރެ ލައިޒަލް އަހާލި އެވެ. އޭނާއަށް ހަސްނާއަކީ ކާކުކަން އެނގެއެވެ. ކޮންމެ ތިން މަހުން އޮންނަ އެ ބައްދަލުވުމަށް އަންނާތީ އެވެ. ބައްދަލުވުން ފެށިގެން ނިމެންދެން ހުރިހާ އިންތިޒާމެއް ހަމަޖައްސާތީ ފެންނާނީ ހަސްނާ ވީމަ އެވެ. ތަނާ ހަވާލުވެ ހުންނަ ކިޔާންގެ ޕީއޭ ވެސް މެއެވެ.
"ބޮސް އެބަ ދުރުވޭ. ގިނައިރެއް ނުވާނޭ ވިދާޅުވި." ހަސްނާ ބުނެލި އެވެ. އޭނާ އާއި ލައިޒަލްއާ ދެ މީހުންނަށް ބަލާނަމަ އުމުރުގެ ގޮތުން އެ ދެމީހުންގެ ދެމެދުގައި މާބޮޑު ފަރަގެއް ހުންނާނޭއެކޭ މީހަކު ނުބުނާނެ އެވެ. އެހެންނަމަވެސް މަގާމާއި ޝަހުސިއްޔަތުގެ ގޮތުން ބަލާނަމަ އެ ފަރަގު ވަރަށް ބޮޑެވެ.
"ބޭރުގަ މިހުރީ." ލައިޒަލް މިހެން ބުނެލާ ނުކުތީ އެވެ. އޭނާ އައިސް ބެލްކަނީގެ ފާރުބުރީގައި އަތްއަޅުވާލައިގެން މަޑުކޮށްލި އެވެ.
އިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ހާއްސަ އެ އެސޯސިއޭޝަންގެ ހަ ހިއްސާދާރުންގެ ތެރެއިން ލައިޒަލްއަކީ އެކަކެވެ. ތަން ހިންގުމާ ހަވާލުވެ ހުންނަނީ އެމީހުންގެ ތެރެއިން ކިޔާން އެވެ. ތަނުގެ ބާނީއަކީ ވެސް އޭނާ އެވެ. އަމިއްލަ ދަރިފުޅުގެ ކަންފަތަށް ލިބުނު ގެއްލުމުގައި އެކުއްޖާ އަޑުނީވޭ ކުއްޖަކަށްވީ ހިސާބުންނެވެ.
އުމުރުން ފަންސަވީސް އަހަރުގެ ލައިޒަލް މިރްފަތް ފިރާގަކީ ޒިންމާދާރު ޒުވާނެކެވެ. ހަފޫޓަށްވުރެ މައްޗަށް ދެމިލާފައި ހުންނަ ދިގު އިސްކޮޅާ އެއްވަރަށް ހެދިހުރި ހަށިގަނޑެއް ލިބިފައި ވެއެވެ. ކަސްރަތު ކުރުމުގައި ޖިމްގައި ގިނަ ވަގުތުތަކެއް ހޭދަ ނުކުރި ނަމަވެސް އޭނާއަކީ ފީނުމާއި ފެތުމަށް ލޯބި ކުރާ ޒުވާނެކެވެ. ހަށިގަނޑުގެ މަސްތައް ބައްޓަން ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރަނީ އެހެންވީމަ މޫދެވެ. ދިގު މޫނަކާއި އާދަޔާ ހިލާފު ލޮލުގެ ކަޅީގެ އިތުރުން ހިނިތުންވާން ބުރައަކަށްވާ ފަދަ އަސަރުތަކެއް އެމޫނުގައި އެކުލެވިފައި ވެއެވެ. ވަރުގަދަ ދެ ބުމަ ކައިރިކޮށްލައިގެން ހުންނަ ވަގުތު ގިނަ އެވެ. ސީރިއަސް މީހެއްގެ ގޮތުގައި ނޫނީ ލައިޒަލް ނުފެނެ އެވެ. އެކަމަކު އެ ސީރިއަސްކަން ބަދަލުވާ ވަގުތެއް އާދެއެވެ. އޭނާއާ ގާތްކަމެއް އުފެދިއްޖެ މީހަކަށް ސީރިއަސް ކަމުގެ ފަހަތުގައި ފޮރުވިފައި އިތުރު ސިފައެއްވާކަން ފެންނާނެ އެވެ. ލައިޒަލްއަކީ މީހުން ބުނެ އުޅޭ ފަދަ ރިހި ސަމްސަލަކާއެކު އުފަންވީ ޒުވާނެކެވެ. ފައިސާގެ ގޮތުން ބަލާނަމަ ދިރިއުޅުމުގައި ހާސިލުނުވާ އުފަލެއް ނެތެވެ. އާދައިގެ ދިރިއުޅުމަށް އޭނާ ލޯބި ކުރާވަރު އެކުގައި އުޅޭ މީހުންނަށް އެނގެއެވެ. އެކަމުގެ ހެއްކަކީ އޭނާއަށް ބަލާލާފައި އެކަކަށް ވެސް އެއީ ހީނުކުރާހާ ތަނަވަސް އާއިލާއަކުން އައިސް ހުރި ޒުވާނެއްކަން ބުނަން ނޭނގުމެވެ. ކައިބޮއެ ހެދުމުގައި އެންމެ އާދައިގެ މީހެކޭ އޭނާއެކޭ ތަފާތެއް ނުހުރެއެވެ. ދެއްކުންތެރިކަމާއި ބޮޑާކަމުގެ ހިޔަނި އެޅޭ ވަރަށްވުރެ އެ ނަފްސުގެ ތެދުވެރި ކަމާއި އޯގާތެރިކަން ބޮޑެވެ. ދަންނަ މީހުންނާއި އެކުވެރީންނަށް ހެޔޮ ދީލަތި ޒުވާނެކެވެ. ހެދުން އެޅުމުގައި ކަޅާއި ހުދުކުލައިން ފެށިގެން އެ ދެމެދަށް ފެތޭނޭ ކުލައެއް ނޫނީ ބޭނުމެއް ނުކުރެ އެވެ. އިސްތަށިގަނޑު އަބަދުވެސް ބަހައްޓާނީ ކުރުކޮށެވެ. ރީތިކޮށް އޮމާން ކުރެވިފައެވެ. ތުނބުޅިމަތިސް ބަހައްޓަން ފެށީއްސުރެ ހުންނަނީ ތުނިކޮށެވެ. އޭނާގެ ދިގު މޫނާ ނުހަނު ގުޅޭނޭހެންނެވެ. އޮޅަލި ހަންގަނޑު ބައެއް ފަހަރަށް މޫދަށް އެރޭތީ ހުންނަންވާ ވަރަށްވުރެ އަނދާފައި ހުންނަތަން ފެނުމަކީ އާދައެކެވެ. މިއުޒިކަކީ އޭނާގެ ހިތާ ގުޅިފައިވާ ތަރާނާއެކެވެ. ކާފައެއްގެ ބެލުމުގެ ދަށުގައި ތަރުބިއްޔަތުވެ މިއަދު އޭނާ ފުރިހަމަ ޒުވާނަކަށް ވެއްޖެ އެވެ. ކާފަގެ ވިޔަފާރިއަކީ ލައިޒަލްގެ ކޮނޑުގައި އެޅިފައި އޮތް އެންމެ މުހިންމު މަސްއޫލިއްޔަތެވެ. ޒުވާން އެ ހިތުގައި ރަނގަޅު ކަމަކަށް ހޭދަކުރުމުގެ ހިޔާލާއި ފިކުރު އުފަންވީ މިއަދަކު ނޫނެވެ. އެ ދީލަތި ހިތުގައި އެހީތެރިކަން ބޭނުންވާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ވިސްނުން އަބަދުވެސް ހިނގަމުން އައެވެ. އެކަމަކު އެ ވިސްނުމާއި ހިޔާލު ހަގީގަތަކަށްވީ އަދިކިރިޔާއެވެ. ކިޔާންއާ އެކުވެރިކަން ބަދަހިވީ އެހިސާބުންނެވެ. އެސޯސިއޭޝަނާ ލައިޒަލް ގުޅުނީ ދެނެވެ.
"ހިތަށް ވެސް އެރި ލައިޒަލް އައިސްއޭ ހުންނާނީ." އިވުނީ ކިޔާންގެ އަޑެވެ. އޭނާ ލައިޒަލްގެ ގާތަށް އައިސް މަޑުކޮށްލި އެވެ. ދެ ޒުވާނުން ސަލާމްކޮށްލިއެވެ.
"އަދި ނާދޭ އެހެން މީހަކު." ލައިޒަލް ބުނެލި އެވެ.
"އަހަރެން ވެސް ކުއްލިއަކަށް ގެއަށް ޖައްސާލަން ޖެހުނީ. މިއަދު ރަސްމީކޮށް މިފެންނަނީ" ލައިޒަލްއަށް ބަލާލަމުން ކިޔާން ބުންޏެވެ.
"އެހެން ކަމަކު ޖައްސާލަން ޖެހުނީ." ލައިޒަލް ހެދުން އަޅާފައި ހުރި ގޮތަކަށްކަން ކިޔާން އެ އިޝާރާތްކުރީ އެނގި ބުނެލި އެވެ.
ދެމީހުންގެ ދެމެދުގައި އެސޯސިއޭޝަންގެ ވާހަކަ ފެށުނެވެ. ތަން ހިންގަނީ ކިހިނެއްކަމެއް ލައިޒަލްއަކަށް ނޭނގެ އެވެ. އެހެންވިޔަސް ކޮންމެ ހަތަރު މަހަކުން ބާއްވާ އެ ބައްދަލުވުމަކީ އިންވެސްޓަރުންނަށް އެފަދަ މަޢުލޫމާތުތައް ފޯރު ކޮށްދިނުމަށް ޓަކައި ބޭއްވޭ ބައްދަލުވުން ތަކެކެވެ. އެމީހުންގެ ފައިސާއަށް ވާގޮތް ސާފު ކޮށްދިނުމަށެވެ. ލަނޑުދަނޑިތައް ހާސިލުވި ވަރާއި ކުރިއަށް ރޭވިފައި ހުރި ކަންކަން ހިއްސާ ކުރުމަށެވެ.
ކިޔާންއާއެކު ލައިޒަލް ބައްދަލުވުން އޮންނަ ކޮޓަރިއަށް ވަދެ ދެމީހުން މޭޒުދޮށުގައި އިށީނެވެ. ވާހަކައިގެ ތެރެއިން ލައިޒަލް ފާހަގަ ކޮށްލީ މީގެ ކުރީން އޭނާ ސަމާލުކަމެއް ދީފައިނުވާ ދާއިރާއަކުންނެވެ.
"އާ ކުދީން ނަގައިގެން މިއުޅެނީ. ރަނގަޅަށް ތިހީވީ. އުޅޭނެ އެކަހަލަ ދެތިން ޓީޗަރުން... ގާބިލް ކަމަށް ބަލާފަ ނެގީ. ބައްދަލުވީތަ އެތަނުން ޓީޗަރަކާ؟ ކުއްލިއަކަށް ތިސުވާލު ކުރީ." ކިޔާންއަށް ވެސް ހައިރާން ކަމެއް ލިބުނެވެ.
"ހަމަ އަހާލީ. އެނގޭ މަސައްކަތަށް ގާބިލު މީހުންތޯ ބަލާފަ ނޫނީ ކިޔާންމެން ނުނަގާނެކަން." ހިތުގައި އޮތް އެއްޗެއް ފޮރުވަމުން ލައިޒަލް ވާހަކަ ދެއްކި އެވެ.
ދެ ޒުވާނުން ވާހަކައިގަ ތިއްބާ އިތުރު މެންބަރުން އަންނަން ފެށިއެވެ. އެންމެން ހަމަވެ ބައްދަލުވުން ފެށުނުއިރު ބައިގަޑިއިރު ފާއިތުވެއްޖެއެވެ. ދިވެހީން ގޮވައިގެން ކަމެއްކުރަން އުޅޭންޏާ ވާނޭ ވަރަކީ މީކަން ކިޔާން ފާހަގަކުރީ ސަމާސާގެ ހީނލުމަކާއެކު އެވެ.
ގެއަށް އައިސް ވަދެވުނުއިރު ލައިޒަލްއަށް އެނދު ފެންނަ ކަހަލައެވެ. ކާފަ ފެންނަން ނެތުމުން ކޮބާތޯ އަހާލީ ކާމޭޒުމަތި ސާފުކުރަން ހުރި ރަޝީދާ ކައިރީއެވެ.
"އިސްމާއިލްބެއާއެކު ދެންމެ އެ ނިކުތީ. ލައިޒަލް ހާދަ ލަސްވެއްޖޭ ކިޔާފަ... ކާން ހަދައިދެން." ރަޝީދާ ބުންޏެވެ.
"ފަހުން." ލައިޒަލް މަޑުނުކޮށް އެތެރެއަށް އައީއެވެ.
ލައިގެން ހުރި ހެދުންތައް ބާލައި ތަރުތީބުކޮށް އެ ހުންނަން ޖެހޭ ތަނުގައި ލައިޒަލް އެޅުވި އެވެ. ދެން އައިސް އެނދުގައި އޮށޯތެވެ. ލައިގެން ހުރި ބޮކްސާ ކޮޅާއެކުއެވެ. އާންމު އެއްޗެއް ނުލާ ނިދުމަކީ ލައިޒަލްގެ އާދައެވެ. ކޮޓަރީގައި އޭނާ އުޅޭހާ ހިނދަކު ވަންނާނޭ މީހަކު އެގޭގައި ނުހުންނާނޭކަން ޔަގީންވާތީ އެވެ. ފަހަރެއްގައި ވަނަސް ވަންނާނީ ފިރާގެވެ. އެކަމަކު އޭނާ ވެސް ލައިޒަލް ކޮޓަރި ތަޅުލާފައި ހުރިއްޔާ ހުޅުވައިގެން ދުވަހަކު ވެސް ނުވަދެއެވެ.
ކަޅުކުލައިގެން މަޑު ތަންމަތީގައި ލައިޒަލް ހަމަޖެހިލި އެވެ. ބައްދާލައިގެން އޮތް ބާލީސް ބޮޑަށް ގަޔާ ކައިރިކޮށްލި އެވެ. ލޯ މަރާލިތާ ގިނައިރެއް ނުވަނީސް އޭނާގެ ތުންފަތް ހަރަކާތްކޮށްލި އެވެ. ހިނިތުންވުމެއް ވެރިވާން އުޅުނު ކަހަލައެވެ. އެގޮތުގައި އިރުކޮޅަކު އޮތުމަށްފަހު ލަސް ގޮތަކަށް އެސްފިޔަތައް ހުޅުވާލި އެވެ. އެ ރީތި ކަޅީން ވިދުވަރެއްގެ އަސަރު ފާޅުވެލި ކަހަލައެވެ.
"އަހަރެން ނިދިޔަ ނުދޭންތަ ތިއުޅެނީ؟" މީހަކާ ސުވާލުކުރި ފަދައިން ލައިޒަލް ބުނެލި އެވެ. ފުރިހަމަ ހިނިތުންވުމަކަށް ނުވިޔަސް މިފަހަރު ލައިޒަލްގެ ތުންފަތް ދެމިލައިފިއެވެ. މަޑުމަޑުން އުއްޑުން ޖެހިލުމާއެކު ހާމައަށް އޮތް މޭގައި ކަނާއަތްތިލައިން ފިރުމާލި އެވެ. އިސްތަށީގެ އަސަރެއް ނެތް އެ ތަނަވަސްމޭގެ ނިވަލުގައިވި ހިތުގައި އާ ވިންދެއް އުފަންވީހެން ހީވަނީ އެވެ. މޭގައި ފިރުމަމުން އަތްތިލަ ގެނެސް ހިތާ ދިމާގައި ޖައްސާލައިގެން ލައިޒަލް އޮތެވެ. ދެން ބާލީސް ނަގައި މޭމަތީ ބާއްވާލުމާއެކު އޭގައި ދެއަތް ވަށާލައިފި އެވެ.
"އެހާ ރީއްޗޭ ކަލާ ބުނަމޭ... މިސާލެއް ދެން ނުވެސް ވާނޭ..." ލައިޒަލްގެ ސިކުނޑި ތެރޭގައި ލަފުޒުތައް ގެތެމުން ދިޔައެވެ.
* * * * *
"މަންމާ..." ރިންގުވަމުން ދިޔަ ފޯނުގެ އަޑު އިވުމުން އީހާން ގޮވާލީ ތަންކޮޅެއް ބާރަށެވެ. އަތުގައި އޮތް ޕީޒާފޮތިން ކާލި އެތިކޮޅު އަނގައިގަ އޮއްވައެވެ.
"މިހާރު ކޯއްޗެއް ބޭނުންވީ." އީހާންގެ ގޮވާލުމުގެ ރާގު އެނގިހުރެ ކޮޓަރިން ނުކުތް ލަމްހާ ވާހަކަ ދެއްކި އެވެ.
"ފޯނު...ގެނެސްދީބާ މަންމާ." އީހާން ބުނެލިއެވެ.
"އިންތަނުން ފޫހިއްލާނުލާތި އިނގޭ ދަރިއާ." ލަމްހާއަށް ބުނެލެވުނެވެ. އޭނާއަށް ވެސް އީހާންގެ ފޯނު ރިންގުވާ އަޑު އިވެއެވެ. ކޮޓަރިއަށް ގޮސް ފޯނު ހިފައިގެން އައިސް އީހާނަށް ދިއްކޮށްލިއެވެ.
"ތި އެއްކޮށް ހުސް ނުކުރާތި." އީހާން ޕީޒާ ހުސްކޮށްލަފާނޭކަން އެނގޭތީ ލަމްހާ ބުނެލި އެވެ.
އަނގަފުރައިގެން އިނދެ އީހާން ހޫން ލައްވާލީ ފަރުވާކުޑަ ގޮތަކަށެވެ. ލަމްހާ ކުރަން ހުރި މަސައްކަތަށް އެނބުރި ދިޔައެވެ. ޓިޝޫއަކުން އަތްފުހެލާފައި ފޯނު ބަލަން އީހާން ފެށިއެވެ. އޭރު އޭނާއަށް އައި ކޯލު ކެނޑިއްޖެއެވެ. ގުޅީ ކާކުކަން އެނގުމުން އަވަހަށް އީހާން ގުޅައިފިއެވެ.
"ހެލޯ! ނިމުނީތަ؟." އަނެއްކޮޅުން ފޯނުކޯލު ނެގުމާއެކު އީހާން ވާހަކަދެއްކިއެވެ.
"އުހޫނ! މަޑުކުރޭ... މިދަނީ ބަލާ. މިބުނީނު މިދަނީއޭ. ކާކާއެއްކޮށް... ނުވާނެ އައިސްގެން... މިދަނީ ބަލާ. ބުނީމަ ތިތާ މަޑުން ހުރެބަލަ. ބާއްވަނީ. މިދަނީ..." އެކޮޅުން ދެއްކި ވާހަކައަށް އީހާން ވާހަކަދެއްކީ ހަރުކަށިކަމާއެކުއެވެ. އަދި ވާހަކަދައްކަދައްކާ ހުއްޓާ އީހާން ފޯނުކޯލު ކަނޑާލީއެވެ.
ފުންމައިގެން ސޯފާއިން ތެދުވި ގޮތަށް އޭނާ ބަދިގޭ ސިންކުން އަތް ދޮވެލިއެވެ. ކޮޓަރިއަށް ވަން ގޮތަށް ޓީޝާޓު ބޮލުން މަހާލައިގެން އައިސް ރީތިވާ މޭޒު ކައިރީ ހުއްޓުނެވެ. ލޯގަނޑު ސޫރަ ބަލާލި އެވެ. ކަނދުރާ ފޮރުވޭވަރަށް ދިގު ކޮށް އޮތް އޭނާގެ ބުޅިއިސްތަށިގަނޑު ދެއަތުގެ އިނގިލިތަކުން ރީތި ކޮށްލި އެވެ. ދެން އަވަސް އަވަހަށް ކޮޓަރިން ނުކުތެވެ. މަންމައަށް ގޮވަމުން ކާރުގެ ތަޅުދަނޑި ކޮބާތޯ އެއްސެވެ. އެނދުގެ ތަންމަތި ބަދަލުކުރުމުގައި އުޅުނު ލަމްހާ އެކަން ހުއްޓާލާފައި އަނެއްކާ ވެސް ނުކުތެވެ. އޭނާގެ ފިރިހެން ދަރިފުޅު އެއްޗެހި ހޯދާނީ އެހެންމީހުންގެ ލޮލުންކަން އެނގޭތީއެވެ. ކާރުގެ ތަޅުދަނޑި ގެނެސް އީހާންގެ އަތަށް ލައިދިނެވެ. އެއާއެކު އޭނާ މިއަންނަނީ ކަމުގައި މަންމަ ކައިރީ ބުނެ ތަޅުދަނޑި ހިފައިގެން ގެއިން ނުކުތީއެވެ.
ހުޅުމާލެއިން މާލެއަށް ކާރުގައި އީހާން އައެވެ. ކާރު މަޑުކޮށްލުމާއެކު ގޭޓު ކައިރީ ހުރެފައި އެ ދިމާއަށް ހިނގައިގަތް އަންހެންކުއްޖާ އީހާނަށް ފެނެއެވެ. އޭނާ ކައިރިވުމާއެކު ކުރީ ދޮރުފަތް އީހާން ހުޅުވާލިއެވެ.
"ޕީޒާ ކާން އިނދެފަތަ ތިއައީ؟" ރުންކުރު ގޮތަކަށް ކާރަށް އެރި އަންހެން ކުއްޖާ އަހާލިއެވެ.
"އަނގަމަތީ ހުރީތަ؟" ލޯގަނޑުކޮޅު އަނބުރާލައި އަނގަމަތި ބަލަމުން އީހާން އަތް ހާކާލިއެވެ.
"އައްޗީޑި... ފެންވެސް ނުވަރާ ދޯ ތިއައީ." އިތުރު ޝަކުވާއެއް އެ އަންހެންކުއްޖާ ކޮށްލިއެވެ.
"ނުދުވާނެ ނުބައިވަހެއް." އަތް ހިއްލާލައި ކިހިލިފައްޗާ ދިމާއަށް ބޯއަރި ކޮށްލާފައި އީހާން ބުންޏެވެ.
"ހޫމް... ދެން ދާން ހިނގާބަލަ." ދެފަރާތަށް ބޯހޫރާލާފައި އެ އަންހެން ކުއްޖާ ބުންޏެވެ.
"ޕިގްލެޓް." ކާރު ދުއްވާލި އީހާން ނިކަން ލޯބިން ގޮވާލިއެވެ.
"ބިގްބޭބީ..." ބަދަލުގައި އެ އަންހެންކުއްޖާ ގޮވާލިއެވެ.
"ނީ..." އީހާން ގޮވާލިއެވެ.
"އީހާން..." އެ އަންހެންކުއްޖާ ވެސް ގޮވާލިއެވެ.
"އޯ ސްޓޮޕް އިޓް... އިރުކޮޅަކުން ޔަމަނު ގުޅާނެ ޖިމަށް ދާން. ފެންވަރައިގެންނޭ ދާނީ... ޕީޒާ ވެސް ހުންނާނެ. ހުހެއްނުކުރަން... ހަމަ ހުވާ. ޕީސް..." އީހާން ކަނާއަތުގައި ޝަހާދަތް އިނގިއްޔާއި މެދުއިނގިލި ދައްކާލަމުން އަހާލިއެވެ. އެ އަންހެންކުއްޖާ ބޯއަރިކޮށް ބަލާލިއެވެ. ނިކަން އަވަހަށް މޫނުގައިވި ސީރިއަސްކަން ނެތިގެން ދިޔައެވެ. ލުއި ހީނލުމަކާއެކު އީހާންގެ ދެ އިނގިލީގައި އޭނާގެ ދެ އިނގިލި ޖައްސާލުމާއެކު ކޮއްޕާލިއެވެ. ދެމީހުން ކޮއްލި ސަލާމެއް ކަހަލައެވެ. އީހާން އެހިނދު އެ އަތްތިލަ އޭނާގެ އަތުގެ ތެރެއަށް ހެޔޮވަރުކޮށްލިއެވެ. އިނގިލިތައް މަހާލުމާއެކުއެވެ.
ހުޅުމާލޭގެ ލަގްޒަރީ އެޕާޓްމެންޓް ކޮމްޕްލެކްސްގެ އެންމެ ތިރީގައި ހަދާފައިވާ ގަރާޖުގައި ކާރު ބޭއްވުމަށް އީހާނު ފޭބިއެވެ. ދެ ޒުވާނުން އެކުގައި އެމީހުން ދިރިއުޅޭ އެޕާޓްމެންޓަށް އައެވެ. ހަމައެވަގުތު އީހާންގެ ފޯނު ރިންގުވާން ފެށިއެވެ. ނިކަން ހިނިއައިސްފަ ހުރެ އޭނާ ފޯނު ދައްކާލީ ގާތުގައި ހުރި އަންހެންކުއްޖާއަށެވެ. ފޯނަށް ބަލަމުން އައިސް އެލެވޭޓާއަށް އެރިއެވެ. އޭގެ ތެރޭގައި ހުރި ޒުވާނާ ފެނުމުން އީހާން ހުއްޓުން އެރިއެވެ. ( ނުނިމޭ )