އައްޑޫ ފްލައިން ސްކޫލް

އައްޑޫގައި ފްލައިން ސްކޫލް ހިންގަން ފުރުސަތު ނުދިން

އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، އޭއޭއޭގެ އެސެޓް ގަނެފައިވާ ރާއްޖޭގެ އަމިއްލަ ކޮލެޖެއް ކަމަށްވާ، އެވިޑް ކޮލެޖްގެ އޭވިއޭޝަން ފެކަލްޓީ ހިންގަން ފުރުސަތު ނުދޭނެ ކަމަށް އައްޑޫ އެއާޕޯޓް ބޯޑުން އަންގާފައިވާ ކަމަށް ސްކޫލް އޮފް އޭވިއޭޝަން (އަސާ) އިން ބުނެފި އެވެ.

އަސާގެ މަސައްކަތް ފަށަން މިވަގުތު ކުރާ މަސައްކަތުގެ ތަފްސީލުތަކެއް ހިމެނޭ ފެކްޓް ޝީޓެއް މިއަދު އެވިޑް ކޮލެޖުން އަވަސް އާ ހިއްސާކުރި އެވެ. އޭގައި އަސާއަށް ފުރުސަތު ނުދޭ ސަބަބު ބުނެފައެއް ނެތެވެ.

އެ ފެކްޓް ޝީޓްގައިވާ ގޮތުން އޭވިއޭޝަން މާހިރުންގެ ލަފަޔާ އިރުޝާދާއެކު ކުރަންޖެހޭ ކަންކަމާއި އެހެނިހެން މަސައްކަތައް ޕްލޭން ކުރަމުން ގެންދެ އެވެ. އިސްކަން ދީގެން ކުރާ ކަމަކީ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވީއެންމެ އަވަހަކަށް ނިންމައި ދިނުމެވެ. އަސާ ހިންގަން ބޭނުން ވާނެ އިތުރު ފްލައިޓްތައް ހޯދަން މަޝްވަރާ ކުރާ ކަމަށާއި މި މަސައްކަތް ކުރިޔަށް ގެންދަން ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އައްޑޫގައި އޭއޭއޭ ހިންގަމުންދާ އިމާރާތް ހުސް ކުރަން އައްޑޫގެ އެއާޕޯޓްގެ ބޯޑުން ދީފައިވާ އެންމެ ފަހުގެ ތާރީހަކީ ޖުލައި މަހެވެ. އޭއޭއޭ ހިންގުމާ އެވިޑް ކޮލެޖުން ހަވާލުވުމާ ގުޅިގެން އެއާޕޯޓުގެ ބޯޑުގެ ނިންމުން ބަދަލުކޮށް ނޯޓިސް ކެންސަލް ކޮށްދޭން ވެސް އެވިޑުން ވަނީ އެދިފަ އެވެ.

އެކަމާ ގުޅުވައި އައްޑޫ އެއާ ޕޯޓްގެ ބޯޑާއެކު ބައްދަލުވުމެއް ވެސް ބާއްވާފައި ވެއެވެ. ބޯޑުން ބުނީ އޭއޭއޭއެކު ހަދާފައިވާ އެގްރިމެންޓް ޖުލައި މަހުގެ ނިޔަލަށް ހަމަވުމުން މުއްދަތު އިތުރު ނުކޮށްދޭނެ ކަމަށެވެ.

މިހާރު އޮތް ގޮތުން އެވިޑަށް އައްޑޫގައި ފްލައިން ސްކޫލް ނުހިންގޭނެ އެވެ. އައްޑޫގައި ފްލައިން ސްކޫލް ނުހިންގުނު ނަމަވެސް ރާއްޖޭގައި ފުރުސަތު އޮތް އެހެން ދިމާއެއްގައި އެކަން ކުރިއަށް ގެންދާނެ ކަމަށް ވެސް އެވިޑުން ބުންޏެވެ.

އޭއޭއޭ އިން އައްޑޫގައި ހިންގި ފްލައިން ސްކޫލުގެ ހުރިހާ އެސެޓެއް އެވިޑް ކޮލެޖުން ގަނެ އެ ކޮލެޖުގެ އޭވިއޭޝަން ފެކަލްޓީ އިފްތިތާހު ކޮށްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އަދި ނަން ވެސް އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) އަށް ބަދަލު ކުރި އެވެ.