ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަަޝީދަށް ދިން ހަމަލާ: ތުހުމަތު 8 މީހަކަށް ހަތަރު މީހަކަށް ދައުވާ

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ވަރަށް އަވަހަށް ދައުވާ ކުރަން ފޮނުވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ. އެކަން ހާމަކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމަނިކުފާނު ވިދާޅުވީ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ 8 މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށާ އަދި ހަތަރު މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމާ ވަރަށް އަވަހަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

"މީގެ ދެ ދުވަސްކުރިން އަޅުގަނޑަށް ޕޮލިހުން ދެއްވި އަޕްޑޭޓްގައި ވާ ގޮތުން މިކަމާ ސީދާ ގުޅުންހުރި 8 ފަރާތެއްގެ ތަހުގީގު މިހާރު ބާރަށް ކުރިއަށް އެބަދޭ. އޭގެ ތެރެއިން ހަތަރު ފަރާތެއްގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް އެބޭފުޅުން ވިދާޅުވެފައިވޭ. އަދި އޭގެ އިތުރުން ވަށައިގެން ހުރި މީގެ ދުރުމިން ގޮސްފައި އޮތް މިންވަރު ބަލާ ތަހުގީގު މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި. އަޅުގަނޑު މި ތަހުގީގު ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލަމުން އެބަ ގެންދަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޓެލިޖެންސް އިދާރާތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރިޕޯޓެއް އެކުލަވާލެއްވުމަށް އެމަނިކުފާނު އުފެއްދެވި ކޮމެޓީގެ ބައެއް މައުލޫމާތު ލިބިފައިވާ ކަމަށާ ފައިނަލް ރިޕޯޓް ވަރަށް އަވަހަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ރިޕޯޓާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ފަސް މީހަކު ހައްޔަރު ކޮށްފައިވެއެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމް އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ފާތިހް އަކީ ހަމަލާ ދިން ތަނުގައި ސައިކަލް ބެހެއްޓި މީހާ އެވެ. މުޖާޒް ހައްޔަރުކޮށްފައިވަނީ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.

އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ހުޅުމާލޭގެ ފްލެޓް (95-ޖީ-02) ގައި ހުއްޓާ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މުޖާޒް ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ގ. ފެހިދޯދިގޭގައި ކުއްޔަށް ދީފައިވާ ތަނަކުން މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ހުޅުމާލެ އިން ތަހުމީން ވެސް ހައްޔަރުކުރީ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ބ. ދަރަވަންދޫ އިން ފާތިހު ހައްޔަރުކުރީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.

ފަސްވަނަ މީހާގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.