މިނިސްޓްރީ އޮފް ޓޫރިޒަމް

ދެކުނު އޭޝިއާ ފަތުރުވެރިންނަށް ޖުލައި 15ގައި ވިސާ ދޫކުރަނީ

ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް އަލުން ޓޫރިސްޓް ވިސާ ދިނުމަށް ނިންމައިފި އެވެ.

އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރަމުން ދިޔަ ވަގުތެއްގައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ވިސާ ދޫކުރުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަލުން ވިސާ ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަމަކު ވިސާ ދޫކުރަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ވިސާ ދޫކުރަން ނިންމި ނަމަވެސް އެކަން ފަށާނީ ކުރިއަށް މިއޮތް ދުވަސް ތަކުގެ ރާއްޖޭގެ ކޮވިޑް ނަންބަރުތަކަށް ވަމުންދާ ގޮތް އަދިވެސް އިތުރަށް ބެލުމަށްފަހު ކަމަށެވެ.

ދެކުނު އޭޝިއާ އިން ރާއްޖެއަށް މަސައްކަތް ކުރަން އަންނަ މަސައްކަތްތެރިންނަށް ވާކްޕަމިޓް ދޫކުރުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. އެކަމަކު އެމީހުން ރާއްޖެ އައިސް ކަނޑައަޅާ ވަކި މުއްދަތަކު ކަރަންޓީނު ވާން ޖެހޭނެ ކަމުގައި ރައީސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ވިސާ ދޫކުރަން ފެށުމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އަދި އޭރުން ދައުލަތުގެ އާމްދަނީ އަށް ވެސް އިތުރު އާމްދަނީ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.