ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ދެ ޑޯޒް ޖެހި މީހުންނަށް ލުއި ދޭން ގޮތެއް ނުނިންމުނު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަމުންދާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ލުއިތަކެއް ދިނުމަށް މަޝްވަރާ ކުރެވުނު ނަމަވެސް އެކަމަށް އަދި ގޮތެއް ނިމިފައި ނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ދެ ޑޯޒް ހަމަކޮށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުނަށް ދެވޭނެ ލުއިތަކާމެދު މަޝްވަރާ ކުރަމުންދާ ކަމަށް އެޗްއީއޯސީން މީގެ ހަފްތާއެެއްގެ ކުރީން ވަނީ ބުނެފައެވެ. ނަމަވެސް މިއަދު އިއުލާނުކުރި ލުއިތަކުގައިވެސް ދެ ޑޯޒް ހަމަކޮށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުނަށް ދޭ ލުއިތަކެއް ހާމަކޮށްފައެއް ނުވެއެވެ.

އެކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ ކޮވިޑް ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއި ދިނުމާއި ގުޅޭގޮތުން ރޭވެސް ޓެގް ޓީމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް އެކަމާއި މެދު ގޮތެއް ނުނިންމުނު ކަމަށް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ވެކްސިން ފުރިހަމަ ކުރި މީހުންނަށް މިވަގުތު ލުއި ދިނުމަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ. އެއީ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ނިސްބަތް ކުޑަވުމެވެ. މުޅި ރާއްޖެއަށް ދެ ޑޯޒް ވެކްސިން ޖަހާފައިވަނީ 38 ޕަސެންޓް މީހުން ކަމަށާ ޖުލައި މަހުގެ ތެރޭގައި ދެ ޑޯޒް ފުރިހަމަ ކުރެވޭ މީހުންނާއެކު އިތުރު ލުއިތަކެއް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަސްލުގަ ދެ ޑޯޒް ޖެހުނީމަ ގިނަ ރަށްރަށުގަ ވަރަށް ބޮޑު ލުއިތަކެއް އެބަ ދޭ. އަސްލުގަ އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ ކަމަކީ އަޅުގަނޑުމެން ބޭނުންވާ ވަރަށް ދެ ޑޯޒް ވެކްސިން ޖެހިފައެއް ނެތް. އެހެންވެގެން ރެސްޓްރިކްޝަންތަކެއް މި އަންނަނީ." ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ 75 ޕަސެންޓް މީހުންނަށް ދެ ޑޯޒް ވެކްސިން ހަމަކުރުމުން މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް މިނިވަންކަން ލިބިގެންދާނެ ކަމަށެވެ.

ސިއްހީ މާހިރުން ވިދާޅުވީ ވެކްސިނުން 100 ޕަސެންޓް ރައްކާތެރިކަން ނުލިބޭނެ ކަމަށެވެ. އަދި ވެކްސިނުން ލިބޭނީ 70 ޕަސެންޓް ރައްކާތެރިކަން ކަމަށެވެ. ނަމަވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މަތިވަމުންދާއިރު އޭގެ ތެރޭގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދު މަދުވުމަކީ ވެކްސިނުން ލިބޭ ރައްކާތެރިކަން ކަށަވަރު ކުރެވޭ ކަމެއް ކަމަށް އެ ބޭފުޅުން ފާހަގަ ކުރައްވައެވެ.