ބޭންކް އޮފް މޯލްޑިވްސް

ހިންމަފުށްޓާއި ދިއްފުށީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

Jun 29, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

ހިންމަފުށި އަދި ދިއްފުށީގައި ގާއިމްކޮށްފައިވާ އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

ހިންމަފުށްޓާއި ދިއްފުށީގައި ހިދުމަތް ފެށުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މި ދެ ރަށުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި އިގްތިސާދަށް އެހީތެރިވެދެވޭ ގޮތް ވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

އޭޓީއެމް ހިދުމަތާއެކު މާލެ ފިޔަވައި ކ. އަތޮޅުގެ 6 ރަށެއްގައި މިހާރު ވަނީ އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވިފަ އެވެ. މީގެ އިތުރުން މާފުށި އަދި ކާށިދޫގައި ގާއިމުކޮށްފައިވާ ބްރާންޗްތަކުންވެސް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 73 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މިހާރު ވަނީ ގާއިމުކޮށްފަ އެވެ. މީގެއިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.