ރިއަލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން މިއަދުގެ ނިޔަލަށް ހަމަ ވާއިރު، ގިނަ ޓީމު ތަކަކުން އަންނަނީ އޭނާއަށް ކަޅި އަޅަމުންނެވެ. ނަމަވެސް ފްރީ ޓްރާންސްފާއެއް ގޮތުގައި އޭނާ ބަދަލުވުން ދެން އެންމެ ގާތީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށެވެ.
އެންމެ ގިނަ ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރިއަލް މެޑްރިޑްގެ ރައީސް ފްލޮރެންޓޯ ޕެރެޒް ބުނީ އެ ކްލަބުން އެ ޓީމުގެ ކެޕްޓަން ބަހައްޓަން ބޭނުންވާ ކަމަށެވެ. ނަމަވެސް ރިއަލް މެޑްރިޑުން ހުށަހެޅި އެއް އަހަރު ދުވަހަށް ކޮންޓްރެކްޓް އިތުރު ކުރުމުގެ ހުށަހެޅުމަށް ރާމޯސް އެއްބަސްވި އިރު މާލަސް ވެއްޖެ ކަމަށެވެ. ރާމޯސް ބޭނުންވީ އެއް އަހަރު ދުވަހުގެ ބަދަލުގައި ދެ އަހަރަށް ކޮންޓްރެކްޓް އިތުރު ކުރާށެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިހާރު ރާމޯސް އާއި ޕީއެސްޖީ އިން އެއްބަސް ވުމަކަށް އައުން އޮތީ މާދުރަކު ނޫނެވެ. ޕީއެސްޖީ އިން ރާމޯސް އަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށަހަޅާފައި ވާއިރު، އެންމެ ދެ ސީޒަން ކުޅުމަށް ކްލަބަކަށް ދިއުމާއި މެދު އޭނާ ހުރީ ދެ ވިސްނުމެއްގަ އެވެ.
މި ދަނޑިވަޅުގައި ރާމޯސް ހޯދުމަށް ޝައުގުވެރިކަން އޮތީ ހަމަ އެކަނި ޕީއެސްޖީ އަކުން ނޫނެވެ. ގިނަ ކްލަބް ތަކަކުން އޭނާއަށް ކަޅި އަޅަމުން އައި ނަމަވެސް މިހާރު ފެންނަ ފެނުމަށް ބަލައި ބޮޑަށް ބެލެވެނީ ރާމޯސް ބަދަލު ވާނީ ޕީއެސްޖީއަށް ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން ރާމޯސް އާއި ޕީއެސްޖީ އާއި ދެމެދުގައި ހަދާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ނަމަވެސް ބޭނުން ނަމަ ދެ އަހަރަށް ދިގު ދައްމާލެވޭނެ ގޮތަށެވެ. އަދި މި ދެގޮތުގައި ވެސް ފައިސާގެ އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށް ފްރާންސްގެ ނޫސް ތަކުން ބުނެއެވެ.
ރިއަލް މެޑްރިޑާއި އެކު ރާމޯސް
- 16 ސީޒަން
- 671 މެޗު
- 22 ޓްރޮފީ
- 101 ގޯލު
- 4 ޔުއެފާ ޗެމްޕިއަންސް ލީގު ތަށި
- 5 ލަލީގާ ތަށި
މިފަހަރު ޔޫރޯ 2020 ގައި ސްޕެއިންގެ ޓީމުން ފުރުސަތު ނުލިބުނު ރާމޯސް ޕީއެސްޖީއަށް ބަދަލުވާ އިރު އޭނާއަށް ފުރަތަމަ 11 އިން ޖާގަ ލިބޭނެ ކަމާއި މެދު ޝައްކެވެ. ޕީއެސްޖީގެ ސްޕޯޓީން ޑިރެކްޓަރު ރާމޯސް ގެންދަން ނިންމާފައިވީ ނަމަވެސް އޭނާ ވަނީ އެއްކަމެއް ވަރަށް ރަނގަޅަށް ސާފު ކޮށްދީފަ އެވެ. އެއީ ފުރަތަމަ 11 އިން ރާމޯސް އަށް ޖާގަ ލިބޭނީ ކިމްޕެމްބެ އާއި މާކީނިއޮސް އާއި ވާދަކޮށް ކުރި ލިބިއްޖެ ނަމަ އެވެ.
ރަސްމީ ސިފައެއްގައި މިއަދު ރާމޯސް ފްރީ އެޖެންޓަކަށް ވާނެ އިރު، ރާމޯސް ވަނީ މިމަހުގެ 17 ވަނަ ދުވަހު ރިއަލް މެޑްރިޑްގައި އޭނާގެ ފެއާވެލް ވެސް ބާއްވާފަ އެވެ. ރާމޯސްގެ ޓްރާންސްފާ އާއި ބެހޭ ގޮތުން ގިނަ ވާހަކަ ތަކެއް އަޑު އިވެމުންދާ މި ދަނޑިވަޅުގައި ބޮޑަށް ބެލެވެނީ އޭނާ ދެން ފެންނާނީ ޕީއެސްޖީގެ ޖާޒީގައި ކަމަށެވެ.