ރައްޔިތުންގެ މަޖިލިސް

އިންކުއަރީ ރިޕޯޓްގެ ޑްރާފްޓް އެކުލަވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީގެ ޑްރާފްޓް ރިޕޯޓް ނިންމާލައިފި އެވެ.

ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވަނީ އަވަސް އެކަން ޔަގީން ކޮށްދެއްވާފަ އެވެ.

އިންކުއަރީ ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް 241 ކޮމިޓީން ފެށީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ.

އަސްލަމް މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިޕޯޓްގެ ޑްރާފްޓް ނިންމާލެވިފައި ވާތީ 241 ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމަށް އެ ރިޕޯޓް ހުށަހަޅުއްވާނެ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމެއް އޮންނާނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ދެން އޮންނަ ކޮމިޓީގެ ބައްދަލުވުމަށް ރިޕޯޓް ހުށަހަޅާނަން. އެއަށްފަހު ރިޕޯޓްގެ އިމްލާ ކުށްތަކާއި އެހެންވެސް މައްސަލައެއް ހުރި ނަމަ މެންބަރުންގެ ވިސްނުން ހުރި ގޮތް ބަލާނަން. މި ރިޕޯޓް ފާސް ކުރަން އަޅުގަނޑު ބޭނުން ވަނީ ވީހާވެސް ގިނަ މެމްބަރުން ރުހޭ ގޮތެއް ބެލުމަށް ފަހު،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މި މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވަނީ މި މަހުގެ ނިޔަލަށް އިންކުއަރީ ރިޕޯޓް ނިންމާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިއަދު އަސްލަމް އަވަސްއާ ހިއްސާ ކުރެއްވި މައުލޫމާތަށް ބަލާއިރު އިންކުއަރީ ރިޕޯޓް ކޮމިޓީން ފައިނަލް ކުރަން އަދި ހަތަރު ފަސް ދުވަސް ހޭދަވާނެ ކަމަށް ބެލެވެ އެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީގައި ސިފައިންގެ 32 އޮފިސަރުންނާއި ފުލުހުންގެ ފަސް ބޭފުޅަކާ ސުވާލު ކޮށްފައިވެ އެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހިމެނޭހެން ޖުމްލަ 49 ބޭފުޅަކާ ކޮމިޝަނުން ސުވާލު ކޮށްފައިވެ އެވެ.

މީގެ އިތުރުން ހަމަލާއަށް ފަހު އޭޑީކޭގައި ރައީސް ނަޝީދަށް ފަރުވާ ދެއްވި ޑޮކްޓަރުންގެ ޓީމާ ވެސް ކޮމިޓީން ބައްދަލުކޮށް ސުވާލު ކޮށްފައިވެ އެވެ.

އިންކުއަރީ ދައުލަތުގެ ހުރިހާ އިދާރާ އަކުން ވެސް ފުރިހަމައަށް އެއްބާރުލުން ދީފައިވާ ކަން ވެސް އަސްލަމް ވަނީ ފާހަގަކުރައްވާފަ އެވެ.