ފިނިޕޭޖް

"ބްލެކް ވިޑޯ" އާއެކު މާވެލް އެނބުރާ އަތުވެއްޖެ

މާވެލްގެ "ބްލެކް ވިޑޯ" ޖުލައި ނުވަ ވަނަ ދުވަހު ތިއޭޓާ ތަކުގައި ޕްރިމިއާ ކުރަން ތައްޔާރު ވަމުން އެބަދެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ނެރެން ނިންމާފައި އޮތް މި ފިލްމް ވަނީ ކޮވިޑް-19 އިގެ ސަބަބުން މި އަހަރުގެ ޖުލައި ނުވަ ވަނަ ދުވަހައް ލަސް ކޮށްފަ އެވެ. މި ފިލްމް ޕްރިމިއާ ކުރަން ނިންމާފައި ވަނީ ސިނަމާ ތަކުގަ އާއި ޑިޒްނީ ޕްލަސްގެ ޕްރިމިއާ އެކްސެސް ސާވިސް މެދުވެރި ކޮށެވެ.

ޑިޒްނީން އުފައްދާ މި ފިލްމަކީ މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ) ގެ 24 ވަނަ ފިލްމެވެ. އަދި މި ފިލްމަކީ އެމްސީޔޫގެ ހަތަރުވަނަ ފޭސްގެ ފުރަތަމަ ފިލްމެވެ. އެމްސީޔޫއިން ވަނީ އިންފިނިޓީ ސާގާގެ ގޮތުގައި ތިން ފޭސް އަކަށް ބަހާލާއިގެން 23 ފިލްމެއް ނެރެފަ އެވެ.

"ބްލެކް ވިޑޯ" ގައި މީގެ ކުރިން ވެސް އެމްސީޔޫއިން ފެނިފައިވާ ސްކާލެޓް ޖޮހަންސަން އޭނާގެ މަޝްހޫރު ނަތާޝާ ރޮމަނޯފްގެ ރޯލުން ފެނިގެން ދާނެ އެވެ. އަދި މި ފިލްމްއަކީ މާވެލްގެ އެހެން ފިލްމް ތަކާއި ހިލާފަށް ސްޕައި ފިކްޝަން ފިލްމެކެވެ. ސްކާލެޓްގެ އިތުރުން މި ފިލްމުން ފްލޯރަންސް ޕްޔޫ، ޑޭވިޑް ހާބާ އަދި ރޭޗެލް ވިޓްޒް ވެސް ފެނިގެން ދާނެ އެވެ. މި ފިލްމްގެ ބޮޑުބައި ފެނިގެން ދާނީ ރަޝިއާގަ އެވެ.

ބްލެކް ވިޑޯގެ ޓްރެއިލާ

ފިލްމް މިހާރު ވަނީ ފިލްމް ރިވިއު ކުރާ ފަރާތްތަކަށް ދައްކާފަ އެވެ. އަދި ގިނަ ރިވިއުތައް ބުނާ ގޮތުގައި މި ފިލްމަކީ ފުރިހަމަ އަދި ބަލައިލަން ހިއްހަމަޖެހޭ ފިލްމެކެވެ. އަދި ގިނަ ކްރިޓިކުން ބުނެފައި ވަނީ މި ފިލްމަކީ މާވެލްގެ "މިޝަން އިމްޕޮސިބަލް" ކަމަށެވެ.

މިދިއަ 2020 ގައި ނެރެން ހަމަޖައްސާފައި ހުރި އެމްސީޔޫ ފިލްމްތައް ލަސް ކޮށްފައި ވާއިރު އެ އަހަރަކީ އެމްސީޔޫ ފިލްމްތައް ނެރެން ފެށި ފަހުން މާވެލް ފިލްމްއެއް ޕްރިމިއާ ނުކުރާ ހަމަ އެކަނި އަހަރެވެ. އަދި މާވެލްއިން އެންމެ ފަހުން ޕްރިމިއާ ކޮށްފައި ވަނީ "ސްޕައިޑަމޭން ފާ ފްރޮމް ހޯމް" އެ ފިލްމް ނެރެފައި ވަނީ 2019 ވަނަ އަހަރުގަ އެވެ.

ޑިސްނީއިން މިއަހަރު އަދި މާވެލްގެ ތިން ފިލްމެއް ނެރެން ނިންމާފައިވެ އެވެ.