ދުނިޔެ

އދ. ގެ ސެކްރެޓަރީ ޖެނެރަލް އުތުރު ކޮރެއާއަށް

Nov 17, 2015

އުތުރު ކޮރެއާ އަށް ދުނިޔޭގެ މިފަދަ ލީޑަރުން ވަޑައިގަތުމަކީ އެހާ އާންމުކަމެއް ނޫނެވެ. ފާއިތުވި ވިއްސަކަށް އަހަރު ވެސް މިފަދަ ލީޑަރަކު އެގައުމަށް ވަޑައިގެންފައެއް ނެތެވެ.

އެކަމަކު ކުރިއަށް އޮތް ރަސްމީ ދަތުރުފުޅާއެކު އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވެވަޑައިގަންނަވާނީ 20 އަހަރުގެ މެދުކެނޑުމަކަށް ފަހު އުތުރު ކޮރެއާ އަށް ޒިޔާރަތްކުރައްވާ އދ. ގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލަށެވެ. ކުރީގެ އެހެން ދެ ސެކްރެޓަރީ ޖެނެރަލަކު އުތުރު ކޮރެއާ އަށް ވަޑައިގަތެވެ.

ބާން ކީ މޫންގެ މި ދަތުރުފުޅު ހާއްސަ އެންމެ ބޮޑު ސަބަބަކީ އެ ބޭފުޅާ އަކީ ދެކުނު ކޮރެއާ އަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކަށް ވުމެވެ. އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އޮތީ އަދިވެސް ސުލްހައިގެ އެއްބަސްވުމެއް ނެތި ހަނގުރާމައެއްގެ ތެރޭގަ އެވެ.

އުތުރު ކޮރެއާ އަށް ކުރައްވާ ދަތުރުފުޅުގައި ބާން ކީ މޫން އެގައުމުގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ދެކުނު ކޮރެއާގެ ނޫސްތަކުން ބުނެ އެވެ.

ބާން ކީ މޫން އުތުރު ކޮރެއާ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި ހަފުތާގެ ފަހުކޮޅު އެވެ. އެކަމަކު އދ. އިން މި ދަތުރުފުޅާ ބެހޭ މައުލޫމާތު އަދި އާންމެއް ނުކުރެ އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލަކު އެންމެފަހުން އުތުރު ކޮރެއާ އަށް ދަތުރުފުޅެއް ކުރައްވާފައި ވަނީ 1993 ވަނަ އަހަރު އެވެ.

ބާން ކީ މޫން އުތުރު ކޮރެއާ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެ ބޭފުޅާ އެންމެ ފުރަތަމަ މި ދަތުރުފުޅެއްގައި އެގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މެއި މަހު އެވެ. އެ ދަތުރުފުޅު ކެންސަލްވީ އުތުރު ކޮރެއާ އިން ކުއްލިއަކަށް އެ ދަތުރުފުޅު ކެންސަލްކޮށްލުމުންނެވެ.

އުތުރު ކޮރެއާ އަކީ ނިއުކްލިއާ މައްސަލާގައި އެކި ފަހަރުމަތިން އދ. އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމެކެވެ.