މާލޭ ސިޓީ ކައުންސިލް

މިސްކިތްތަކުގައި ކެމެރާ ހަރުކުރަނީ

Jun 30, 2021

މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދު ސީސީޓީވީ ކެމެރާގެ ނިޒާމުން ގުޅައިލަން ކައުންސިލުން ކުރާ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކެމެރާ ހަރު ކުރާނީ މިސްކިތްތަކުގައި ކަމަށެވެ. އެ ބަދަލު ގެންނަނީ ފަހަކަށް އައިސް މިސްކިތްތަކުގެ ހުރުމަތް ކަނޑައި އެކަށީގެން ނުވާ އަދި ނޭދެވޭ އަމަލުތައް ހިންގާ މިންވަރު އިތުރުވެފައިވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އަމާޒަކީ އޭނާގެ ދައުރުގައި މާލޭ ސިޓީގެ މިސްކިތްތައް ރަނގަޅަށް ބެލެހެއްޓުން ކަމަށާއި އެކަން އެންމެ ރަނގަޅަށް ކުރެވޭނީ މިސްކިތްތަކުގައި ކެމެރާ ވެސް ހަރުކޮށްގެން ކަމަށެވެ.

މިސްކިތްތަކުގައި މަސްތުވާތަކެތި ގެންގުޅުމާއި މަސްތު ވެގެން ރޭގަނޑު މިސްކިތުގައި ނިދާ، ކައިބޮއި ހަދާ މައްސަލަތައް ފަހަކަށް އައިސް ވަނީ އާންމުވެފަ އެވެ. އެފަދަ ބައެއް މީހުން މިހާރު ފުލުހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ. އަދި އާންމުން އެފަދަ ބައެއް މީހުން ހުއްޓުވާ ފުލުހާ ހަވާލު ކުރަމުން ވެސް ދެއެވެ.

މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓައި، އެތަންތަނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މިސްކިތްތައް ބެލެހެއްޓުން މިހާރަށް ވުރެ ހަރުދަނާކޮށް، މިސްކިތްތަކުގައި ހިންގާ ހަޑިމުޑުދާރު އަމަލުތައް ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް މިމަހުގެ 23 ވަނަ ދުވަހު ވަނީ މަޖިލީހަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.