މި ހަފުތާގައި ނިމުނު އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކުދިން ތަމްސީލު ކުރީ ގައުމީ ޓީމު ނޫން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ މުބާރާތުގައި ރާއްޖޭގެ 4X100 އަންހެން ރިލޭ ޓީމު ދުވީ އިންޑިއާގެ އެއް ދުވުންތެރިއަކާ އެކުގަ އެވެ. ރާއްޖޭގެ ތިން ބައިވެރިންނާއެކު އިންޑިއާގެ ބައިވެރިޔާ ދުވީ ރާއްޖޭގެ ޓީމުން ލައިގެން ހުރި ޖާޒީގައި ރާއްޖޭގެ ބިބް ހަރު ކޮށްގެންނެވެ.
އިންޑިއާގެ ދުވުންތެރިއެއް ޓީމުގައި ހިމަނަން ޖެހުނީ ރާއްޖޭގެ އެއް ދުވުންތެރިއެއް ކޮވިޑް-19 އަށް ޕޮޒިޓީވް ވުމުން ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި އެ ބައިވެރިޔާ ޕޮޒިޓިވްވި ކަން އެނގުނީ ފުރަން ދެތިން ގަޑި އިރަށް ވެފައި ހުއްޓާ ކަމަށް ތޮލާލް ވިދާޅުވި އެވެ.
ރާއްޖޭގެ އެއް ދުވުންތެރިއެއް ޕޮޒިޓިވްވި ކަން އެނގުނީ ފުރަން ދެތިން ގަޑި އިރަށް ވެފައި ހުއްޓާ. އެކަމަކު އަޅުގަނޑުމެން އިންޑިއާއަށް ފުރީ ދެންތިބި ބައިވެރީންނަށް ފުރުސަތު ހޯދައިދޭން. ބޭނުން ނުވީ އެމީހުން ޑީމޯޓިވޭޓް ކޮށްލަން. އެހެން ވީމަ އަސްލު ތަމްސީލު ކުރީ ރާއްޖެ ޓީމެއް ނޫން. ރާއްޖޭގެ މިކްސްޑް ޓީމެއް.އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް
ތޮލާލް ވިދާޅުވީ ރާއްޖޭގެ ބައިވެރިންގެ އިތުރުން އެހެން ބައިވެރިއެއް ޓީމުގައި ހިމަނަން ޖެހުމުން ރާއްޖޭގެ ގައުމީ ޓީމުގެ ޖާޒީ ލާފައި ނުވާ ކަމަށެވެ. އަދި މުބާރާތުގައި ދުވިއިރު ހުރިހާ ބައިވެެރިން އެއް ވައްތަރުގެ ޖާޒީ ލާން ޖެހޭތީ، ލާފައި ވަނީ ރާއްޖޭގެ ޕްރެކްޓިސް ޖާޒީއެއް ކަމަށެވެ. ނަމަވެސް މުބާރާތުގައި ދުވާއިރު ބިބް ހަރުކުރަން ޖެހޭތީ އިންޑިއާގެ އެތުލީޓުގެ ޖާޒީގައި ވެސް އިންނާނނީ ރާއްޖޭގެ ބިބް ކަމަށެވެ.
މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ވަނީ މީގެ ކުރިން މުބާރާތް ތަކާއި އަޅާ ބަލާއިރު ބާރަށް ދުވެފަ އެވެ. ނަމަވެސް އެހެން ގައުމެއްގެ ދުވުންތެރިއެއް ހުރުމުން މިއިން އެއްވެސް ޓައިމް ރިކޯޑެއް ރަސްމީކޮށް ނަގާފައި ނުވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.
ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ބަނގުލަދޭޝް، ބޫޓާން އަދި ކަޒަކިސްތާނުން މި މުބާރާތުގައި ބައިވެރިވި އެވެ. މިއަހަރުގެ އިތުރުން މި މުބާރާތުގައި ރާއްޖެއިން ވަނީ 2014 އަދި 2019 ގައި ވެސް ބައިވެރި ވެފަ އެވެ.