ސާފް ސުޒުކީ ކަޕް

ލަންކާ ބަލިކޮށް އިންޑިއާއިން އިތުބާރު ހޯދައިފި

ސާފް ސުޒުކީ ކަޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި، ޝްރީ ލަންކާގެ މައްޗަށް 2-0 ނަތީޖާ އަކުން ކާމިޔާބު ހޯދައި އިންޑިއާއިން އިތުބާރާއެކު މުބާރާތް ފަށައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ މުބާރާތަށް އައީ އެ ގައުމުގެ 23 އަހަރުން ދަށުގެ ޓީމު ގޮވައިގެންނެވެ. ލަންކާގެ ސްކޮޑުގައިވެސް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ހިމެނެ އެވެ. މުބާރާތުގެ ކުރިން، މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗު ލަންކާއިން ކާމިޔާބުކޮށް މުބާރާތަށް ރަނގަޅު ވޯމްއަޕެއް ލިބުނު ނަމަވެސް، ކޮމްޕެކްޓް ފުޓްބޯޅައެއް ކުޅޭ އިންޑިއާގެ ޒުވާން ކުޅުންތެރިން ގާތު ލަންކާއަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. މުޅި މެޗުގައިވެސް އެ ޓީމުން އިންޑިއާގެ ގޯލާ އަމާޒުކޮށް ފޮނުވާލީ ނުރައްކާތެރި ދެ ހަމަލާ އެވެ.

އެއާ ހިލާފަށް، ލަންކާގެ ގޯލްކީޕަރު އަދި ކެޕްޓަން، ރާއްޖޭގެ ކުލަބު އީގަލްސްއަށް ކުޅެމުން ގެންދާ ސޫޖަން ޕެރޭރާ ފެނުނީ ވަރަށް ބިޒީ ކޮށެވެ. އިންޑިއާގެ ހަމަލާތައް ދިފާއު ކުރުމުގައި އޭނާ ރަނގަޅު ސޭވް ތަކެއް ކުރި އެވެ. ނަމަވެސް، އިންޑިއާއަށް މޮޅުވުން އޭނާއަށް ނުހުއްޓުވުނެވެ.

އިންޑިއާގެ ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ވިންގާ އަޝީގް ކުރުނިޔަން އެވެ. އިންޑިއާގެ އުންމީދީ ފޯވަޑް ސްމީޓް ޕާސީ ދިން ބޯޅަ ހިފައިގެން ޕެނަލްތީ އޭރިއާގެ ކަނާ ދީމަލުން ވަދެ، ގޯލްގެ ދުރުކަށް ކުރުނިޔަން ބޯޅަ ފޮނުވާލީ ލަންކާގެ ކީޕަރު ސޫޖަން ޕެރޭރާ ބޯޅަ ދިފާއު ކުރަން ކުރިއަށް އަރައަރައި އޮއްވައެވެ.

މެޗުގެ ކުރިން އިންޑިއާގެ ކޯޗް ސްޓެފަން ކޮންސްޓަންޓީން ވަނީ، ސްމީޓް ޕާސީއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. މެޗުގައި އޭނާ އަދާ ކުރި ސެކަންޑް ސްޓައިކަރެއްގެ ދައުރެވެ.

އިންޑިއާގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލަލަޔަންޒުއާލާ ޗާންގްޓީ އެވެ. ލަންކާގެ އޭރިއާގެ އަރިމަތިން އޭރިއާގެ ބޭރުން އޭނާ ގޯލް ތެރެއަށް ބޯޅަ ފޮނުވާލީ ލަންކާގެ ކީޕަރު ސޫޖަން ގޯލް ލައިން މަތީގައި ހުއްޓައި ސޫޖަންގެ ބޯމަތިން ގޯލްތެރެއަށް ބޯޅަ އޮއްސާލުމަށް ފަހު ގޯލް މަތީ ކަނަށެވެ. އެ ބޯޅަ ދިފާއު ކުރަން ސޫޖަންއަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

މުބާރާތުގައި، މާދަމާ ދެ މެޗު އޮންނާނެ އެވެ. މާދަމާ ހަވީރު 3:00 ގައި ކުޅޭ މެޗުގައި ވާދަ ކުރާނީ، ނޭޕާލާއި ބޫޓާން އެވެ. ހަވީރު 6:00 ގައި ކުޅޭ މެޗުގައި ވާދަ ކުރާނީ ބަންގުލަދޭޝް އާއި ނޭޕާލެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު ހުކުރު ދުވަހު ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ހަވީރު 6:00 ގަ އެވެ.