ސާފް ސުޒުކީ ކަޕް

މިހާ ކުރިން އިންޑިއާއާ ކުޅެންޖެހޭކަން އެއީ ނަސީބު: ލަން ކޯޗް

އެންމެ ކުރިން އިންޑިއާ އާ ކުޅެން ޖެހުނު ކަން އެއީ ނަސީބެއް ކަމަށް، ސާފް ޗެމްޕިއަންޝިޕްގައި މިއަދު އިންޑިއާ އާ ދެކޮޅަށް ނިކުންނަ ޝްރީ ލަންކާގެ ކޯޗް އެމްޑީ ނިޒާމް ފަކީރު އަލީ ބުނެފި އެވެ.

ގުރޫޕް ބީ ގެ ފުރަތަމަ މެޗުގައި މިއަދު އިންޑިއާ ލަންކާ ކުޅޭ މެޗު ފަށާނީ، ރާއްޖޭ ގަޑިން ހަވީރު 6:00 ގަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ، ރާއްޖެ އެވެ. ކުރިން ރާއްޖޭގެ ކުލަބުތަކަށް ކުޅުނު ފަކީރު އަލީ ބުނީ، މެޗުގައި ފޭވަރިޓެއް ނެތް ކަމަށެވެ.

"މެޗުގައި ފޭވަރީޓެއް ނެތް، މެޗު ފަށައި ރަނގަޅަށް ކުޅޭ ބަޔަކު މޮޅުވާނީ، ޕޮޒެޓެވިވް ވިސްނުމެއްގައި މެޗު ފެށުން އެއީ ވަރަށް މުހިންމު ކަމެއް، އަހަރެމެން އެ ވިސްނުމުގައި ތިބެވޭތޯ މި ތިބީ،" ފަކީރު އަލީ ބުންޏެވެ. "މިހާ ކުރިން އިންޑިއާ ކުޅެން ޖެހުނު ކަން އެއީ ވަރަށް ރަނގަޅަވީ ކަމެއް، ނޮކައުޓް ސްޓޭޖުގައި ޖެހުމަށް ވުރެ، މިހާރު ކުޅެން ޖެހިއްޖެއްޔާ މާ ރަަނގަޅު."

އިންޑިއާގެ މިހާރުގެ ކޯޗް، ސްޓެފަން ކޮންސްޓަންޓީންގެ ކޯޗު ކަމުގައި ލަންކާ ވަނީ ބަންގުލަދޭޝްގައި 2003 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި 1-1 ން އިންޑިއާ އެއްވަރު ކޮށްފަ އެވެ. އެ ރޫހް ލަންކާއަށް އިންޑިއާ އާ ދެކޮޅަށް ނެރެވޭނެތޯ ސުވާލު ކުރުމުން ފަކީރު އަލީ ބުނީ، މިހާރުގެ ޓީމަކީ އާ ޓިމެއް ކަމަށާއި އޭނާވެސް މި މުބާރާތަށް އާ ކަމަށެވެ. ފަކީރު އަލީ ބުނީ ލަންކާއިން ތައްޔާރު ވަމުން ދަނީ 2030 އަށް ވަރުގަދަ ޓީމެއް ތައްޔާރު ކުރުމަށް ކަމަށެވެ.

"އަހަރެން މި ޓީމަށް އާ، އަހަރެންވެސް ކުރިއަށް މިދަނީ އާ ކުޅުންތެރިން ވަރަށް ބޮޑަށް ކުރިއަރުވަން މަސައްކަތް ކުރަމުން، އަހަރެމެން މަސައްކަތް މި ކުރަނީ 2013 ވަރުގަދަ ބާރަކަށް ލަންކާ ހަދަން، މަޑުމަޑުން ކުރިއެރުން އަންނަތަން އަހަންނަށް އެބަ ފެނޭ." ފަކީރު އަލީ ބުންޏެވެ.

ރާއްޖެއާ ލަންކާ ކުޅޭ މެޗު އޮންނާނީ އަންނަ ހުރުކު ދުވަހު ހަވީރު އެވެ.