ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ފަސް ރަށަކަށް އެހީ

Jun 30, 2021

އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ދެވަނަ ކްއާޓަރުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓް ހޮވައިފި އެވެ.

ބީއެމްއެލްއިން ހޮވި ޕްރޮޕޯސަލްތަކުގެ ތެރޭގައި ހދ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހުށަހަޅާފައިވާ ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުމުގެ ޕްރޮޖެކްޓާއި، ށ. ޅައިމަގު އެކުވެރިންގެ ރޫހު ޖަމިއްުޔާއިން އެރަށުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރަން ހުށަހެޅި ޕްރޮޕޯސަލް ހިމެނެ އެވެ.

ތިން ވަނަ ޕްރޮޕޯސަލް އަކީ އިބްރާހިމް ނިޔާޒް ހުށަލަޅާފައިވާ ލ. ގަމުގެ އަތިރިމަތީގައި ސޯލާ ލައިޓްހަރުކޮށް ކޮމިއުނިޓީ ޕާކެއް ހެދުމުގެ ޕްރޮޕޯސަލް އެވެ. މީގެ އިތުރުން ގދ. ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަމެންޓުގެ ފަރާތުން ފިޔޯރީގައި އައުޓްޑޯ ކޮމިއުނިޓީ ލައިބްރަރީއެއް ހަދަން ހުށަހެޅި ޕްރޮޕޯސަލް ވެސް ވަނީ ހޮވާފަ އެވެ.

ފަސް ވަނައަށް ބީއެމްއެލް އިން ހޮވާފައިވާ ޕްރޮޕޯސަލް އަކީ އިބްރާހިމް އާތިފް، އައްޑޫސިޓީ މަރަދޫގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް އެވެ.

ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000ރ. ބީއެމްއެލް އިން ދޭނެ އެވެ.