ޓެކްނޯލޮޖީ

ޒޫމްއިން އޭއައި ކުންފުންޏެއް ގަނެފި

މަޝްހޫރު ވީޑިއޯ ކޯލް އަދި ކޮންފަރެންސް ކުރާ އެޕްލިކޭޝަން ކަމަށްވާ ޒޫމްއިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުންޏެއް ގަނެފި އެވެ.

ޒޫމްއިން ޖޫން މަހުގެ ފަހުކޮޅު ޑީލް ނިންމާ، ގަނެފައި ވަނީ ކާލްޒްރުއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ސޮލިއުޝަންސް (ކައިޓްސް) އެވެ. ކައިޓްސް އާއެކު ޒޫމްއިން ވަނީ އެ އެޕްލިކޭޝަންގެ ޓްރާންސްކްރިޕްޝަން ހިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަ ކުރަން މަސައްކަތް ކުރަން ރާވާފަ އެވެ.

ކައިޓްސްއަކީ ކާލްޒްރުއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން އުފެއްދި ކުންފުންޏެކެވެ. ކައިޓްސްއިން ކުރާ މަސައްކަތަކީ އޮންލައިން ކްލާސްތަކުގައި ބޭނުން ކުރެވޭ ޓްރާންސްކްރިޕްޓް ފީޗާތައް ޑެވެލޮޕް ކުރުމެވެ.

އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން މީހުން ވާހަކަ ދައްކާ ވަގުތު ކިޔާ އެއްޗެހި ލިޔުމަށް ތިރިކޮށް ސްކްރީނަށް އަރުވާ މި ފީޗާގައި ކައިޓްސްއިން މީގެ ކުރިން ވަނީ އިނގިރޭސި އަދި ޖަރުމަނު ބަހުން ހިދުމަތް ފޯރު ކޮށްދީފަ އެވެ. ޒޫމްއިން ބުނި ގޮތުގައި އެ ކުންފުނިން ކައިޓްސް ގަނެފައި ވަނީ ދެ ކުންފުނި ދެމެދުގައި ގުޅިގެން ކުރާ މަސައްކަތްތައްް ހަލުއި ސްޕީޑެއްގައި ކުރިއަށް ގެންދިއުމާއި އެ މަސައްކަތް ފަސޭހަ ކުރާށެވެ.

ޒޫމް ވިޑިއޯ ކޯލިން އެޕް ގައި މިހާރު ވެސް ޓްރާންސްކްރިޕްޝަން ހިދުމަތެއް ހިމެނެ އެވެ. ނަމަވެސް މިހާރު މި ހިދުމަތް ފޯރުކޮށް ދެވެނީ ހަމަ އެކަނި އިނގިރޭސިން ވާހަކަ ދައްްކާ ވަގުތު އެވެ. ޒޫމްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި ހިދުމަތް ޖަރުމަނު ބަސް ފަދަ އިތުރު ބަސްތަކަކުން ފޯރުކޮށް ދިނުމެވެ. އަދި މިހާރު ފޯރު ކޮށްދެވޭ އެ ހިދުމަތް އެހާ ފުރިހަމަ ނޫން ކަމަށާއި ބައެއް ބަސްތައް ޖެނަރޭޓް ކުރުމުގައި ދަތި ތަކެއް ހުރުމުން އެކަން ވެސް ހައްލު ކުރުމަށެވެ.

ޒޫމްއިން ވަނީ ކައިޓްސްގެ މުވައްޒަފުން މަސައްކަތް ކުރަން ޖަރުމަނުގައި އޮފީހެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.