އަކްޝޭ ކުމާރާއި ނޫޕޫރު ސަނަންގެ "ފިލްހާލް" މިއުޒިކް ވީޑީއޯއަށް ބެލުންތެރިން ވަރަށް ބޮޑު ތަރުހީބެއް ދީފައި ވެއެވެ. މިހާރު މި ލަވައިގެ ސީކުއަލް އެއް "ފިލްހާލް 2"ގެ ނަމުގައި އަކްޝޭ ވަނީ އުފައްދާފަ އެވެ. ދާދިފަހުން މި ލަވައިގެ ޓްރެއިލާ ވަނީ ރިލީޒްކޮށްފަ އެވެ. އަދި ކުރީގެ ލަވައެއް ދިން ވަރުގެ ބޮޑު ތަރުހީބެއް މިފަހަރުގެ ލަވައަށް ވެސް ލިބޭނެކަން ޓްރެއިލާ އަށް ލިބެމުންދާ ތަރުހީބުން ޔަގީން ކުރެވެ އެވެ.
"ފިލްހާލް 2" ގެ ޓީޒާ އޮންލައިންކޮށް ރިލީޒްކުރިތާ ދެ ތިން ގަޑިއިރު ތެރޭގައި 7.5 މިލިއަނަށް ވުރެ ގިނަ ވިއުޒް ރެކޯޑް ކުރެވިފައި ވެއެވެ.
"ފިލްހާލް 2"ގައި ވެސް އެކްޓްކޮށްފައި ވަނީ އަދި ކެމެރާ ފުރަގަހުގައި މަސައްކަތް ކޮށްފައި ވަނީ ފުރަތަމަ މިއުޒިކް ވީޑީއޯގައި ވެސް މަސައްކަތް ކުރި މީހުންނެވެ.
"ފިލްހާލް"ގެ ލަވަ ކިޔައިދީފައި ވަނީ ބީ. ޕްރާކް އެވެ. އަދި މިފަހަރުގެ ލަވަ ވެސް ކިޔައިދީފައި ވަނީ އޭނާ އެވެ. އަދި ދެ ލަވައިގެ ވެސް ލިރިކްސް ލިޔެދީފައި ވަނީ ޖާނީ އެވެ. ފަހުގެ ލަވައިގައި އިތުރު ލަވަކިޔުންތެރިއަކު ބައިވެރިވެ އެވެ. އެއީ ޕަންޖާބު އެކްޓަރު-ލަވަކިޔުންތެރިޔާ އެމީ ވިރްކް އެވެ.
"ފިލްހާލް 1"ގެ މިއުޒިކް ވީޑީއޯގައި ފެންނަނީ ވަކިވެފައިވާ ދެ ލޯބިވެރިޔަކު ދިމާވާ ޚާއްސަ ހާލަތެއްގައި އަލުން ބައްދަލުވުމުން އެމީހުންގެ ހިތަށް ކުރާ އަސަރު ތަކެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ބައްދަލުވާއިރު އެކަކު އަނެކަކާ ގުޅެވޭނެ އެއްވެސް ގޮތެއް އެމީހުންނަކަށް ނޯވެ އެވެ.
"ފިލްހާލް 2"ގައި އަނެއްކާވެސް ދައްކާނީ މި ދެ ލޯބިވެރިންގެ ހަޔާތުގެ އިތުރު ސަފުހާ ތަކެކެވެ. އަކްޝޭ އާއި ނޫޕޫރުގެ ކެމިސްޓްރީ ފުރަތަމަ ލަވައިގައި ވަރަށް ފުރިހަމައަށް ދައްކުވައިދީފައި ވުމީ ވެސް ލަވައަށް އެހާ ބޮޑު ތަރުހީބެއް ލިބެން މެދުވެރިވީ ސަބަބެކެވެ.
"ފިލްހާލް 2" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހު އެވެ. ޖުލައި 2020 "ފިލްހާލް 1" ރިލީޒްކުރުމުން ޔޫޓިއުބުގައި އެކަނިވެސް 300 މިލިއަން ވިއުޒް ލިބިފައި ވެއެވެ.