މެސީ

މެސީއާ ބާސެލޯނާ ކޮންޓްރެކްޓް ނިމުމަކަށް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި އެ ކްލަބާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ މެސީ ފްރީ އެޖެންޓަކަށް ވެއްޖެ އެވެ. މެސީ އާއި ބާސެލޯނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަ ވެފައި ވަނީ އިއްޔެ އެވެ.

ފުރަތަމަ ފަހަރަށް ޓިޝޫ ޕޭޕަރެއްގައި ބާސެލޮނާ އާއެކު އެއްބަސްވުމެއް ހެދި މެސީ ކްލަބާއި ވަކިވީ 7,504 ދުވަހު ކްލަބުގައި ހޭދަ ކުރުމަށް ފަހު އެވެ. ބާސެލޯނާގެ ރައީސް ކަމާއި ލަޕޯޓާ ހަވާލުވީއްސުރެ އޭނާގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައި ވަނީ ބާސެލޯނާގައި މެސީ މަޑު ކުރުވުމެވެ. މިދިޔަ ޓްރާންސްފާ މާކެޓުގައި ޖެހުނު ކުނި ތަކާއި އެކު މެސީ ވަނީ ބާސެލޯނާއިން ވަކިވަން މަސައްކަތް ކޮށްފަ އެވެ.

އެއްބަސް ވުމުގެ މުއްދަތު ހަމަވެ މެސީ ބާސާއާއި ވަކި ވުމުގެ މާނައަކީ އޭނާ ކްލަބާއި އަދި ދުރަށް ދިއުމެއް ނޫނެވެ. ނަމަވެސް މިވަގުތު އޭނާއަކީ ފްރީ އެޖެންްޓެކެވެ. މެސީ ބޭނުން ވެއްޖެ ނަމަ ކްލަބާއެކު އާ އެއްބަސްވުމެއް ހެދޭނެ އެވެ. ބާސެލޯނާގެ ރައީސް ދުވާލުދާ ހަތަރު ކުރަމުން އެއަންނަ މަސައްކަތަކީ އެއީ އެވެ. މެސީ އާއި ބާސެލޯނާގެ ކޮންޓްރެކްޓް އާކުރަން މަސައްކަތް ކުރުމެވެ.

ކްލަބަށް ދިމާވެފައިވާ ފައިސާގެ މައްސަލަ އާއި އެކު ބާސެލޯނާއަށް ވަނި ޖޫން 30 ގެ ކުރިން މެސީގެ ކޮންޓްރެކްޓް އާ ނުކުރެވިފަ އެވެ. ލަޕޯޓާ އާއި މެސީގެ ބައްޕަ އާއި ވަރުގަދަ ކުޅުމެއް އޮތް ނަމަވެސް އެއްބަސްވުމަކަށް ދާއިރު އެދެމީހުންގެ ހިޔާލު ތަފާތުވުން ތަކެއް އެބަހުއްޓެވެ.

ލަޕޯޓާ ފުރަތަމަ މަސައްކަތް ކުރީ މެސީގެ އުފަންދުވަހު އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވުމުން ދެން ލަޕޯޓާ މަސައްކަތް ކުރީ އޭނާގެ ހަތަރު ދުވަސް ފަހުން އޭނާގެ އަމިއްލަ އުފަން ދުވަހު މެސީގެ ކޮންޓްރެކްޓް އާކުރުމަށެވެ. އެކަންވެސް ވީ ނާކާމިޔާބެވެ. ލަޕޯޓާ ވަނީ ބާސެލޯނާގެ ސަޕޯޓަރުންނަށް ހަމަޖެހުމަށް އެދިފަ އެވެ. އަދި ވަރަށް އަވަހަށް މެސީއާއި އެކު އާއެއްބަސްވުމެއްގައި ސޮއެ ކުރާނެ ކަމަށް އޭނާ ބުންޏެވެ.

މެސީ އާއި އެކު އަވަހަށް ކޮންޓްރެކްޓެއް ހަދަން ލަޕޯޓާ ބޭނުންވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ ޓިމުގެ ސްޕޮންސަރުން ގެއްލިދާނެ ކަމުގެ ބިރު އޮތުމެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ މެސީ ހުރުމުން ބާސެލޯނާ އަށް ސްޕޮންސާދޭ ކުންފުނިތައް ވަރަށް ގިނަ އެވެ. އެހެން ކަމުން މެސީ ގެއްލިގެން ދާނީ އެތައް ސްޕޮންސަރުންނަކާއި އެކު ކަމަށް ވާތީ އޭގެ ނޭދެވެ އަސަރު ބާސެލޯނާއަށް މާލީ ގޮތުން ވަރަށް ބޮޑަށް ކުރާނެ އެވެ.

ކޮންޓްރެކްޓް ހަމަވެ ބާސެލޯނާއިން މެސީ ވަކިވި އިރު މިކަމާއި ގުޅިގެން އޭނާ އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. މިހާރު އޭނާ ހުރީ ގައުމީ ވާޖިބު އަދާކޮށް، ކޮޕަ އެމެރިކާގައި އާޖެންޓީނާ އަށް ކުޅެން ބްރެޒިލްގަ އެވެ.