(29 ޖޫން 2021 އާ ގުޅޭ)
އީހާންގެ ފޯނު ރިންގުވާން ފެށިއެވެ. ނިކަން ހިނިއައިސްފަ ހުރެ އޭނާ ފޯނު ދައްކާލީ ގާތުގައި ހުރި އަންހެންކުއްޖާއަށެވެ. ފޯނަށް ބަލަމުން އައިސް އެލެވޭޓާއަށް ވަނެވެ. އޭގެ ތެރޭގައި ހުރި ޒުވާނާ ފެނުމުން އީހާން ހުއްޓުން އެރިއެވެ. ކައިރިން އަޅާފައި އެ އަންހެންކުއްޖާ ނުކުމެގެން ދިއުމުން އީހާން ފުންނޭވާއަކުން ހަށިފުރާލިއެވެ. ދުވި މަޑުމަޑު ހުވަނދުގެ ވަހުން މޭ ފުރުނު ކަހަލައެވެ.
"ޝީން..." ހިތުގެ އަޑު އީހާނަށް އިވުނެވެ. ދެ ދުވަހަކު އީހާންއާ އެ އަންހެންކުއްޖާ އެލެވޭޓާގެ ތެރެއިން ބައްދަލުވެއްޖެއެވެ. ކުރިއަކުން އެއްގޮތަކަށް ވެސް ނުފެނެއެވެ. އެހެންވިޔަސް ޝީންއަކީ އެންމެން ދަންނަ މޫނެކެވެ. ކައިރިން ފެނުމުން ވަކިން އަޅައިގަންނަ ފަދަ ރީތިކަމެއް ހުރިކަން އީހާނަށް ފާހަގަވީއެވެ. ދުވަސްތަކަށްފަހު ހިތު ވިންދު ރާގު ބަދަލުކޮށްލައިފިކަން އީހާނަށް އިހްސާސް ވިއެވެ.
"އީހާން." އީހާންގެ ވައަތްފަރާތުން މުލައްދަނޑީގައި ހިފާލަމުން ނީރާ ގޮވާލިއެވެ.
"ހުރިހާ އަންހެނުން ސޫޒަންހެނެއް ނުވާނެ. އޭނައަކީ އަންހެނުންނަށް ވެސް ހުރި ހުތުރުކަމެއް، އޭނާގެ އަސްލު ސިފަ ފެނުނުކަން އެއީ ނަސީބެއް."
"ނީރާ..." އީހާން ގޮވާލީ އެ މައުޟޫޢު އިތުރަށް ކުރިއަށް ނުގެންދާށޭ ބުނާ ފަދައިންނެވެ. ސޫޒަން އެ ނަމުން ވެސް އޭނާއަށް ތަކުލީފު ނޫނީ ނުލިބެއެވެ. ނަފްސުގެ ހަމަޖެހުން ގެއްލި ނޭވާލާން ވެސް ދަތިވާހެން ހީވެއެވެ. ދުނިޔެ މަތީން އެހާ ފޫހިވާ އިންސަނަކު ނުވެއެވެ. ލޯބިވެވިއްޖެ ހިތެއްގައި ނަފުރަތު އުފެއްދިއްޖެނަމަ ވެވުނު ލޯތްބަށްވުރެ ނަފުރަތުގެ ހޫނާއި ދިލަ ގަދަވެ ފުންވާނޭކަން ޔަގީނެވެ. އީހާންގެ ހިތަށް ވެސް އެވަނީ އެހެންވެއެވެ.
އެލެވޭޓާ ތެރެއިން ޝީން ފެނުމުން ކަނޑާލި ފޯނުކޯލުގެ މަތީން އީހާން ހުރީ ހަނދާންނެތިފައެވެ. އެ ދެ ޒުވާނުން އެލެވޭޓާއިން ނުކުންނަނިކޮށް އެމީހަކު އަނެއްކާ ވެސް ގުޅައިފިއެވެ.
"ހެލޯ މޭން. ދާނަމޭ މިއަދު." އީހާން ފޯނުކޯލު ނެގިގޮތަށް ބުންޏެވެ. އޭނާގެ ކުރިއަށް ނީރާ އައިސް އެޕާޓްމެންޓަށް ވަނެވެ.
"މަންމާ..." ގޭތެރެއަށް ވަދެވުނު ގޮތަށް ނީރާ ގޮވާލިއެވެ. އެތެރެއިން ލަމްހާގެ އަޑު އިވުނެވެ. ކޮޓަރީގައޭ އޭނާ ބުނި އަޑަށް ނީރާ ހަލުވި ފިޔަވަޅުގައި އެކޮޓަރިއަށް އައެވެ.
"ފެންވަރައިގެންތަ ސައިބޯން އަންނާނީ؟ ކިހިނެއް ދުވަސް ދިޔައީ." ވެކިއުމް ހިފައިގެން ހިނގައިގަންނަމުން ނީރާއާ ލަމްހާ ވާހަކަދެއްކިއެވެ. އެމީހުން އެކުގައި ކޮޓަރިން ނުކުމެގެން އައެވެ. އީހާން ފެންނަން ނެތުމުން ކޮބާތޯ ވެސް ލަމްހާ އަހާލިއެވެ.
"ބޭބެ ނެތީތަ؟" ސުޖާއުގެ ހިލަމެއް ގޭތެރެއިން ނުވާތީ ނީރާ ސުވާލުކޮށްލިއެވެ.
"ރިސޯޓަށް އެ ދިޔައީ، މިރޭ ކަންނޭނގެ ދެން އަންނާނީ. ސައިބޯނީ ކޮންއިރަކުން، މަންމަ ވެސް މިހުންނަނީ ނީރާ އައީމަ ސައިބޯން، އީހާނަށް ކެތްނުލަވައިގެން ޕީޒާގެ އެއްބައި ކާލައިގެން އެދިޔައީ. މަންމަ ނުބުނިނަމަ އެއްކޮށް ހުސްކޮށްލައިގެން ނޫނީ ފަރު ނުޖެހޭނެ. ކޮބާތަ އޭނަ؟" ލަމްހާ ބުންޏެވެ.
"ޔަމާން ގުޅައިގެން، މިއަދު ޖިމަށް ދާނަމޭ ކިޔައިގެން އެ އުޅެނީ. އަޅެ މަންމާ، މީނަ ނޫނީ ހުންނާނެތަ ހުޅުމާލޭގަ އުޅެމުން ޖިމަށޭ ކިޔާފަ މާލެ ދާ މީހަކު." ދެފަރާތަށް ބޯހޫރާލަމުން ނީރާ ބުންޏެވެ. ލަމްހާ ހީނލީއެވެ.
ނީރާ ކޮޓަރިއަށް ގޮސް އަތްދަބަސް ބަހައްޓާފައި އެނބުރި އައިސް ކާމޭޒު ދޮށުގައި އިށީނެވެ. ސައިތަށީގެ ފޮނި ބެލުމަށްފަހު ކުރިމަތީ ހުރި ޖޯޑު ނީރާގެ ކައިރީ ލަމްހާ ބަހައްޓާލިއެވެ. އިސްތަށިގަނޑުގައި ޖަހާފައި އިން ދަތި ނީރާ ނައްޓާލުމާއެކު ހުޅިއެއް ޖަހަން އުޅުނެވެ. އެތަން ބަލަން އިނދެފައި ލަމްހާ ތެދުވެއްޖެއެވެ. ނީރާގެ ފަހަތުގައި ހުއްޓިލުމާއެކު އެ ދިގު އިސްތަށިގަނޑުގައި ހުޅިއެއް ޖަހާ ދިނީ އޭނާއެވެ. ޒުވާނުންނަށް ވެފައި ތިބިއިރު ވެސް މަންމާ ގޮވަމުން ގޭގައި އީހާންއައި ނީރާ ދުވާއިރު އެ ދެކުދީންނަކީ ލަމްހާގެ ހިތާއި ވިންދެއެވެ. ހަޔާތް އަލިކޮށްދެމުން އައި ދެ ލޮލުގެ ނޫރެވެ. އީހާނަށްވުރެ ވެސް ލަމްހާގެ ސަމާލުކަން ނީރާއަށް ދެވޭކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. އެ ދެމެދުގައި އޮތީ ތަފާތު ކުލުނެކެވެ. 43 އަހަރު އުމުރުން ވީއިރު، ހަޔާތުގައި އެތައް ހުރަސްތަކެއް ލަމްހާ ހުރަސްކޮށްފިއެވެ. އަރުގައި ހިތި ރަހަލައްވާލި ތަޖުރިބާތައް އޭނާ ކޮށްފައި ވެއެވެ. ނަމަވެސް ﷲ އީ އޯގާވަންތަ ރަސްކަލާނގެއެވެ. މިއަދު އޭނާގެ ދިރިއުޅުން ހީނުކުރާހާ އުފާވެރިއެވެ. ސުޖާއުއަކީ އަންހެނަކަށް ލިބޭނެ އެންމެ އޯގާތެރި ފިރިއެވެ. ދެމީހުން ބައްދަލުވީއްސުރެ މިއަދާ ހަމައަށް އެދެމެދުގައި އުފަންވި ލޯބީގެ ހުޅުކޮޅުގެ ހޫނުކަން ފަނޑުވިޔަ ނުދެއެވެ. އެއްފަހަރު ވެސް އީހާންއާއި ނީރާއަކީ އޭނާގެ ދަރީންނަށް ނުވާކަމުގެ އިހްސާސްވިޔަ ނުދެއެވެ. ލޯބި ނަމުން ގޮވާލާފައި ނޫނީ ވާހަކައެއް ނުފަށާނެއެވެ. އެ ދެ ކުދީން ރަނގަޅު މީހުންނަށް ވެފައި ތިބިއިރު، ލަމްހާއާއެކު އެބުރަ އުފުލުމުގައި ދެގޮތެއްނުވެ ހުރީ ސުޖާއުއެވެ.
"ކުޅިވެއްޖެ..." ކުއްލިއަކަށް ނީރާ އަނގަޗޭކޮށް ރޮއެގަތެވެ. އަތުގައި އޮތް ގުޅަ ތަށްޓަށް ވައްޓާލިއެވެ. ދޫ ނެރެގެން އަޑު ލައްވަންފެށިއެވެ. ކައްޓެހެން ތެދުވި ލަމްހާ އައިސްއަލަމާރީން ފިނިފެންފުޅެއް ހިފައިގެން އައެވެ. އަވަހަށް ފެންފޮދެއް ނީރާއަށް ދިނެވެ. އޭނާގެ ކައިރީ އިނީ 21 އަހަރުގެ އަންހެންކުއްޖެއްހެން އެވަގުތު ހިޔެއްނުވެއެވެ. ޗޫސް ދަމަމުން ދެފަރާތަށް ނީރާ ބޯހޫރާލިއެވެ. ދެތުންފަތް ނުޖައްސަން އުޅޭ ގޮތުން ތުންފަތުން ވެސް ދިލަނަގަނީކަން އެނގެއެވެ. އެ ދޮންދޮން މޫނުކޮޅަށް ރަތްކަން ވެރިވާން ފަޅިސުކުންތެއް ވެސް ނުނެގިއެވެ. ކުޅިރަހަ ލައިފިނަމަ އެއީ ނީރާގެ އާދައެވެ.
"އަވަހަށް ފެންފޮދެއް ބޯލަބަލަ. ގަނޑުފެންކޮޅެއް ގެންނަން..." ފެންތަށި ނީރާގެ ތުނބާ ކައިރިކޮށްލަމުން ލަމްހާ ވާހަކަދެއްކިއެވެ.
ލަމްހާގެ އަތާއެކު ފެންތަށީގަ ހިފައިގެން ދެތިން ކޯވަރު ނީރާ ބޯލިއެވެ. ފުންނޭވާއެއް ލުމާއެކު އޭނާ ދެން އިއުލާން ކުރީ ސައިނުބޯނަން ކަމެވެ. ކުޅިވީވަރުން ސައިބޯ ހިތް ކެނޑުނީއެވެ. ކުޑަކުއްޖަކު ރުއްސަން އުޅޭހެން ލަމްހާ ވާހަކަދެއްކިއެވެ. އޭނާ ނީރާގެ ތަށީގައި ހުރި ކުޅި ހެދިކާތައް ފަޅައި މިރުސްކޮޅު ހޮވަން ފެށިއެވެ. ދެއަތުން ސައިޖޯޑުގައި ހިފާލައިގެން އިނދެ ނީރާ ސައިބުއިން ކުރިޔަށް ގެންދިޔައީ ލަމްހާގެ ވަރުންނެވެ. އޭނާ އެކުއްޖާގެ އަނގަޔަށް ލަވައިދޭތީއެވެ.
"ބަކުންތަށްޓެއް ނެތްތަ؟ ހައިޗެއާއެއް ވެސް ބޭނުންވާނެ..." ޖިމަށް ދާން ތައްޔާރުވެގެން ކޮޓަރިން ނުކުމެގެން އައި އީހާނަށް ލަމްހާއާއި ނީރާ ފެނި ދިމާކޮށްލިއެވެ. އީހާންގެ އަނގައިން ބަހެއް ނުބުނެގެން ހުރި ކަހަލައެވެ. އޭނާގެ ގައިގާ އައިސް ޖެހުނީ މޭޒުމަތީގައި ބިއްލޫރި ތަށި ބަހައްޓަން އަތުރާފައި ހުރިތަނުން މަތިގަނޑެކެވެ.
"މުޅި ދުވަހު ކުނިކޮށް، ފެންނުވަރަން އޮންނަނީ ހަމައެކަނި ޖިމަށް ދާންވީމަތަ... ޔަމާނަށް ކެތްނުވާނެތީ ދޯ." ނީރާ ގޮވާލިއެވެ.
ވާދަކިޔަމުން ހެމުންހެމުން އީހާން ގެއިން ނުކުތެވެ. ދަރިފުޅު ނުކުންނަންދެން ހެވިފައި އިން ލަމްހާގެ ހިނިތުންވުން ފަނޑުވިއެވެ. ކައިރީގަ އިން ނީރާއަށް ލަމްހާ ބަލާލިއެވެ.
"މިހާރު އެއީ މަންމަހެ އީހާން. އެކަމަކު ހާދަ ދުވަހެއް މިކަމުގައި ނަގައިފިޔޭ. އެ ސުންޕާކަމުގައި އަހަރެއްވާން މިއުޅެނީ... ކުޑަ ދުވަސްކޮޅެއްނޫން، އަދިކިރިޔާ އެކުއްޖާ ހަމައަކަށް އެ އެޅުނީ. ކީއްކުރާނީ، ހުރިހާ ކަހަލަ މީހުނެއް ވެސް ދުނިޔޭގަ އުޅޭނެ." ލަމްހާގެ އަޑުގައިވީ މޮޅިވެރިކަން ނީރާއަށް އިހްސާސް ކުރެވެއެވެ.
"އީހާން އަދިވެސް ވަރަށް ވިސްނާ، އެހެންނޫނީ އޭނާ ކުއްޖަކާ ރައްޓެހިނުވެ ހުންނާނޭ މަންމައަށް ހީވޭތަ؟ ކަމުދާ އަންހެން ކުދީން ފެނޭ، އެކަމަކު ޖެހިލުންވަނީ، އަނެއްކާވެސް އެހެންވެދާނެތީ... ސޫޒަންހާ ވިޔާނުދާ އަންހެނަކަށް ހުރިހާ އަންހެން ކުދީން ނުވާނޭކަން ހަނދާންކޮށްދޭން. މަންމަ ބުނަމެންނު ދުނިޔޭގެ އުޅެގެންނޭ ދުނިޔެ ދަސްވާނީ. ތަޖުރިބާއެއްނުލިބި ކުރިއަކަށް ނުދެވޭނޭ." ލަމްހާގެ ކޮނޑުގައި ނީރާ އަތް އަޅުވާލީ ހިނިތުންވަމުންނެވެ.
ފަންސަވީސް އަހަރުގެ އީހާނަކީ އަންހެން ކުދީންގެ މެދުގައި މަގުބޫލު ޒުވާނެކެވެ. ކިޔެވުން ނުނިމެނީސް އޭނާގެ ހަޔާތަށް ބައިވެރީން އަންނަން ފެށިއެވެ. އޭނާގެ ދިގު އިސްކޮޅާއި ގަވައިދުން ކަސްރަތުކޮށް ބަހަލައްޓާ ހަށިގަނޑަކީ ރީތިކަމުގެ އެއްބައެވެ. ހުދުހުދު ދަތްތައް ފެންނަވަރަށް އަބަދުމެ ހެވިފައި ހުންނަ ހުރުން އޭނާގެ ކައިރީ އުޅޭ މީހުންގެ ހިތްތަކަށް ހަމަޖެހުން ވެރިކޮށްދެއެވެ. އެކި ދުވަސްވަރަށް އެއިރެއްގައި އެންމެ ހިނގާ ވަށްޓަފާޅިއަކަށް ހެދުން އެޅުމާއި ބޮލުގެ އިސްތަށިގަނޑުގެ ބަދަލުކުރާނެއެވެ. އީހާނުގެ ހަޔާތަށް އަންނަ ބައިވެރީން ޚާއްޞަވާ ކަމެއް އޮވެއެވެ. އޭނާއަށް މިހާތަނަށް ކަމުގޮސްފައި ހުރީ މުޅީން ވެސް ސީނުން ނަން ފެށޭ ކުދީންނެވެ.
އީހާންގެ ހަޔާތުގައިވީ ހަމަޖެހުމާއި އުފާވެރިކަން ޖަހައިގަތީ ސޫޒަންއެވެ. ބަދަލުކުރަމުން އައި ގިނަ ބައިވެރީންގެ ތެރެއިން ސޫޒަންއަކީ އީހާނަށް އެންމެ ކަމުދިޔަ އަންހެން ކުއްޖާއެވެ. ފުންލޯތްބެއް ވެވުނު ފުރަތަމަ އަންހެންކުއްޖާއެވެ. ހަޔާތުގައި އާ ތަޖުރިބާތަކަކާއެކު ލޯބީގެ އާ ހަރުފަތަކަށް އޭނާ ސޫޒަންއާއެކު އެރިއެވެ. ރައްޓެހިވުމާއެކު އެ ޚަބަރު ފުރަތަމަ ވެސް އީހާން ހިފައިގެން އައީ ނީރާގެ ގާތަށެވެ. އޭނާގެ ހަޔާތުގައި ނީރާއަށް ސިއްރުވެފައި އެއްކަމެއް ވެސް ނޯވެއެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް އޭނާގެ ކަންކަން ހިއްސާކުރާ އެންމެ ގާތް ރަޙުމަތްތެރިއާގެ މަގާމުގައި ހުރީ ނީރާއަށެވެ. އީހާންގެ ގޮތް ނީރާއަށް އެހާ ރަނގަޅަށް އެނގެނީ އެހެންވެއެވެ. އާއިލާއަށް ސޫޒަން ތަޢާރަފްކޮށްދިން ހިސާބުން އީހާންގެ ހިތް ލަމްހާއަށް އެނގިއްޖެއެވެ. މީގެ ކުރީން ގެއަށް އަންހެންކުއްޖަކު ނުގެނައި ނަމަވެސް ފިރިހެން ދަރިފުޅުގެ ގުޅުންތަކުގެ ޚަބަރު ލަމްހާއަށް އައީ ކޮންމެވެސް ވަރަކަށް އެނގެމުންނެވެ. ގުޅުމުގެ ސީރިއަސްކަން ލަމްހާއަށް ވެސް ވިސްނުނީ ގެއަށް ގެނައި ފުރަތަމަ އަންހެންކުއްޖަކީ ސޫޒަނަށް ވީމައެވެ. ރީތިކަމާއި ޒަމާނީ ފަންވަރާއި ވަށްޓަފާޅި ނެތިއްޔާ އީހާނަށް ކަމުނުދާނޭކަން ލަމްހާއަށް ވެސް އެނގެއެވެ. އެ ހުރިހާ ކުލައެއް ސޫޒަންގެ ފުށުން ފާޅުވެއެވެ. އެންމެންނަށް ނުފެނުނީ މޭގައި ފޮރުވިފައި އޮތް ހީލަތްތެރި ހިތެވެ. ނާށިގަނޑު ތެރޭ އޮތް ސިކުނޑިން ރާވަމުންދިޔަ ނުބައި ރޭވުންތަކެވެ. އީހާންއާ ސޫޒަން ގުޅުނު ހަގީގީ މަގްސަދެވެ. ލޯބީގެ ޒައްރެއް ވެސް ނެތި އޭނާއާ ހެދި އީހާން ދީވާނާ ކުރުވީ ނުހަނު ކުޅަދާނަކަމާއެކުއެވެ.
ކައިވެނީގެ ހިޔާލު ލަމްހާ ދޭން ޖެހުނީ ފިރިހެން ދަރިފުޅު އަންހެން ކުއްޖަކު ގޮވައިގެން ގޭގައި ހޭދަކުރާ ވަގުތާއި ގާތްކަން ފެނިފައެވެ. ބަންދު ކޮޓަރީގެ ތެރޭ ދެ ޒުވާނުން ތިބޭލެއް ގިނަވެގެންނެވެ. ސުޖާއުގެ ރިސޯޓުތަކަށް ދެ ޒުވާނުން ގޮސް އުޅޭ ގޮތުގެ ޚަބަރުތައް އިވޭން ފެށީމައެވެ. ހަމައެއާއެކު ސޫޒަންއަށް އީހާން ކުރާ ޚަރަދު ފެންނަން ފެށީމައެވެ. ލަމްހާ އެދިއެދި ސޫޒަންގެ އާއިލާއާ ދުވަހަކު ބައްދަލުވޭވޭ ގޮތެއް ނުވިއެވެ. ސޫޒަންގެ ބައްޕައާ ވާހަކަދެއްކުނީ ވެސް ފޯނުންނެވެ. އެދުވަހު ބައްޕަކަމުގައި ހީކުރިޔަސް، މިއަދު އެކަމާ އެންމެން ވެސް ސުވާލު އުފެދެއެވެ. އެވެސް ސޫޒަން އޮޅުވާލި އޮޅުވާލުމެއް ނޫންކަމެއް ނޭނގެއެވެ. ކައިވެންޏަށް ޓަކައި ބާޒާރު ކުރީ ރާއްޖޭން ބޭރުންނެވެ. އީހާންގެ ކައިވެންޏަކީ އަގުބޮޑު ހުރިހާ ގޮތުން ފުރިހަމަ ކައިވެންޏަކަށްވާން ލަމްހާއާއި ސުޖާއު ވެސް ބޭނުންވާތީއެވެ. އީހާންގެ ކްރެޑިޓް ކާޑު އޮތީ ސޫޒަންއާ ހަވާލު ކޮށްފައިކަން އާއިލާގެ އެކަކަށް ވެސް ނޭނގެއެވެ. ހުރިހާ ތައްޔާރީއެއްވެ ކައިވެނީގެ ވަގުތު ޖެހުނުއިރު ވެސް ރީތިވުމަށް ސެލޯނަށް ދިޔަ ސޫޒަން އެނބުރިއެއް ނައެވެ. އާއިލާއާ ބައްދަލުނުވެ ސޫޒަންގެ ފޯނުން ދެއްކި ފޮޓޯތަކާއި، ފޯނުން އެ އާއިލާއާ ދެއްކިފަ ހުރި ވާހަކަތަކަށް ބަރޯސާ ވެވުނީތީ އީހާންގެ އާއިލާއަށް ލިބުނީ ދުވަހަކުވެސް ނުލިބޭފަދަ ބޮޑު ލަނޑެކެވެ. ކައިވެނީގެ މަޖިލީހަށް ވާން އުޅޭ އަނބިމީހާއެއް ނައެވެ. އީހާންގެ ދިރިއުޅުމުން ސޫޒަން ފިލާ ރައްކާވީއެވެ. އީހާންގެ އެކައުންޓު ދޮވެލައިގެންނެވެ. ބޭންކަށް ދަރަނިކޮށްލާފައެވެ. އެބޮޑު އޮޅުވާލުން ސޫޒަން އޮޅުވާލިއިރު އީހާންގެ އާއިލާގެ މީހަކަށް ޝައްކެއް ވެސް ނުވިއެވެ. އެމީހުން ސޫޒަންއަށް އިތުބާރު ކުރީ އީހާނަށް ޓަކައެވެ.
އީހާނަށް ލިބުނު ސިހުމުން ދުވަހަކުވެސް އަރައިގަނެވޭނޭ ހީނުވެއެވެ. ބޮޑުވެފައި ހުރި އީހާން ހިތް ހަލާކުވެ، ނިކަމެތިކަމާއެކު ރުއިވަރު އެ އާއިލާގެ އެކަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އަމިއްލައަށް ގޭގައި ބަންދުވެގެން އޭނާ ހަ މަހަށްވުރެ ގިނަ ދުވަހު އުޅުނެވެ. ރައްޓެހިން ގިނައިރު އެންމެންނާ އޭނާ ގުޅުން ކަނޑާލިއެވެ. ދުރަށް ނުދިޔަ އެކުވެރިއަކަށްވީ ޔަމާނު އެކަންޏެވެ. ފައިސާއާ މެދު ސުޖާއު ކަންބޮޑެއް ނުވިއެވެ. އޭނާއަށް މުހިންމުވީ ފިރިހެން ދަރިފުޅު އެ އަނދަވަޅަށް ވެއްޓިވެއްޓި އޮއްވާ ސަލާމަތްވީތީއެވެ. ސޫޒަންއާ ކައިވެނި ކުރިނަމަ އަދި މިއަށްވުރެ ހާލު ޖެހުނީސްކަމުގައި ސުޖާއު ގަބޫލުކުރެއެވެ. އޭނާ ބެލިއިރު ސޫޒަންގެ އެފަދަ އެތައް މައްސަލައެއް ފުލުހުންގެ ރިކޯޑުގައި އެބަހުއްޓެވެ. އޭނާ އެގޮތަށް ފައިސާ ހޯދާފައި ހުރީ ހަމައެކަނި ޒުވާނުންގެ އަތަކުން ނޫނެވެ. އެ ވާހަކަތައް ލަމްހާ ނޫން އެކަކާ ވެސް ސުޖާއު ހިއްސާއެއް ނުކުރެއެވެ. އެހެންވިޔަސް އެހީތެރިކަން ބޭނުންވާވަރަށް އީހާންގެ ހާލު ގޯސްވިއެވެ. އޭރު ފެށި ކައުންސެލިން އީހާން ހުއްޓާލިތާވީ އަދި މިވީ ހަފްތާއެކެވެ. މިހާރު އާއިލާއަށް ވެސް ފިލާވަޅެއް ލިބިއްޖެއެވެ. ދަރީން ބޮޑެތިވިޔަސް އެކުދީން ގުޅެނީ ކޮންކަހަލަ ބަޔަކާކަން ބެލުން މުހިންމުކަން ވިސްނިއްޖެއެވެ. ބުނާހާ އެއްޗެއް ގަބޫލު ކުރުމުގެ ބަދަލުގައި އަމިއްލައަށް ކަމުގެ ހަގީގަތް ބަލަން ޖެހޭނެއެވެ. ދަރީން ގުޅޭ މީހުންގެ ފަތިފުށް ހޯދާ ރަނގަޅަށް އެނގިގެން ނޫނީ އެ ގުޅުމަށް އެއްބަސްވުން ބުއްދިވެރިއެއް ނޫނެވެ.
"ހުރިހާ އަންހެނުން ސޫޒަންއަކަށް ނުވާނެ... އަމިއްލަ ނަފްސަށް ފުރުސަތު ދީބަލަ." ސައިކަލުގައި ދުއްވަމުން އައި އީހާންގެ ސިކުނޑީގައިވީ ނީރާގެ ބަސްތަކެވެ. ވަރަށް ދުވަހު ކުރިއަށް ނުދެވިފައި އީހާން ހުރެއްޖެއެވެ. އޭނާ ވެއްޓުނު ދުވަހު ނަގަން ފަސޭހަނުވިޔަސް އޭނާގެ ގައިން ދޫކޮށްނުލާ އެންމެ ގާތުގައި ހުރީ ނީރާއެވެ. އެންމެ ހިނދުކޮޅަކަށް ވެސް އީހާން ނާއުންމީދުވާން ނީރާ ދޫކޮށެއްނުލައެވެ. ލުއި ހިނިތުންވުމެއް އީހާންގެ ތުންފަތުގައި ދުވެލިއެވެ. މިހުރިހާ ދުވަހު އޭނާ ކުރިމަތިލީ ކުރިމަތިލުން މާޒީގެ ތެރެއަށް ދޫކޮށްލާފައި ހަޔާތުގެ ރާސްތާ ދައްކާ މިސްރާބުން ކުރިއަށް ހިނގައިގަންނަން އީހާން ހުރީ ތައްޔާރަށެވެ.
"ޝީ އިޒް ދި ބެސްޓް... މައި ބެސްޓްފްރެންޑް..." ހިނިއައިސްފަ އިނދެ އީހާން ބުނެލީ ޔަގީންކަމާއެކުއެވެ. (ނުނިމޭ)