ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އޮފީސް

އާދިއްތާގައި އޮފީސްތައް ހުޅުވަނީ، އުސޫލު އާންމުކޮށްފި

ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތައް އޮތް އޮތުން ނިމުމަކަށް ގެނެސް އަންނަ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ކޮވިޑް-19 ޖެހިފައިވާ މީހުން ތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފައިވާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ހިދުމަތް ދިނުމާއި މުވައްޒަފުން މަސައްކަތަށް ނެރުމުގައި މިއަދު ހަމަޖެއްސެވި އުސޫލަކީ މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ހަމަޖެއްސުމާއި މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތިން އެއްފަހަރާ ވީހައިވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމާއި މުވައްޒަފުން ޓީމުތަކަކަށް ބަހައިލައިގެން މަސައްކަތު ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެ ގޮތަށް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި އިދާރާއިން ދޭ ހިދުމަތްތަކުގެ ބާވަތަށާއި ދޭ ހިދުމަތްތަކުގެ މިންވަރަށާއި ހިދުމަތް ދިނުމަށް ލިބިފައިވާ ވަސީލަތްތަކަށާއި މުވައްޒަފުންގެ އަދަދަށް ބަލައި އިދާރާއިން ދޭ ހިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައި އެކި ދުވަސްތަކުގައި އެކި ހިދުމަތް ދޭ ގޮތަށް ހަމަޖެއްސުން އަންގާ ކަމަށެވެ.

ސަރުކާރުގެ ހުރިހާ އިދާރާއަކުން އަމަލުކުރަން މިއަދު ހަމަޖެއްސެވި މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު ނުރަސްމީ ގަޑީގައި މުވައްޒަފުން މަސައްކަތްކު ރަން ނުޖެހޭ ގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި ސަރުކާރުގެ އެހެން އިދާރާތައް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުމާއި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިއުމަށް އަންގާ ކަމަށެވެ.

އަދި އޮންލައިންކޮށް ދެވެންހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި އެ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިޔުމާއި ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ނުރަސްމީ ގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުމަށްވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތައް ހިންގުމުގައްޔާއި އިދާރާތަކުގައި މަސައްކަތް ކުރުމުގައި ސިއްހީ ރައްކައުތެރިކަމުގެ ގޮތުންނާއި މަސައްކަތު މާހައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި އިޖުތިމާއީ ގައިދުރުކަމުގެ ގޮތުން އަޅަންޖެ ހޭކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރުމަށާއި އޮފީހުން ކުރާ ކަރުދާހުގެ ހަރަދާއި ޕްރިންޓް ކުރުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތް ކުރެވޭނެ އުސޫލުތައް ހަދައި އެ އުސޫލުތައް ތަންފީޒު ކުރުމާއި ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕަލެސް" މަސައްކަތުގެ މާހައުލެއް އޮފީހުގައި ގާއިމުކުރުމަށް މަސައްކަތް ކުރުމާއި ކޮވިޑް 19 އާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ހަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގާފައެވެ.