ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އޮފީސް

ކޮވިޑްގެ ހާލަތު ގޯސްވާތީ ވަޒީރުން މަޝްވަރާކުރައްވައިފި

Jan 11, 2022

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާތީ ކޯވިޑްގެ ޙާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ މިބައްދަލުވުމުގައި ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން ވަޒީރުން ވަނީ ކޮވިޑް ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރާއިރު ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް، އާންމުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް ހަމަޖެއްސެވުމާ ގުޅޭގޮތުންވެސް ވަޒީރުން މަޖިލީހުގައި މަޝްވަރާކުރެއްވި އެވެ.

ކޮވިޑްގެ އާ ވޭރިއަންޓް -- އޮމިކްރޯން ރާއްޖެ އިން ފެނުނު ފަހުން ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފަ އެވެ.

އަޅަން ނިންމާފައިވާ ފިޔަވަޅުތައް

  • 50 މީހުންނަށް ވުރެ ގިނަ މީހުން ޖަމާވާ ގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުން
  • މަގުމަތީ ބާޒާރުތައް ނުބޭއްވުން
  • ކުޅިވަރު މުބާރާތްތައް ކުޅިބަލާ މީހުންނަށް ވަދެވޭ ގޮތަށް ނުބޭއްވުން
  • ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއަކާ އެކު ދަތުރުކުރުން
  • ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުވާ ފަރާތެއް ނަމަ 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުން. އަދި ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަަމަކުރުމަށްފަހު ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ނެެގެޓިވް ވުމުންނެވެ. މީގެތެރޭގައި މިފަދަ މީހުންނާ އެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ހިމެނެ އެވެ.

ރާއްޖޭގައި އިއްޔެއާ ހަމައަށް 98،506 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 94،404 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 3،825 ކޭސް އިއްޔެއާ ހަމައަށް ރެކޯޑްކޮށްފައިވާއިރު އިއްޔެ އެކަނިވެސް 454 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެެވެ.