ދުޢާކުރުމަކީ އެންމެ މަތިވެރި އެއް އަޅުކަމެވެ. ދުޢާކުރާ މީހުންގެ ދުޢާ އިޖާބަ ނުކުރައްވާ ރައްދު ނުވާނޭކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘްކުރައްވާފައެވެ. ދުޢާ އިޖާބަކުރެއްވުމުގައި ތިން ގޮތެއްވެއެވެ. އެމީހަކު އެދުނު ފަދައިން އެކަމެއް ފުއްދަވައި ދެއްވުމެވެ. ނުވަތަ އެ ދުޢާގެ ސަބަބުން ދުނިޔެމަތީގައި ކުރިމަތިވާ އެހެން މުޞީބާތަކުން ސަލާމަތް ކޮށްދެއްވުމެވެ. ނުވަތަ އެދުޢާގެ މަންފާ އާޚިރަތަށްޓަކައި ލަސްކޮށްދެއްވުމެވެ.
ދުޢާ ކުރުމުގެ ފައިދާއާ ބެހޭގޮތުން އަލްއިމާމު އިބްނުލް ޤައްޔިމު رحمه الله އެކަލޭގެފާނުގެ އައްދާއު ވައްދަވާއު އޭ ކިޔުނު ފޮތުގައި ލިއްޔުއްވާފައިވާ އަގުހުރި ބަސްތަކުގެ ތެރެއިން ތަންކޮޅެއްގެ މާނަ ލިޔެލާނަމެވެ.
އިންބުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. ދުޢާ އަކީ އެންމެ ފައިދާހުރި ފަރުވާއެވެ. އަދި އެއީ ބަލާއާފާތްތަކުގެ ޢަދުއްވެވެ. ދުޢާގެ ސަބަބުން މުޞީބާތްތައް ދުރުކޮށްދެއެވެ. އަދި އެ މުޞީބާތްތަކުން ކުރިމަތިވާ ކަންކަމަށް ފަރުވާއެއް ލިއްބައިދެއެވެ. އަދި މުޞީބާތްތައް ޖެހުމުގެ ކުރިން ރައްކާތެރިކޮށްދެއެވެ. ނުވަތަ އެ މުޞީބާތް ލުއިކޮށްދެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދުޢަކީ މުއިމިނުންގެ ހަތިޔާރެވެ."
ކުރިމަތިވާ މުޞީބާތަކުން ސަލާމަތްކޮށްދިނުމުގައި ދުޢާގެ ތިން ޙާލަތެއްވެއެވެ. އެއީ؛
* އެކެއް: އެ ދުޢާއަކީ ކުރިމަތިވި މުޞީބާތަށްވުރެ ވަރުގަދަ ދުޢާއެއް ކަމުގައިވުމެވެ. އެހެންކަމުގައިވާނަމަ، ދުޢާގެ ސަބަބުން އެ މުޞީބާތް ފިއްލަވައިދެއްވައެވެ.
* ދޭއް: ދުޢަކީ ކުރިމަތިވި މުޞީބާތަށްވުރެ ވަރު ދެރަ ދުޢާއެއްކަމުގައިވާނަމަ، އެދުޢާގެ މައްޗަށް މުޞީބާތް ގަދަފަދަވެގަނެއެވެ. އެހެންވުމުން، އެ މުޞީބާތް ޖެހެއެވެ. އެއާއެކުވެސް، ދުޢާކުރުމަކީ މުޞީބާތް ލުއިކޮށްދޭ ކަމެކެވެ.
* ތިނެއް: ތިންވަނަ ޙާލަތަކީ ދުޢާއާއި މުޞީބާތާ އެއްވަރު ވުމެވެ. އެހެންވެއްޖެނަމަ، އެކަތި އަނެކަތި މަނާކުރެއެވެ. (ދުޢާގެ ސަބަބުން މުޞީބާތް ކުރިމަތިވުން ހުއްޓުވައެވެ. އަދި މުޞީބާތުގެ ސަބަބުން ދުޢާގެ އެހެނިހެން ފައިދާތައް ހުއްޓުވައެވެ.)
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «إِنَّ الدُّعَاءَ يَنْفَعُ مِمَّا نَزَلَ وَمِمَّا لَمْ يَنْزِلْ، فَعَلَيْكُمْ عِبَادَ اللَّهِ بِالدُّعَاءِ» رواه الترمذي މާނައީ: "ހަމަކަށަވަރުން، ދުޢާއަކީ ކުރިމަތިވެފައިވާ ކަންކަމުގައްޔާއި، ކުރިމަތި ނުވެވާ ކަންކަމުގައިވެސް މަންފާކުރަނިވި ކަމެކެވެ. ވީމާ، އޭ ﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ދުޢާކުރުމުގައި ދެމިތިބޭށެވެ!" (الداء ولادواء لابن القيم)
އިސްވެދިޔަ ވާހަކަތަކުގައި ބަޔާންވެފައި އެވާ ތިންޙާލަތުގައި އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވާ ބަސްފުޅާމެދު ވިސްނާލާއިރު، ދުޢާގެ ބާރުގަދަވުމާއި ދައްވުން އެ ނިސްބަތްކުރައްވަނީ، ދުޢާ ކުރާ މީހާ، ދުޢާ އިޖާބަވުމުގެ ސަބަބުތަކުގައި ހިފާ މިންވަރުގެ މައްޗަށެވެ. އަދި ދުޢާ ކުރުމުގައި، ކެނޑިނޭޅީ، މާތް ﷲ ގެ ޙަޟުރަތުގައި އާދޭސް ދަންނަވާ މިންވަރުގެ މައްޗަށެވެ. ތަޤުވާވެރި ޞާލިޙު އަޅަކު، މާތް ﷲ ގެ ޙަޟުރަތުގައި ދަންނަވާ ދުޢާއަކީ ނުހަނު ބާރުގަދަ ވެގެންވާ ދުޢާއެކެވެ. އެއާޚިލާފަށް، އަޅުތަކުންގެ ތެރެއިން، މާތް ﷲ ޒިކުރު ކުރުން މަދު، ހެޔޮކަމުގައި ފަސްޖެހޭ، އުރެދުންތަކަށް އަރައިގަންނަ މީހެއްގެ ދުޢާއަކީ ބާރުގަދަ ދުޢާއެކޭ ދެންނެވޭކަށް ނޯންނާނެއެވެ. ދުޢާ އިޖާބަ ކުރެއްވުމަށް ހުރަސްއެޅޭ ކަންކަންވެސް ޢިލްމުވެރިންވަނީ ބަޔާންކޮށްދެއްވާފައެވެ. ނަމަވެސް މި ލިޔުމުގައި އެވާހަކަ ދޫކޮށްލާނަމެވެ.
ދުޢާކޮށް، ޒިކުރުކޮށް، މާތް ﷲ ހަނދުމަކުރާ އަޅުތަކުންގެ ދުޢާ އިޖާބަ ކުރެއްވުމުގައި މާތް ﷲ ދެމިވޮޑިގެންވެއެވެ. ޙަދީޘްފުޅުތަކުން އެނގޭގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ، އެއިލާހުގެ އަޅުތަކުންގެ ތެރެއިން ދުވާލު ފާފަކުރާ މީހުންނަށް ރޭގަނޑު ފާފަ ފުއްސަވައިދެއްވައި، ރޭގަނޑު ފާފަތަކަށް އަރައިގަންނަ މީހުންނަށް ދުވާލު ފާފަ ފުއްސަވައިދެއްވާ އިލާހެވެ.