ދުނިޔެ

ޓްރަމްޕް ޓީމުން ސޯޝަލް މީޑިއާ އެޕެއް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓީމުން މުޅިން އާ ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް އުފައްދައި ތައާރުފު ކޮށްފި އެވެ. މި އެޕްލިކޭޝަންށް ކިޔަނީ ގެޓާ އެވެ. މެނޭޖްމަޓުން ބުނީ ރަސްމީކޮށް ގެޓާ ބޭނުން ކުރަން ފަށާނީ ޖުލައި ހަތަރު ވަނަ ދުވަހު ކަމަށެވެ. ޖުލައި ހަތަރަކީ އެމެރިކާގެ މިނިވަން ދުވަހެވެ

އެމެރިކާގެ ގާނޫންހަދާ މަޖިލީހުގައި މި އަހަރު ޖެނުއަރީ ހައެއްގައި ޓްރަމްޕް ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓްވިޓަރާއި ފޭސްބުކާއި އިންސްޓާގްރާމް އަދި ސްނެޕްޗެޓް ވެސް ވަނީ ޓްރަމްޕްއަށް ބޭނުން ނުކުރެވޭ ގޮތް ހަދާފަ އެވެ.

ގެޓާގެ މެނޭޖްމަންޓުން ބުނީ އުންމީދަކީ ބާރުގަދަ ޓެކް ކުންފުނިތަކާ ވާދަ ކުރުން ކަމަށާއި މީހަކު ބުނާ އެއްޗެއްގެ ސަބަބުން ބޭނުން ކުރުން މަނާ އެޕްލިކޭޝަނަކަށް ގެޓާ ނުވާނެ ކަމަށެވެ. ގެޓާ އާންމުކުރާ ހަފުލާ ޖުލައި ހަތަރެއްގައި ބާއްވާނެ ކަމަށް ބުނި ނަމަވެސް ގޫގުލް ޕްލޭ އަދި އެޕަލް އެޕް ސްޓޯރުން ވެސް މި އެޕްލިކޭޝަން މިހާރު ވެސް އިންސްޓޯލް ކުރެވެ އެވެ.

އެޕްލިކޭޝަންގެ މެނޭޖްމަންޓުން ބުނީ ގެޓާ – ގެޓް ޓްގެދާ އަށް ޓްވީޓާގެ ހުރިހާ ފީޑްތަކެއް އިންޕޯޓް ކުރެވޭނެ ކަމަށެވެ. އަދި ވީޑިއޯ އެޑިޓިން ލައިވް ފީޑް ފަދަ ފީޗާތައް ގެންނާނެ ކަމަށެވެ. ޓްވީޓާއާށް ވުރެ ޕޯސްޓްތައް ދިގު ކުރެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ގެޓާގެ އިންޓަފޭސް، ޓްވީޓާއާ ދާދި އެއްގޮތް ނަމަވެސް މައިގަޑު ކުލައަކީ ރަތާއި ހުދެވެ. ޓްވީޓާއަށް ހާއްސަ ކުލައަކީ ނުލާއި ހުދެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގެޓާގައި ޓްރަމްޕް ބައިވެރި ނުވުމަކީ ވެސް ގާތް ކަމެކެވެ. ފަހަރެއްގައި ބައިވެރި ވެދާނެ އެވެ. އެކަމަކު ޓްރަމްޕް އަމަލު ކުރައްވާނެ ގޮތެއް ނިންމަވާނީ އޭނާ ކަމަށް ގެޓާ މެނޭޖްމަންޓުން ބުނެ އެވެ.