އިންސާނީ ވަގުފާރި

ހިއުމަން ޓްރެފިކިން ހުއްޓުވުމުގައި ރާއްޖެއަށް ކުރިއެރުން

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންސް (ޓިޕް) ރިޕޯޓުގެ ޓިއާ ދޭކަށް ރާއްޖެ ޕްރޮމޯޓް ވެއްޖެ އެވެ.

ޓީއައިޕީގެ ޓިޔާ ދޭއް ގައި ހިމެނޭ ގައުމުތަކަކީ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ މީހުން ހިމާޔަތް ކުރަން އެމެރިކާގައި 2000 ވަނަ އަހަރު ފާސްކޮށް އަދި ފަހުން އިސްލާހު ކޮށްފައިވާ ގާނޫނު، ދަ ޓްރެފިކިން ވިކްޓިމްސް ޕްރޮޓެކްޝަން އެކްޓް އޮފް 2000 އޭސް އެމެންޑެޑް (ޓީވީޕީއޭ) ގައިވާ އެންމެ ދަށް މިންގަނޑަށް ހިއުމަން ޓްރެފިކިން ހުއްޓުވަން ފުރިހަމަ އަށް ފިޔަވަޅު ނޭޅުނު ނަމަވެސް އެކަމުގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތައް ހޯދާފައިވާ ގައުމުތަކެވެ.

އެމެރިކާ ސަރުކާރުން ވަނީ 2017 ވަނަ އަހަރު، ރާއްޖޭގެ ހިއުމަން ޓްރެފިކިން ރެކޯޑަށް ބެެލުމަށްފަހު، ޓްރެފިކިން ވޮޗްލިސްޓުގައި ރާއްޖެ ހިމަނާފަ އެވެ.

މިކަމާ ގުޅިގެން 2020 ވަނަ އަހަރު ރާއްޖެއިން ވަނީ ހިއުމަން ޓްރެފިކިންއާ ދެކޮޅަށް އާ އެކްޝަން ޕްލޭނެއް އެކުލަވާލައި، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް، ޓިއާ ތިނަކަށް ވެއްޓިގެން ނުދާނެހެން ފިޔަވަޅުތަކެއް އަޅާފަ އެވެ.

ޓިއާ ތިނަކަށް ވެއްޓުމަކީ އެމެރިކާ ސަރުކާރުން ރާއްޖެއަށް ދޭ އިންސާނީ އެހީތެރިކަން ނޫން އެހެން އެހީތައް ކަނޑާލުމަށް މަގުފަހިވާނެ ކަމެކެވެ.

އެމެރިކާ ސަރުކާރުން ބުނީ ޓިޕް ރިޕޯޓުގައި ރާއްޖެއިން މަތީ ގިންތިއަކަށް ކުރިއަށް ޖެހުން ރަމްޒުކޮށްދެނީ ނުހަނު ދަތި އުނދަގޫ ހާލަތުގައި ވެސް، ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބޮޑު ކުރިއެރުމެއް ހާސިލްވެފައިވާ ކަމެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުގައިވެސް، ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދޭ އަހައްމިއްޔަތު ފާހަގަކުރައްވާފަ އެވެ.